ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން ބުނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް ހުށަހެޅި ފަރާތަކަށް ގުޅައި މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހަދާފައިވާކަން ލިބިފައިވާ ހެކިތަކުންނާއި އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ އިއުތިރާފުން ސާބިތުވާކަމަށެވެ.

އިސްމެޖިސްޓްރޭޓް އަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު އިސްމެޖިސްޓްރޭޓް އަލީ އާދަމް މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުބައި މަގްސަދެއް އޮވެގެންކަން ވެސް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީއިން ބުނެއެވެ.

އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ މި އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް ކަމަށްވާތީ، ޖޭއެސްސީގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރުގެ ދަށުން އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ލަފާ އެރުވުމަށް އިއްޔެ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ޖޭއެސްސީއިން އިތުރަށް ބުނީ އަލީ އާދަމްގެ މިފަދަ އެހެން ސުލޫކީ މައްސަލައެއްގައި މިދިޔަ ޖުލައި 23 ވަނަ ދުވަހުވެސް އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ލަފާ ދީފައިވާނެ ކަމަށެވެ. އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ އިތުރު ސުލޫކީ މައްސަލައެއްގެ ތަހުގީގުގެ ތެރެއިން އެ ފަނޑިޔާރު މަސައްކަތަށް ނުކުތުން މަނާ ކޮށްފައިވާއިރު އެ މައްސަލައިގެ ތަހުގީގު މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ޖޭއެސްސީއިން ބުނެއެވެ.

އިސްމެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުރިން އަރުވާފައިވާ ލަފަޔާމެދު ގޮތެއް ނުނިމި ލަސްވުމަކީ ޖޭއެސްސީގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.