ޗައިނާގެ އިސް ބައެއް އޮފިޝަލުންނާ މެދު ކޮރަޕްޝަންގެ ތުހުމަތު ކުރެވި ގާތްގާތުގައި އިސް އޮފިޝަލުންތަކެއް މަގަމުން ވަކިކުރަމުން ދަމުން ގޮސް 8 މަސް ނުވަނީސް ޑިފެންސް މިނިސްޓަރު ކަމުން ލީ ޝަންގްފޫ ވެސް ވަކިކޮށްފިއެވެ.

ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީ އިން ބުނީ, ޗައިނާ ސަރުކާރު ހިންގާ އެންމެ އިސް ކޮމިޓީން އޭނާ ވަކިކުރަން ނިންމާ އެކަން ތަންފީޒު ކޮށްފައި ވާ ކަމަށެވެ.

އޭނާ އަށް ތުހުމަތު ކުރަނީ ޕްރޮކިއުމަންޓާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތެކެވެ.

ޖެނެރަލް ލީ އާންމު އެއްވެސް ތާކުން ނުފެންނާ 2 މަސް ފަހުން މަގާމުން ވަކި ކުރިކަން އާންމު ކުރި އިރު މިއީ ފާއިތުވި 3 މަސް ތެރޭ އިސްމަގާމަކުން ވަކިކުރި 2 ވަނަ އޮފިޝަލެވެ. މިދިޔަ ޖުލައި މަހު ވަކި ކުރީ އެގައުމުގެ ހާރިޖީ ވަޒީރު ކިން ގެންގް އެވެ.

އެ ދެބޭފުޅުން ވަކި ކުރި ސީދާ ސަބަބު ޗައިނާގެ އިދާރާތަކުން ހާމަ ކޮށްފައި ނުވާ އިރު, ޖެނެރަލް ލީ ވަކިކުރުމާއެކު މިވަގުތު ޗައިނާގައި ޑިފެންސް މިނިސްޓަރަކު ނެތެވެ. މި ފެށޭ ހަފްތާއަކީ ޗައިނާގައި ބޭރު ގައުމުތަކުގެ ޑިފެންސް އޮފިޝަލުން ބައިވެރިވާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ހަފްތާ އަށް ވާ އިރު, ޖެނެރަލް ލީ ވަކިކުރުމުން ސުވާލު އުފެދޭ ކަންކަން ހުރި ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ސެޓެލައިޓާއި ރޮކެޓް އުދުއްސާ ސެންޓަރުގައި އެއިރޯސްޕޭސް އިންޖިނިއަރެއްގެ ދާއިރާއިން ކެރިއާ ފެއްޓެވި ލީ ޑިފެންސް މިނިސްޓަރު ކަމާ ހަމައަށް ވަޑައިގަތުމުގައި މަގުބޫލުކަން ހޯއްދަވާފައި ވެއެވެ. އޭނާ ޑިފެންސް މިނިސްޓަރަކަށް އައްޔަން ކުރީ, 2018 ވަނަ އަހަރު ރަޝިއާއިން ހަތިޔާރު ބައްލަވައިގަން މައްސަލައިގައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވެސް ވަނިކޮށެވެ. އޭގެ ފަހުންވެސް ގިނަ ބައްދަލުވުންތަކާއި އިސް ވެރިންގެ މީޓިންތަކުން އޭނާ ފެނިފައިވާ އިރު އޭނާ އަކީ ޗައިނާގެ ރައީސް ޝި ޖިންގް ޕިން ގެ ފޭވަރިޓް ބޭފުޅެއްވެސް މެއެވެ. ފޮރިން މިނިސްޓަރު ކިން އެކޭ އެއްފަދައިން ލީ މަގާމުން ވަކި ކުރި އިރު ރޮކެޓް ފޯސްގެ ޑެޕިއުޓީއަކަށް ހުންނެވި ޖެނެރަލް ލީ ޔުޗާއޯވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.