ގާޒާގެ ދެކުނު ބިތުގައި އޮންނަ ހާން ޔޫނިސް އަށް ވަންނަން އުޅުނު އިޒްރޭލުގެ ފައުޖަކަށް ހަމަލާ ދީ ބޮޑެތި ގެއްލުންތަކެއް ދިނުމަށް ފަހު އެ ފައުޖު ހަމާސް އިން ފަހާލައިފިއެވެ.
މި ކުރިމަތިލުމުގެ ހަބަރުތައް ހަމާސް އާއި އިޒްރޭލުގެ އިދާރާތަކުން ޔަގީން ކޮށްދީފައި ވާ އިރު އިޒްރޭލުން ބުނީ، އެ ކުރިމަތިލުމުގައި އެމީހުންގެ ސިފައިންގެ އެކަކު މަރުވެ 3 މީހަކު ޒަހަމްވެފައި ވާ ކަމަށެވެ.
ހަމާސް އިން ބުނެފައި ވަނީ، އެ ކުރިމަތިލުމުގައި އިޒްރޭލުގެ 2 ބުލްޑޯރަޒަކާއި، އަސްކަރީ ޓޭންކެއް ހަލާކު ކޮށްލައި އިޒްރޭލު ސިފައިން ފަހަތަށް ޖައްސާފައި ވާ ކަމަށެވެ.
އިޒްރޭލުން އެއްގަމު މަގުން ހާން ޔޫނިސް އަށް ވަންނަން މަސައްކަތް ކުރީ، އޮކްޓޯބަރު 7، 2023 ވީ ދުވަހު ހަމާސް އިން އިޒްރޭލަށް ރޮކެޓް ހަމަލާ ދީ، އެއްގަމު މަގުން އަރާ ރަހީނު ކުރި މީހުން ހޯދަން ކަމަށް ބުނެއެވެ.
ހަމާސްގެ ބެލުމުގެ ދަށުގައި އިޒްރޭލުން ރަހީނު ކުރި 250 މީހަކު ތިބި އިރު އޭގެތެރެއިން އެމެރިކާއަށް ނިސްބަތްވާ 2 މީހަކު ހުސްވި ހަފްތާގައި ވަނީ ދޫކޮށްލާފައެވެ. އިތުރު 2 މީހަކު ދޫކޮށްލުމަށް ހަމާސް އިން އިޒްރޭލަށް ހުށަހެޅި ނަމަވެސް އިޒްރޭލުން އެކަމުގައި އިޖާބަ ދީފައެއް ނުވެއެވެ.
ހުއްޓުމެއް ނެތި ގާޒާގެ އެތަން މިތަނަށް [އުތުރަށާއި ދެކުނަށް] އިޒްރޭލުން ބޮން އަޅަމުން ދާ އިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 400 މީހަކު ވަނީ ޝަހީދު ވެފައެވެ. މީގެ ތެރެއިން 60 މީހުންނަކީ ރޭގެ ހަމަލާތަކުގައި ޝަހީދުވި މީހުންނެވެ.
ހަމަލާތައް އެތަން މިތަނަށް އަމާޒުކޮށްފައި ވާ އިރު ގާޒާގައި ހުންނަ އަލް ގުދުސް ހޮސްޕިޓަލާއި އަލް ޝިފާ ހޮސްޕިޓަލާ ކައިރީގައި އޮންނަ ތޮއްޖެހިފައިވާ ރެފިއުޖީ ކޭމްޕް، ޖަބަލިއާ އަށް ވެސް އިޒްރޭލުން ވަނީ ބޮން އަޅާފައެވެ.
އަދި ހުޅަނގު އައްސޭރީގެ ނާބުލުސް އަށް ވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
މިހާތަނަށް ޖުމްލަ 4651 މީހަކު ޝަހީދު ކޮށްލާފައި ވާ އިރު ޒަހަމްވި މީހުންގެ އަދަދު 14245 އަށް ވަނި އަރާފައެވެ.
