ރާއްޖޭގައި މަސައްކަތް ކުރަމުންދާ އިންޑިއާގެ ސިފައިން، މިދިޔަ ފަސް އަހަރު ތެރޭ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ 450 އަށް ވުރެ ގިނަ އޮޕަރޭޝަންތައް ހިންގާފައިވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބާޗީ ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ޕްރެސް އެއްގައި އަރިންދަމް ވަނީ މި ފަސް އަހަރު ތެރޭ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ. އެގޮތުން ބާޗީ ވަނީ ރާއްޖޭގެ ކަނޑުމަތީގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމުގެ ގޮތުން ހިންގާފައިވާ އޮޕަރޭޝަންތަކާއި ރާއްޖެއަށް ދިމާވާ ކުއްލި ހަލާތްތަކުގައި ހާއްސަކޮށް ކޮވިޑް19 ގެ ދުވަސްވަރު އިންޑިއާ އިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދިމާވި މެޑިކަލް އެމެޖެންސީތަކުގައި 523 ދިވެއްސެއްގެ ފުރާނަ ސަލާމަތް ކުރުމަށް އިންޑިއާ ސިފައިން މަސައްކަތް ކޮށްފައި ވާކަމަށެވެ. އެ ގޮތުން 2021 ވަނަ އަހަރު 109 ފަހަރު އަދި 2022 ވަނަ އަހަރު 140 ފަހަރު އިންޑިއާ ސިފައިން ހަރަކާތްތެރިވި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން 2023 ވަނަ އަހަރުގެ 131 ފަހަރު އިންޑިއާ ސިފައިންގެ އެހީތެރިކަން ފޯރުކޮށްދީފައި ވާކަން ފަހަގަ ކުރައްވައި ވިދާޅުވީ އިންޑިއާގެ އެހީގެ ސަބަބުން އިޖްތިމާއީ މައްސަލަތައް ހައްލުކުރުމުގައި ރާއްޖެއަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ.

އިންސާނީ އެހީގެ އިތުރުން ކާރިސާތަކުން އަރައިގަތުމުގައި ވެސް އިންޑިއާއިން ރާއްޖެއަށް އެހީ ފޯރުކޮށްދީފައި ވާކަން ފާހަގަ ކުރައްވާ ބާޗީ ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ބިނާވެފައި ވަނީ ކުރިމަތިވާ މައްސަލަތައް ހައްލުކޮށް، ކާމިޔާބީތައް ހާސިލު ކުރުމުގައި އެކުގައި މަސައްކަތް ކުރުމުގެ މައްޗަށް ކަމަށެވެ.

ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ކުރިއަށް ދާނެ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ މުއިއްޒުގެ ސަރުކާރާ އެކު މަސައްކަތްތައް ކުރުމަށް އިންޑިއާ ތައްޔާރު ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރާނެ ގޮތްތައް ހޯދުމަށް މަޝްވަރާ ކުރުމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.