ރިޒްކާލްޓަން ފަރި ރިސޯޓް ކައިިރީގައި އޮތް ޔޮޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އަނދަމުން އެބަދެއެވެ. އެމްއެންޑީއެފް އިން ބުނީ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ޓީމުން ހަރަކާތްތެރިވާން ފަށޭފައި ވާ ކަމަށެވެ.

'ދަ ޕްރެސް' އަށް ލިބިފައިވާ ވީޑިއޯ އަދި ފޮޓޯތަކުން ފެންނަ ގޮތުން ޔޮޓުގައި ރޯވެ ބޯކޮށް ދުން އަރަމުން އެބަދެއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިފޯޓް ލިބިފައި ވަނީ ހެނދުނު 07:37 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ޔޮޓުގައި ތިބި ޓޫރިސްޓުންނާއި ކުރޫއިން އެހެން ލޯންޗަކަށް އަރުވާފައި ވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

ޓޫރިސްޓުން އެހެން ލޯންޗަކަށް ނެގިއިރު އެއީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ. އެމްއެންޑީއެފް އިން ބުނީ އެމީހުން ސީން އަށް ދިޔައިރު އޭގައި ތިބީ 4 ކުރޫއިން ކަމަށެވެ.

ރޯވި ޔޮޓަކީ ސްމާޓް އޯން ކުންފުނިން އޮޕަރޭޓް ކުރާ މެޖެސްޓީ 62 ނަމަކަށް ކިޔާ ޔޮޓެކެވެ.