އެއްގަމު މަގުން އެރުމަށްޓަކައި މަގު ސާފުކުރުމަށް ވައިގެ މަގުން ދޭ ހަމަލާތައް އިޒްރޭލުން ވަރުގަދަ ކޮށްފައި ވާ އިރު، ހަމާސް އިން ބުނެފައި ވަނީ އެއްގަމު މަގުން އަރައިފިނަމަ އިޒްރޭލަށް އިއާދަ ނުކުރެވޭ ވަރުގެ ރައްދެއް ދޭނެ ކަމަަށެވެ. ހަމާސްގެ ގިނަ މުޖާހިދުން މިހާރުވެސް ފިލާ ތިބީ ބިންގަރާސްތަކާއި ބިމު އަޑީގައި ހަދާފައި ވާ ޓަނަލް ތަކުގައެވެ. މި ފަދަ ބައެއް ޓަނަލްތައް ގާޒާގެ އުތުރުން ފެށިގެން ގޮސް ދެކުނުން މިސްރުގެ ބޯޑަރާ ހަމައަށް ވެސް ދެއެވެ. އެއީ ދުއްވާ އެއްޗެއް [ސައިކަލެއް] ގައި ދާނަމަ ގާތްގަނޑަކަށް ގަޑިއެއްހާ އިރުގެ ދުރުމިން ހުންނަ ވަރުގެ ދިގު ޓަނަލްތަކެވެ.
އެތަންތާނގައި ފުރިހަމަ ހަތިޔާރާއެކު ތައްޔާރީ ހާލަތުގައި މުޖާހިދުން ތިބި އިރު، އެއްގަމު މަގުން އިޒްރޭލުން އެރުމަކީ ގެރިއްލާ ހަނގުރާމައިގެ ދަންތުރައެއްގައި އިޒްރޭލު ސިފައިން ބެދޭނެ ކަމެއް ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
އެއްގަމު މަގުން އެރުމުގެ ކުރިން ކުރިމަތިވެދާނެ ހުރިހާ ނުރައްކަލެއް ނައްތާލުމުގެ ބޭނުމުގައި އިޒްރޭލުން ގާޒާގެ އެތަން މިތަނަށް ބޮން އަޅާ ސުންނާފަތި ކުރަމުން ދާ އިރު އެމެރިކާއިން ބުނެފައި ވަނީ އެއްގަމު މަގުން އެރުމަށް އަވަސްވެ ނުގަތުމަށާއި ފަރުވާތެރި ވުމަށެވެ.
އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވީ، ހަމާސް އިން އަތުލައިގަތް މީހުން މިނިވަން ކުރުމާއި އިޒްރޭލުގެ ދިފާއަށް އެމެރިކާއިން ފޯރުކޮށްދޭ ދިފާއީ ނިޒާމުތައް ގެންދެވެންދެން އެއްގަމު މަގުން އެރުން މަޑުޖައްސާލަން ޖެހޭނެ ކަމަށެވެ.
އިޒްރޭލުން އެއްގަމު މަގުން ގާޒާއަށް އަރަން ދިމާ ކުރާ އިރު ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް އަސްކަރީ ތަޖުރިބާކާރުން ބުނަމުން ދާ އިރު، އިޒްރޭލުން އެއްގަމު މަގުން އަރައިފިނަމަ ލުބުނާނުގައި އޮންނަ ހިޒްބުއްލޯ އިން އިޒްރޭލަށް ހަމަލާ ދޭނެ ކަމަށް އެޖަމާއަތުން ވަނީ ބުނެފައެވެ. ހިޒުބުއްލޯ އަކީ ހަމާސް އާ އަޅާ ބަލާއިރު 10 ގުނަ ބާރުގަދަ އަދި މިސައިލާއި ޓޭންކާއި ރޮކެޓް ފަދަ ހަތިޔާރު ހުރި ބައި ގިނަ ޖަމާއަތެކެވެ.