ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ނަގައި ސޯލާ ޕެނަލްތައް ހަރުކޮށްގެން ހަކަތަ އުފައްދަން ހާއްސަކޮށް ދެ ރަށެއް ހަދާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހުޅުމާލެ ސެންޓަރަލް ޕާކުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، އިޔާދަކުރަނިވި ހަކަތައަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި މުއިއްޒުގެ ސިޔާސަތުގައި ވެސް އެއީ ވަރަށް މުހިއްމު ކަމެއް ދެއްވާނެ ކަމެއް ކަމަށެވެ. ކޮންމެ ކަމެއް ކުރުމުގައި ވެސް އެންމެ ރަނގަޅު ގޮތް އޮންނާނެ ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ ސޯލާ ޕެނަލް ހަރުކުރުމުގައި ވެސް އެއަށް ވުރެ ރަނގަޅު ގޮތެއް އޮންނާނެ ކަމަށެވެ.
އެގޮތުން މިހާރު އެ ހައިވޭގެ ދިގު މަގުގައި ޖަހާފައިވާ ސޯލާ ޕެނަލްތައް ނަގަން ގަސްތު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ސޯލާ ޕެންލްތައް ރާއްޖޭގެ ކުޑަ އަދި މެދު ސައިޒުގެ އެއް ރަށް ނުވަތަ ދެ ރަށަކަށް ބަދަލުކޮށް އެއްކޮށް ސޯލާ ޕަވާއިން ހިންގޭ ގޮތަށް ބަދަލު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަން ކުރައްވާނީ އެ ޕްރޮޖެކްޓަށް ފަންޑު ކުރި ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްގެ ޕްރޮޖެކްޓަކީ ވޯލްޑް ބޭންކާއި އެންވާރަމަންޓު މިނިސްޓްރީ ގުޅިގެން ހިންގާ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ފަސް މެގަވޮޓުގެ ސޯލާ ޕީވީގެ ތެރޭގައި ހިމެނޭ 1000 ޔުނިޓުގެ ތެރެއިން ބައެއް ކަނޑައަޅާފައި ވަނީ ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ ފުރާޅުގައި ހަރު ކުރުމަށެވެ. އަދި މި މަޝްރޫއުގައި ހިމެނޭ ސޯލާ ޕީވީގެ ބޮޑު ބައެއް ގާއިމު ކުރަނީ ހުޅުލެ–ހުޅުމާލެ ލިންކް ރޯޑުގައެވެ.
ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ބައެއްގެ ގޮތުގައި، ލިންކު ރޯޑުގައި އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރަން ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑާ ހަވާލުކުރީ 2020 އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދި މި މަސައްކަތް މި އަހަރު އޮގަސްޓްގައި ނިންމާލެވޭނެ ކަމަށް މީގެ ކުރިން އެންވާރަމަންޓް މިނިސްޓްރީން ބުނެފައި ވީ ނަމަވެސް އަދިވެސް މި މަސައްކަތް ވަނީ ނުނިމިއެވެ.
ބްރިޖް ހައިވޭ އިން ހުޅުމާލެ އިން މާލެ އަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާޕެނެލް ތަކުގައި ޖެހި އެކްސިޑެންޓެއްވެސް މީގެ ކުރިން ހިނގައި ޓެކްސީ އަށާއި ޕެނަލްތަކަށް ގެއްލުން ވެފައި ވެސް ވެއެވެ.
ބޮލެއްނެތި ކޮއްފާވާކަމެއްކަން އޭރުވެސް ފާހަގަކުރެވޭ ފިނދަނަ ގެއެޅިގޮތައް ހަދާފާހުރީމާ މިހާރުވެސް ހުރީ ހޮޅިތަކުގާ ދަބަރުޖަހާފާ ހަޅަޖަހާއިރު ޕެނެލްތައް ހޮވަން ޖެހޭނީ އެއަރ ޕޯޓުމަތިން