އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދު ވި މީހުންގެ އަދަދު 4600 އިން މައްޗަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ، ޝަހީދުވި މީހުންގެ އަދަދު މިހާރު 4651 އަށް އަރާފައިވާ އިރު، ޒަހަމްވި މީހުންގެ އަދަދު ވަނީ 14245 އަށް އަރާފައި ވާ ކަމަށެވެ. އަދި ހުޅަނގު އައްސޭރީގައި މިހާތަނަށް 90 މީހުން ޝަހީދު ވެފައިވާ އިރު، 1400 މީހުން ވަނީ ޒަހަމްވެފައެވެ.

ޝަހީދު ވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އެގޮތުން މިހާތަނަށް 1700 އެއްހާ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ.

ހަނގުރާމައިގެ ކުރިން 400,000 އެއްހާ މީހުން ދިރިއުޅޭ ހާން ޔޫނިސްގައި މިހާރު ގާޒާގެ އުތުރުން ފޭބި 500,000 މީހުންނާއެކު ޖުމްލަ 900,000 އެއްހާ މީހުން އެބަ ތިއްބެވެ. ހަބަރުތައް ބުނާގޮތުން އިޒްރޭލުގެ ހަމަލާތަކުގައި އާއިލާތައް ހުރިގޮތަށް ޝަހީދުވަމުން ދާ އިރު, މިހާތަނަށް 50 އާއިލާއެއްގެ ހުރިހާ މެންބަރުން އެއްކޮށް ވަނީ ޝަހީދުވެ ގޮސްފައެވެ. އޭގެ ތެރެއިން ބައެއް އާއިލާތަކަކީ 10 މެންބަރުން, 7 މެންބަރުން އަދި އެންމެ މަދުން ތިބި އާއިލާތަކުގައި ވެސް 5 މެންބަރުން ހިމެނޭ އާއިލާތަކެވެ.

ރައްކާތެރިކަމަށްޓަކައި ހޮސްޕިޓަލްތަކަށާއި އދ. ގެ ސްކޫލްތަކަށް ގާޒާގެ ރައްޔިތުން ޖަމާވަމުން ދާ އިރު އެ ތަންތަނަށް ވެސް އިޒްރޭލުން ދަނީ ހަމަލާ ދެމުންނެވެ.

2.3 މިލިއަން މީހުންގެ އާބަދީއެއް އޮތް ގާޒާގެ 47 ޕަސެންޓަކީ ކުޑަކުދިންނެވެ. އަދި އޭގެތެރެއިން 1.7 މީހުން ދިރިއުޅެމުން އަންނަނީ ރެފިއުޖީ ކޭމްޕް ތަކުގައެވެ.