ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް ހުސައިން ޝަހީދު އަދި ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް މަރްޔަމް ވަހީދު ހަމަޖެއްސުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީއިން ބުނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް އެކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އަދި ސިވިލް ކޯޓުގެ ކަމަށް މަރްޔަމް ވަހީދު ހަމަޖެއްސުމަށް ނިންމާފައި ވަނީ އިއްޔެ ބޭއްވި އެ ކޮމިޝަނުގެ 68 ވަނަ ޖަލްސާއިން ކަމަށެވެ.

ޝަހީދުއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓާސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ އަދި ބެޗްލާސް ޑިގްރީ އިން ޝަރިއާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ.

ނޮވެމްބަރު 26، 2014ގައި ފަނޑިޔާރުކަމުގެ ހުވާކުރެއްވި ޝަހީދުއަކީ ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޝަހީދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފައި ވަނީ ޖުލައި 24، 2018 ގައެވެ.

ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް އައްޔަންކުރެވިފައިވާ މަރްޔަމް ވަހީދު ވަނީ ވިލާ ކޮލެޖްއިން މާސްޓާސް އޮފް ޝަރީއާ އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން ބެޗެލާސް އޮފް ލޯސް ހާސިލްކުރައްވާފައެވެ. އޭޕްރީލް 13، 2016 ގައި ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރެމުގެ ކުރިން މަރްޔަމް ވަނީ ކ.ގާފަރު މެޖިސްޓްރޭޓް ކޯޓާއި އަދި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފައެވެ. މަރްޔަމް ފަނޑިޔާރު ކަމަށް އައްޔަން ކުރެވުނީ ޖަނަވަރީ 8، 2013 ގައެވެ.