އިލްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލައި ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލިހަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯ ކޮށްފިއެވެ. އެ ގަރާރު ވީޓޯ ކުރި ހަމައެކަނި ގައުމަކީ އެމެރިކާއެވެ.

އިޒްރޭލުން އަދި ހަމާސްއިން ހަމަލާ ބަދަލުކުރުން ހުއްޓާލައި ހުޅަނގު އައްސޭރިއާއި މިސްރު މަގުން ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ބްރެޒިލުން ހުށަހެޅި ހުށަހެޅުމަށް އެ ބައްދަލުވުމުގައި ބައިވެރިވި 15 މެންބަރުންގެ ތެރެއިން 12 މެންބަރުން ވަނީ ތާއީދުކޮށް ވޯޓުދީފައެވެ.

އެ މެންބަރުންގެ ތެރޭގައި ހިމެނޭ ގައުމުތަކަކީ އަލްބޭނިއާ، ބްރެޒިލް، ޗައިނާ، އިކުއެޑޯ، ފްރާންސް، ގެބޯން، ގާނާ، ޖަޕާން، މޯލްޓާ، މޮޒަމްބީކް ސްވިޒަލޭންޑް އަދި ޔޫއޭއީއެވެ. އަދި ވަކި ގޮތަކަށް ވޯޓުނުދި ތިބީ ރަޝިޔާއާއި ޔޫކޭއިންނެވެ.

އިއްޔެވެސް ހަމަލާތައް ބަދަލުކުރުން ހުއްޓުވުވައި އެހީފޯރުކޮށްދޭން ގޮވާލައި ރަޝިއާއިން އދ. ގެ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހެޅި ނަމަވެސް އެ ހުށަހެޅުންވެސް އެމެރިކާއިން ބޭރުކުރީ ހަމާސްގެ ހަމަލާތައް ކުށްވެރިކޮށްފައި ނުވާ ކަމަށް ބުނެއެވެ.

އެ ދެ ގަރާރުވެސް ބޭރު ކޮށްލުމާއެކު އދ މަޖލީހުގެ ނިންމުމެއް އެކަމުގައި ނެތަސް މިސްރާއި ރަފާ ގުޅޭ އިމުން އެހީގެ ތަކެތި ވެއްދުމަށް އިޒްރޭލުގެ ރުހުން ހޯދުމުގެ މަސައްކަތް އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ކުރަމުން އެބަދެއެވެ. ނަމަވެސް އަދި ކާމިޔާބުވާ ގޮތެއް ނުވެއެވެ.

ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ނުރައްކާތެރި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 3300 އިން މައްޗަށް ގޮސްފައެވެ. އަދި ޒަހަމްވި މީހުންގެ އަދަޑު ވަނީ 13000 އިން މައްޗަށް ގޮސްފައެވެ.