ހައްދުފަހަނަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގެ ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ގޮތުން މި ހަފްތާ ބަންދުގައި ބޮޑު ތިން ހަރަކާތެއް ކުރިއަށް ގެންދިއުމަށް އާބަންކޯ އިން ނިންމައިފިއެވެ.

އާބަންކޯ އިން ބުނީ ފަލަސްތީނަށް އެހީވުމަށް ބާއްވާ އިވެންޓްތަކުގެ ތެރެއިން މި މަހުގެ 26 ވަނަ ދުވަހު އިލްމުވެރިންގެ ގުޅުން އަދި ހިދުމަތް ޖަމިއްޔާއާ ގުޅިގެން ފޭސް 2 ހިޔާ ޕާކްގައި "ފަލަސްތީނުގެ ހާލަތާ މެދު" މި މައުޟޫއަށް ދީނީ އިލްމުވެރިންނާ އެކު ޕެނަލް ޑިސްކަޝަނެއް އޮންނާނެ ކަމަށެވެ.

މީގެ އިތުރުން މި މަހުގެ 27 ވަނަ ދުވަހު މަމްސަ އެންޖީއޯ އިން ހިޔާ ސަރަހައްދުގައި ފަންޑް ރައިޒިން ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށާއި އަދި މި މަހުގެ 28، 29 އަދި 30 ވަނަ ދުވަހު ކޭކު ޑޯނާސް އިން ފަންޑް ރައިޒިން އިވެންޓެއް ބޭއްވުމަށް ނިންމާފައި ވާކަމަށެވެ.

އާބަންކޯ އިން ވަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބާއްވާ މި ހަރަކާތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިފައެވެ.

ފަލަސްތީނުގެ ގާޒާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ފަންޑްރައިޒް ހަރަކާތްތައް ބާއްވަމުން އަންނައިރު ގާޒާގެ މުސްލިމުންނަށް އެހީވުމަށް ދިވެހި ސަރުކާރުން 2 މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ.