ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ފަލަސްތީނަށް ބޮޑު ފައިސާގެ އެހީއެއް ވެއްޖެއެވެ.

އާންމުންގެ މެދުގައިވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ލަވަކިޔުންތެރިޔާ އާތިފް، ފަލަސްތީނަށް ހަދިޔާކުރީ 15 މިލިއަން ޕާކިސްތާން ރުޕީސްއެވެ. އެއީ 54،547 ޑޮލަރެވެ. އާތިފް، ބޮޑު ފައިސާގެ އަދަދެއް ފަލަސްތީނަށް ހަދިޔާކުރީ އެ ގައުމަށް އެހީވާން ޕާކިސްތާންގައި ހުރި ފަންޑު އެއްކުރުމުގެ މަސައްކަތްކުރަމުން އަންނަ ޖަމާއަތެއް ކަމަށްވާ އަލްހިދުމަތު ފައުންޑޭޝަނަށެވެ. ފައިސާ ހަދިޔާކުރުމާއެކު އެ ޖަމިއްޔާ އިން ވަނީ އާތިފަށް ޝުކުރުއަދާކުރުމަށް ޓްވީޓެއްވެސްކޮށްފައެވެ.

މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 5،087 މީހުން ޝަހީދު ވެފައިވެއެވެ. މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 15،273 އަށް އަރާފާއެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ހަލާކުވި އިމާރާތްތަކުގެ ގާކުނިތަކުގެ ދަށުގައި އަދިވެސް 830 ކުޑަކުދިންނާއެކު ގާތްގަނޑަކަށް 1500 އެއްހާ މީހުން އެބަތިބި ކަަމަށް ފަލަސްތީންގެ ސިއްހީ އިދާރާއިން ބުނެއެވެ. މިހާތަނަށް 57 މެޑިކަލް ސިފައިން ޝަހީދު ވެފައިވާ އިރު، 100 މެޑިކަލް ސިފައިން ޒަހަމްވެފައިވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 436 މީހުން ޝަހީދުވެފައިވާ އިރު އޭގެ ތެރޭގައި 182 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.