ފަތުރުވެރިކަން ކުޑަކޮށް ތަރައްގީވެފައި ހުރި ސަރަހައްދުތަކުގައި އިންވެސްޓްކުރާ ފަރާތްތަކުން 10 އަހަރަށް އިމްޕޯޓު ޑިއުޓީ ކަނޑާލައި ފަތުރުވެރިކަމުގެ ދާއިރާ އިން ނަގާ ޓެކްސްތަކުގެ 50 ޕަސެންޓު ކަނޑާލުމަށް ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.
މަޖިލީހުގެ ޖަލްސާގައި މިއަދު އޮތީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ހުށަހެޅުއްވި ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި ބަހުސްކުރުމަށް އެޖެންޑާކޮށްފައެވެ.
އެ ބިލަށް ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ، މާލެ އާއި މާލެ އާ ކައިރި ސަރަހައްދުތަކުގައި ގެސްޓްހައުސް ވިޔަފާރި އާއި ރިސޯޓު ވިޔަފާރި ފުޅާވެ އެ ސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީވެފައިވީ ނަމަވެސް، މާލެ އާ ދުރު ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްގީވެފައިވާ މިންވަރު ފާހަގަކުރެވިފައިވާ ކަމަށެވެ.
މިސާލެއްގެ ގޮތުން އެންމެ އުތުރުގައިވާ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅު ނަންގަވައި ސަލީމް ވިދާޅުވީ، އެހެންވަނީ ކީއްވެތޯ ބަލައި، މާލެ އާ ދުރު ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް މަގުފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.
ފުރަތަމަ މައްސަލައެއް ގޮތުގައި ސަލީމް ފާހަގަކުރެއްވީ ރާއްޖޭގެ ދަތުރުފަތުރުގެ އަގު އިންތިހާ އަށް ބޮޑުވުމުގެ މައްސަލައެވެ. އޭނާ ވިދާޅުވި ގޮތުގައި މާލެ އާ ދުރު ސަރަހައްދުތަކަށް ފަތުރުވެރިން ދާން ފަސް ޖެހެނީ ދަތުރުފަތުރުގެ އަގުތައް ބޮޑުވުމުގެ ސަބަބުންނެވެ.
ދެވަނަ މައްސަލައަކަށް ސަލީމް ފާހަގަކުރެއްވީ ފަތުރުވެރިކަން ކުޑަކޮށް ތަރައްގީވެފައިވާ ނުވަތަ ފުޅާ ނޫން ސަރަހައްދުތަކުން މާލެ އާ އެއް ހަމައެއްގައި ޓެކްސް ނެގުމެވެ. މިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެހެންވުމުގެ ސަބަބުން މާލެ އާ ދުރު ސަރަހައްދުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރުމަށް އިންވެސްޓަރުންގެ ޝައުގު ނުހުންނަ ކަމަށާއި، އެފަދަ ސަރަހައްދަކުން ރިސޯޓެއް ހެދުމަށް ރަށެއް ހޯދިޔަސް އެ މަސައްކަތަށް ހޭދަވާ އަގު ބޮޑުވާނެތީ އެތައް ރިސޯޓެއް ތަރައްގީނުކުރެވި އެބަހުރި ކަމަށެވެ.
އެހެންކަމުން ސަލީމް ހުށަހެޅުއްވީ އެންމެ ކުޑަކޮށް ފަތުރުވެރިކަން ތަރައްގީވެފައި ހުރި ސަރަހައްދުތަކަށް އިންވެސްޓުކުރާ ފަރާތްތަކަށް 10 އަހަރު ވަންދެން ޑިއުޓީ މައާފްކޮށްދިނުމަށް ފަހު، އެ މުއްދަތުގައި އެ މީހުންގެ އަތުން ނަގާ ފަތުރުވެރިކަމުގެ ޓެކުހުން 50 ޕަސެންޓު ލުއިކުރުމަށެވެ.