ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދިޔަ ބައެއް އާއިލާތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް އަބުރާ ގެނެވޭނެ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދާ ދިވެހިން އަބުރާ ރާއްޖެ ގެނައުމާ ގުޅޭ ގޮތުން އަލީ ނަޒީރު ވިދާޅުވީ ހަނގުރާމައަށް ރާއްޖެއިން ބޭރަށް ގޮސްފައިވާ ބައެއް އައިލާތަކުގެ އަންހެނުންނާ ކުޑަކުދިން ހާލުގައި ޖެހިފައިވާ ކަމަށެވެ. އިތުބާރު ކުރެވޭ ނިޒާމެއްގެ ތެރެއިން މި އާއިލާތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތްކުރާކަން ފާހަގަކުރައްވަމުން އަލީ ނަޒީރު ވިދާޅުވީ މި އާއިލާތަކަށް ހާއްސަކޮށްގެން ކާމިޔާބު ގިނަ ޕްރޮގްރާމްތައް ރާއްޖޭގައި ހިންގިފައިވާ ކަމަށެވެ.

މި ގޮތުން ދިވެހިރާއްޖޭގައި ތިބި ދިވެހި ރައްޔިތުންގެ ވެސް ކަންބޮޑުވުން ހުރި ކަންކަމަށް ރިޔާއަތްކޮށް، ހުރިހާ އެންމެނަށް ބަލައިގަނެވޭ އިތުބާރުހުރި މެކޭނިޒަމެއްގެ ތެރެއިން ހާލުގައިޖެހިފައިވާ ކުޑަކުދިންނާ އަންހެނުން ރާއްޖެ ގެނެސް އަނބުރާ ދިވެހި މުޖުތަމައުއަށް ރީ އިންޓަގްރޭޓެޑް ކުރުމަށްޓަކައި ކާމިޔާބު މަަސައްކަތްތަކެއް ފެށިފައިވާކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދިޔަ ދިވެހި އަންހެނަކާ އޭނާގެ ހަތަރު ދަރިން މިދިޔަ އަހަރު ރާއްޖެއަށް އެބުރާ ގެނެސްފައިވާއިރު އަލީ ނަޒީރު ވިދާޅުވީ މިހާރު އެ އާއިލާވެސް ރީތި އަބުރުވެރި ދިރިއުޅުމެއް އުޅެމުން އަންނަކަމަށެވެ. އަދި ކުރިއަށް މަސް ދުވަހުގެ ތެރޭގައި އިތުރު އާއިލާތައް ރާއްޖެއަށް ގެނެވޭނެކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ނަޒީރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ބަދަލުވި ނަމަވެސް ދިވެހި ގައުމާ ރައްޔިތުންގެ ހެވާ ލާބަޔަށްޓަކައި ފެށިފައިވާ މުހިންމު ޕްރޮގްރާމްތަކާ މަސައްކަތްތައް އައު ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ކުރަމުން ދާ ހަނގުރާމައިން އަންނަ މީހުންގެ ރިހެބިލިޓޭޝަން އާއި ރީއިންޓެގްރޭޝަންއާ ގުޅޭ ގަވާއިދު އެކުލަވާލާފައިވާއިރު ރުކާރުން މިހާރު ވަނީ ހަނގުރާމަ އިން އަންނަ މީހުން ބައިތިއްބަން ކ. ހިންމަފުށީގައި އެކަމަށް ހާއްސަ މަރުކަޒެއް ވެސް ގާއުމުކޮށްފައެވެ.