ރޭ ހުށަހެޅި ބަޖެޓުގައި ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު 2 ލިފްޓް ލުމަށް ހިމަނާފައިވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ ހުޅުމާލެ ފޭސް 2ގައި ދިރިއުޅެމުންދާ ރައްޔިތުންނާ ބައްދަލަ ކުރެއްވުމަށް އެ ސަރަހައްދަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ ބަޖެޓު ހެދުމުގެ މަރުހަލާގައި މި ސަރުކާރުން ދިން ފުރުސަތުގައި އެއް ކަަމަކަށް ހުށަހަޅުއްވާފައި ވާނީ ކުރިން ވައުދުވެލައްވާފައިވާ ގޮތަށް ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު 2 ލިފްޓް ލުން ކަމަށެވެ. ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ލާއިރު އޭގެތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭވަރުގެ ބޮޑު ލިފްޓަކަށް ވާނެ ކަމަށާއި ދެވަނަ ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ޖާގައިގެ ލިފްޓެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކައިގައި ކެމްޕެއިންގައި ވެވަޑައިގެން ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ވަނީ ތަކުރާރުކޮށް ދެއްވާފައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ވައުދާ އެއްގޮތަށް ހުރިހާ ކަމެއް ތަންފީޒު ކޮށްދެއްވާނެ ކަމަށެވެ.
މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އަދި ދެވަނަ ބުރުގައި ވެސް މުއިއްޒުއަށް އަދި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެންބެ) އަށް އިތުބާރު ކުރައްވާ ވަރަށް ވަރުގަދަ ތާއީދެއް ދެއްވިކަން ފާހަގަ ކުރައްވާ އެކަމަށްޓަކާ ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވާފައެވެ.
އިންތިހާބަށްފަހު ފުރަތަމަ ފަހަރަށް މުއިއްޒު އަދި ސެންބެ ފުރަތަމަ ފަހަރަށް ހިޔާ ސަރަހައްދަށް މިއަދު ވަޑައިގެންނެވިއިރު ވެހުނު ވާރޭގައި ވެސް ގިނަ ބަޔަކު މަރުހަބާ ކިޔުމަށް ނިކުމެފައެވެ. އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ސަލާމްކޮށް، ފޮޓޯ ނަގަން ބޭނުންވި ފަރާތްތަކާއެކު މުއިއްޒު އަދި ސެންބެ ވަނީ ފޮޓޯ ވެސް ނަންގަވާފައެވެ.