ކުޅުދުއްފުށީ އެއާޕޯޓުގައި ތަމްރީނަށް ބޭނުންކުރާ ސިލިންޑަރެއް ގޮވާ ހިނގި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ މީޑިއާ އޮފިސަރު މުހައްމަދު މޫސާ "ދަ ޕްރެސް" އަށް ވިދާޅުވީ، އެހާދިސާގައި އަނިޔާ ލިބުނު އުމުރުން 37 އަހަރުގެ މީހާ މިރޭގެ ވަގުތެއްގައި މާލެ ފުރުވާލާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މާލެ އަށް ގެންދިޔަ އުމުރުން 37 އަހަރުގެ ފިރިހެނެއްގެ މެޑިކަލް އިވެކުއޭޝަން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އެމްއެންޑީއެފް ޑޯނިއާ އެއާކްރާފްޓް މެދުވެރިކޮށް މިރޭ 19:08 ހާއިރު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެ ފަރުވާ ދޭ 4 މީހުންގެ ތެރޭގައި ހިމެނެނީ 3 ފިރިހެނުންނާއި އަންހެނެކެވެ. އެ އެންމެންނަކީ އެއާޕޯޓް ފަޔަރުގައި ހަރަކާތްތެރިވާ މީހުންނެވެ. އެތަނުން 1 ފިރިހެނެއްގެ ހާލު ސީރިއަސް ނަމަވެސް އެހެން މީހުންނަށް ލިބިފައި ވަނީ ކުދި ކުދި އަނިޔާ ކަމަށް ވެސް މުހައްމަދު މޫސާ ވަނީ ވިދާޅުވެފައެވެ. އެއީ އުމުރުން 25 އަހަރުގެ މީހަކާއި 28 އަހަރުގެ އަދި 29 އަހަރުގެ މީހެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހާދިސާ ހިނގައިގެން އަނިޔާވި މީހުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު 11 ޖަހާކަށް ހާއިރު ކަމަށް ވެސް އޭނާ ވަނީ މައުލޫމާތު ދެއްވާފައެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގާފައި ވަނީ އެއާޕޯޓްގައި އަލިފާން ނިއްވަން ބޭނުންކުރާ ސިލިންޑަރަކަށް ގޭސް އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ.