މިރޭ ހަނދު ކޭތަ ނަމާދު މާލެ ސަރަހައްދުގައި 3 މިސްކިތެއްގައި ކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ، މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ހިމެނޭހެން މާލެ ސަަހައްދުގެ ތިން މިސްކިތެއްގައި މިރޭ ހަނދުކޭތަ ނަމާދު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ކޭތަ ނަމާދު ކުރާނީ އިސްލާމީ މަރުކަޒުގައި، ވިލިމާލޭގައި ކޭތަ ނަމާދު ކުރާނީ މަސްޖިދުލް އިހްލާސްގައި ކަަމަށާއި އަދު ހުޅުމާޅޭގައި އެ ނަމާދު ކުރާނީ މަސްޖިދުލް ޝައިހް ގާސިމް ބިން މުހައްމަދު އަލް ޘާނީގައި ކަމަށެވެ.

ހަނދުކޭތަ މިރޭ ހިފާނީ ރާއްޖެ ގަޑިން 23:01 އިން ފެށިގެން މެންދަމު 03:26 އާ ދެމެދުގެ ވަގުތެއްގައެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މިރޭ މެންދަމުން އަލިވެ 1:14 ގައެވެ. އެގޮތުން ކޭތަ ނަމާދު ކުރުން އޮންނާނީ މި ރޭގެ 01:15 ހާއިރު ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލެ ސަރަހއްދުގައި މި ތިން މިސްކިތުގައި ކޭތަ ނަމާދު ކުރަން ނިންމާފައިވާ އިރު، ކޮންމެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރަން ވަނީ ނިންމާފައެވެ.

ހަނދު ކޭތަ ހިފަނީ ދުނިޔެ އޯބިޓް ކުރުމުގެ ތެރޭގައި ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުގެ ސަބަބުން، ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެންނެވެ. މި އަހަރުގެ މެއި މަހު ހަނދު ކޭތައެއް ހިފާފައި ވާ އިރު، މި މަހުގެ 14 ވަނަ ދުވަހު ވަނީ އިރު ކޭތައެއް ހިފާފައެވެ. މި ކޭތަ ފެނިފައި ވަނީ ދެކުނު އެމެރިކާގެ ބައެއް ގައުމުތަކަށެވެ.