ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަޝްވަރާތައް ކުރައްވަމުން ގެންދާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ ބުލޫމްބާގް ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަށް މަސައްކަތް ކުރައްވަނީ އިންޑިއާއާ ޒާތީ ކަމެއް އޮވެގެން ނޫން ކަމަށެވެ. އަދި އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން އިންޑިއާގެ ހައިކޮމިޝަނާ ބައްދަލުކުރައްވަައި މިހާތަނަށް ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ބޭނުންވެވަޑައިގަންނަވަނީ ރާއްޖެ އަކީ ހަގީގީ މާނައިގައި ފުރިހަމަ މިނިވަންކަމެއް ލިބިފައިވާ ގައުމަކަށް ވުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ދިވެހިރާއްޖެއަކީ އެހެން ގައުމަކުން ކޮންޓްރޯލް ކުރާ ގައުމަކަށް ވާން ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި އެހެން މިނިވަން ގައުމުތަކެކޭވެސް އެއްގޮތަށް ރާއްޖޭގެ ނިންމުންތައް އެއްވެސް ގައުމެއްގެ ނުފޫޒެއް ނެތި ނިންމުމުގެ މިނިވަންކަން އޮންނަންވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބިތިބުމާމެދު ރާއްޖޭގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު މިހާރު [ރައީސް އިބްރާހިމް މުހައްމަދު ސޯލިހު] ގެ ސަރުކާރުން ރައްޔިތުންގެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދާރީ ނުވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބެން ތިބެން ދިވެހި ރައްޔިތުން ބޭނުން ނުވާކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އިންޑިއާ ވިޔަސް އަދި އެހެން ގައުމެއްގެ ސިފައިން ކަމަށް ވިޔަސް މި ގައުމުގައި އެއްވެސް ގައުމެއްގެ އަސްކަރީ ސިފައިން ތިބުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
އިންޑިއާ ސިފައިން ފޮނުވާލާފައި ޗައިނާގެ ސިފައިން ވިޔަސް ނުވަތަ އެހެން ގައުމެއްގެ ސިފައިން ކަމަށް ވިޔަސް ރާއްޖެއިން ޖާގަ ނުދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައި ވާއިރު މުއިއްޒު ބޭނުންވެވަޑައިގަންނަވަނީ ދެ ގައުމަށް ވެސް ފައިދާ ކުރާނެފަދަ ގުޅުމެއް ބޭއްވުމަށް ކަމަށް ވެސް ވިދާޅުވިއެވެ. އިތުރަށް މުއިއްޒ ވިދާޅުވީ، ޗައިނާއާއެކު ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރެއްވި އިރު އެ ގައުމުގެ އަސްކަރީ ބާރު ނުވަތަ އަސްކަރީ ސިފައިން ރާއްޖޭގައި ނެތް ކަމަށާއި އެކަން އޮންނަންވާނެ ގޮތަކީވެސް އެއީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ބޭރުގެ މީޑިއާތަކުން މުއިއްޒު އަކީ "ޕްރޯ ޗައިނާ" ބޭފުޅެއް ކަމަށް ރިޕޯޓް ކުރާތީ އެ ނުކުތާގައި ވިދާޅުވީ، އޭނާ ގެންގުޅުއްވާ ސިޔާސަތަކީ "ޕްރޯ މޯލްޑިވްސް" ސިޔާސަތެއް ކަމަށާއި އެންމެ އިސްކަމެއް ދެއްވާނީ ރާއްޖޭގެ މިނިވަން ދެމެހެއްޓުމަށް ކަމަށް ވެސް މުއިއްޒުގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެއްވެސް ގައުމަކަށް ވަކި ހާއްސަ ކަމެއް ނުދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ރާއްޖެއިން އެހެން ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް އިހްތިރާމް ކުރާނެ ކަމަށާއި ހުރިހާ ގައުމަކާއެކު ވެސް ގާތް ގުޅުމެއް ބޭއްވެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެހެން ގައުމުތަކުގެ ދެމެދުގައި އޮންނަ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެއިން ނުވަންނާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ފުރަތަމަ ވަޑައިގަންނަވާނެ ގައުމެއް އަަދި ނިންމަވާފައި ނުވާއިރު ވަޑައިގަންނަވާނެ ގައުމެއް ނިންމަވާނީ ރައްޔިތުންގެ ބޭނުންތަކަށް ބެއްލެވުމަށް ފަހުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.