ގާޒާއަށް އިންސާނީ އެހީ ވެއްދުމުގެ ބޭނުމުގައި ހަމާސް އިން އެމެރިކާގެ ދެމީހަކު ދޫކޮށްލައިފިއެވެ.
ހަމާސްގެ މީޑިއާތަކާއި އަދި އެމެރިކާ އާއި އިޒްރޭލުގެ އޮފިޝަލުން މިކަން ޔަގީން ކޮށްދީފައި ވާ އިރު އެމެރިކާއިން ބުނީ ދޫކޮށްލީ 2 އަންހެނުން ކަމަށާއި އެއީ ދެމައިން ކަމަށެވެ.
ހަމާސް އިން އިޒްރޭލަށް އެރި ދުވަހު އިޒްރޭލުން 199 މީހަކު ރަހީނު ކުރި ކަމަށް އިޒްރޭލުން ބުނެފައި ވެއެވެ. ނަމަވެސް ހަމާސް އިން ބުނެފައި ވަނީ އެމީހުންގެ ބެލުމުގެ ދަށުގައި 250 މީހަކު ތިބި ކަމަށާއި އޭގެ ތެރޭގައި އިޒްރޭލު ނޫން އެހެން ގައުމުތަކުގެ ރައްޔިތުންވެސް ތިބި ކަމަށެވެ.
މިއަދު ދެމީހުން ދޫކޮށްލި އިރު އެއީ 18 އަހަރުގެ އަންހެނަކާއި 60 އަހަރުގެ އަންހެނެއް ކަމަށް އެމެރިކާގެ ބައެއް މީޑިއާތކުން ބުނެފައި ވެއެވެ.
ގތަރު މެދުވެރިއެއްގެ ދައުރު އަދާކޮށް ކުރި މަސައްކަތުން އެ ދެމީހުން ދޫކޮށްލި ގާޒާއަށް އެހީ ހިފައިގެން ނުވަދެވި މިސްރާއި ގާޒާގެ ރަފާ ގުޅޭ ބޯޑަރުގައި އެތައް ސަތޭކަ ޓްރަކެއް އޮތުމާއެކު އެހީގެ ތަކެތި ގާޒާއަށް ވެއްދުމުގެ ބޭނުމުގައެވެ. މިސްރު ފަޅިން ރަފާ ގޭޓުތައް ހުޅުވި ނަމަވެސް މަގު ހުރަސްކޮށް ގާޒާއަށް ވަންނަ ފަޅީގެ ގޭޓުތައް ހުރީ ނުހުޅުވައެވެ. އެތަން ނުހުޅުވިގެން އުޅެނީ އެހީ ވައްދަން އިޒްރޭލުން އެއްބަސް ނުވެގެންނެވެ.
ހަމާސްގެ އޮފިޝަލެއް ކަމަށް ވާ ގާޒީ ހަމަދާ ހަވާލާ ދީ އަލްޖަޒީރާއިން ބުނީ, އެ ދެމީހުން ދޫކޮށްލީ ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ނޫންކަން ބައިނަލްއަގުވާމީ ދުނިޔެއަށް ދެއްކުމަށާއި ހެޔޮ ނިޔަތް އޮތްކަން ހާމަ ކުރުމަށް ކަމަށެވެ.
އޭނާ އިތުރަށް ބުނެފައި ވަނީ ރަހީނުންގެ މައްސަލަ ހެޔޮގޮތުގައި ހައްލު ކުރަން ހަމާސް ބޭނުން ވާ ކަމަށާއި ނަމަވެސް އިޒްރޭލުގެ ހަމަލާތައް ފުރަތަމަ ހުއްޓާލަން ޖެހޭނެ ކަމަށެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ވައިޓް ހައުސް އިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވާ އިރު އެގައުމުގެ ރައީސް ޖޯ ބައިޑަން ވަނީ އިޒްރޭލަށް އަސްކަރީ އިތުރު އެހީއާއި މަދަދު ފޯރުކޮށް ދިނުމަށް 14 ބިލިއަން އެމެރިކާ ޑޮލަރުގެ ޕެކޭޖެއް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާފައެވެ. އޭގައި ހިމެނެނީ ވައިގެ ބާރު އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމާއި މިސައިލް ޑިފެންސް ސިސްޓަމްތައް ވަރުގަދަ ކުރުމުގެ އިތުރުން އެހެނިހެން އަސްކަރީ ކަންކަމަށް އެމެރިކާގެ އެމްބަސީތައް މެދުވެރިކޮށް ފަންޑު ކޮށްދިނުމެވެ.