ފެނަކަ ކޯޕަރޭޝަނުން ތެޔޮ ޓޭންކުތަށް ބަދަލުކުރުމުގެ ކަންކަން މަޑުޖައްސާލުމަށް އެންޑިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.

އޭސީސީން ބުނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހިދުމަތްދޭ ބައެއް ރަށްރަށުގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކުތަށް އާކުރުމަށް ބޭނުންވާ ސާމާނު ގެނައުމާ ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

އެ އެކަމާ ގުޅިގެން އެ ކުންފުނިން ކުރިޔަށް ގެންދާ އެންމެހާ ކަންކަން ކުރިޔަށް ނުގެންގޮސް މަޑުޖައްސާލުމަށް އޭސީސީން ވަނީ އަންގާފައެވެ. އެއީ ސީދާ ކޮން މައްސަލައެއް ކަމެއް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ

ފެނަކައާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް މީގެ ކުރިން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައެވެ. އެ މައްސަލަތައް ބަލަން ފެށީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ތުހުމަތުކޮށް ހުށަހެޅި 27 މައްސަލައިގެ ތެރެއިންނެވެ.

އެކަމަކު އެ ތުހުމަތުތައް ސައީދު ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވާ ގޮތުގައި އޭސީސީއަށް ބަޔަކު ދިއުމަކީ "ސިޔާސީ ގޮތުން ރޭވުމެއް" ކަމަށެވެ.