އަންނަ އަހަރުގެ ޓޫރިޒަމް ޕީކް ސީޒަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ނިންމައި ދެއްވާނެ ކަަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ މިހާރު ކުރިއަށްދާ ޖެނެރަލް މެނޭޖާސް (ޖީއެމް) ފޯރަމުގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް 5 އަހަރު ތެރޭގައި ޓޫރިޒަމް އިންޑަސްޓްރީ ކުރިއެރުވުމަށް ކުރެވޭނެ އެންމެ ބޮޑު މަސައްކަތަކީ ވީއައިއޭ ނިންމުން ކަމަށެވެ. އަދި ވީއައިއޭގެ ކޮންޓްރެކްޓަރުންނާއި ފައިނޭންސަރުންނާ މަޝްވަރާކޮށް ވީއައިއޭގެ މަސައްކަތް އަވަސް ސްޕީޑެއްގައި ކުރިއަށް ގެންގޮސް އަންނަ އަހަރުގެ ޕީކް ސީޒަނަށް ނިންމައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވީއައިއޭގެ އާ ގޭޓްވޭއާއެކު ރާއްޖޭގައި 13 އަށް ވުރެ މަދު ނުވާނެ އަދަދަކަށް ޑޮމެސްޓިކް އެއާޕޯޓް އަދި ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ސީޕްލޭން ހަބެއް ގާއިމް ވެގެންދާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެއާއެކު އުފެދިގެންދާ ވައިގެ ދަތުރުފަތުރުގެ ނިޒާމާއެކު ރިސޯޓު އަދި ގެސްޓް ހައުސް ވިޔަފާރިއަށް ކުރިއެރުންތައް ލިބިގެން ދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސްޓެރެޓެޖިކް މާކެޓިން އަދި ޓޫރިޒަމް އިންޑަސްޓްރީ ޕްރޮމޯޓް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޓޫރިޒަމް މިނިސްޓްރީ އަދި އެކަމާ ގުޅުންހުރި ކޮމްޕެނީތަކުގެ އިތުރުން ދުނިޔޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެހީ ހޯދައިދެއްވާނެ ކަމަށެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަކީ ގައުމަށް ފައިދާވާ ކުންފުންޏެއް ކަމުގައި ހައްދަވާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ވަނީ ދެއްވާފައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކަންކަން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަމަށެވެ. އެގޮތުން މި ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެނައުމާއި ރަނގަޅު މަސައްކަތުގެ މާހައުލެއް ހޯދައިދިނުމާއި ޗުއްޓީގެ އިންތިޒާމުތައް ރަނގަޅު ކުރުމާއި މި ދާއިރާގެ މަސައްކަތް ކުރާ މީހުންނަކީ މުޖުތަމުގައި ގަދަރު ހިފޭ ބަޔަކަށް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރަމުން ދަނީ މި ދާއިރާގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ ބުރަ މަސައްކަތުން ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އޭގެތެރެއިން ވެސް މި ދާއިރާގައި މަސައްކަތް ކުރަމުންދާ ޒުވާނުންގެ ބުރަ މަސައްކަތް ފާހަގަ ކުރެއްވޭ ކަމަަށެވެ.