ކުޑަ ކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި އިންޑިޔާ އަންހެނަކު މާލޭން ހައްޔަރު ކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވާ އިންޑިޔާ އަންހެނަކީ 22 އަހަރުގެ އަންހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން ވަނީ ބަންދަށް 15 ދުވަސް ޖަހާފައެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރުމުގެ ތުހުމަތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަނިޔާކޮށްފައި ވަނީ އޭނާއާ ބެލެހެއްޓުން ހަވާލުކޮށްފައިވާ ކުޑަ ކުއްޖަކަށެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން، އަނިޔާއެއް ދިނުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެވެ.

ކުޑަކުދިންގެ ކޭސްތައް ބަލައި ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އާންމުކޮށް ހިނގަނީ ކުއްޖާއަށް އިތުރުބާރު ކުރެވޭ މަގާމެއްގައި ހުންނަ މީހެއްގެ ފަރާތުންނެވެ. އެއީ އާއިލާ މެންބަރެއް، ކިޔަވައިދޭ މުދައްރިސެއް، ނުވަތަ އާއިލާ އާ ގާތް ގުޅުމެއް އޮންނަ ރައްޓެއްސަކަށް ވެސް ވެދާނެއެވެ. ހަމައެއާއެކު މައިންބަފައިންނާ ނުލައި ބޭރަށް ދާ ކުދިންނަށް ވެސް ބީރައްޓެހިންގެ ފަރާތުން ވެސް މިފަދަ ކަންކަމާ ކުރިމަތިވާ ފަހަރުތައް އާދެއެވެ.