ރާއްޖެއިން އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލާފައިވާ މުއްދަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނުގައި ވަނީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ 31 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭގޮތުން ފެބަރުއަރީ 9، 2022 ގައި ގެޒެޓްކޮށްފައިވާ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނި ތަކަށް ކަމަށެވެ.

ޕްރޮޕޯޒަލް ފޮތް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ. އަދި ޕްރޮޕޯޒަލް ހުށަހަޅަން ވާނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީ އުރައިގެ ބޭރުގައި "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔުމަށްފަހު ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީއިން އިތުރަށް ބުނީ ޕްރޮޕޯޒަލް ބަލައިގަންނާނީ މި މަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:00އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ކަމަށެވެ.

ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމާބެހޭ އުސޫލުގައި ވާ ގޮތުން އުމްރާއަށް މީހުން ގެންދިޔުމަށް ކޮންމެ އަހަރަކު ދެ ފަހަރު އިއުލާންކުރަން ޖެހެއެވެ. އެގޮތުން މިއީ މިއަހަރުތެރޭ އިއުލާންކުރެވޭ 2 ވަނަ ފަހަރެވެ.

އުމްރާގެ އަޅުކަން އަދާކުރާ އަންހެނުން ހެދުން އެޅުމުގައި ގެންގުޅެން ޖެހޭ އުސޫލުތަކެއް މިދިޔަ މަހު ސައޫދީ އަރަބިއްޔާގެ ހައްޖާއި އުމްރާ މިިިނިސްޓްރީ އިން ވަނީ އާންމު ކޮށްފައެވެ. އެ މިނިސްޓްރީ ބުނެފައި ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި އަންހެނުން އަޅާ ހެދުމަކީ ގަޔަށް ދޫ އަދި މުޅި ހަށިގަނޑު ނިވާވާ ހެދުމުކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެ ހެދުމަކީ ޒީނަތްތެރިކުރަން އެެއްވެސް އެއްޗެއް ބޭނުން ނުކުރާ ހެދުމަކަށް ވާން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެފައި ވެއެވެ.