އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ރާއްޖެއިން 2 މިލިއަން މަސްދަޅު ހަދިޔާ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ގާޒާގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ކުރިއަށް ގެންދާ އަސްކަރީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ވެވެން އޮތް އެހީތެރިކަމެއް ވެދެއްވުމުގެ ގޮތުން ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ބައިނަލްއަގްވާމީ އަދި އިންސާނީ ހައްގުތަކާބެހޭ އެންމެހާ ގާނޫނުތަކާ ހިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށް ވެސް މިއުވާން ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ވަގުތުން ހުއްޓުވުމަށް މަޖުބޫރުކުރުވައި ގާޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތު ކަމުގެ ކޮރިޑޯއެއް ހުޅުވުން ކަށަވަރު ކުރުމަށް ބާރުއެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ކުރިން ގޮވާލި ގޮވާލުން ތަކުރާރުކުރާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުން އެބައި މީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުން ގެންދާ ޖާއިޒު މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާނުލައި ތާއީދު ކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ކަަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއް ވެސް ވަނީ ދިވެހި ސަރުކާރާއި ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީން ރައްޔިތުންނާ އެކުގައި ކަމަށާއި ފަލަސްތީނަށް ހަމަޖެހުން ގެނައުމަށް އަބަދުވެސް ރާއްޖެއިން ވަކާލާތު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޑުއުފުލަމުން އަންނަ އިރު، އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެކި ކުންފުނިތަކުންނާއި އާންމު ފަރުދުން ވެސް ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެ އެހީގެ ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މެދުވެރިކޮށް ޕަލަސްތީންގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ވަނީ 5800 އަށް އަރާފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.