މި ލިޔުމަކީ ހިތްބަލި މީހުންނާއި ކުޑަކުދިންނަށް އެކަށީގެން ނުވާ މަންޒަރާއި އަޑު ހިމެނޭ ލިޔުމެއް ކަމަށް ވާތީ އެކަން ސަމާލުކަމަށް ގެންނަމެވެ.

މުސްލިމަކަށް ވީތީ، ދުނިޔެ ދޭ 'އަޒާބަކީ' މިއެވެ. ހުޅަނގާއި ޣައިރު މުސްލިމުންގެ ތެރޭގައި ތިބި ޖާހިލުންގެ ނިޔަތަކީވެސް މިއެވެ.

މުސްލިމުންނަނީ ޓެރަރިސްޓުން ކަމަށް ލޭބަލް ކުރުމާއި އެއީ ދެވަނަ ދަރަޖައިގެ އިންސާނުން ކަމަށް ދައްކާ، އެމީހުންގެ ފުރާނައަކީ އެއްވެސް އަގެއްނެތް އެއްޗަކަށް ވަނީ ހަދާފައެވެ.

ޔަހޫދީންނާއި ނަސޯރާއިންނާއި އެނޫންވެސް މުސްލިމުންގެ އަދުއްވުންގެ ދެވަނަ އެހެން ވިސްނުމެއް ވެސް ނޯވެއެވެ. މުސްލިމެއް ކަމަށް ހީވާ މީހަކު ފެނުނަސް އެމީހަކާ މެދު ގެންގުޅޭ ތަސައްވުރު ތަފާތެވެ.

މި ލިޔުމުގައި ހުރިހާ ޣައިރު މުސްލިމުންނެއް ނުހިމަނަމެވެ. އެހެނީ ޚުދު އިޒްރޭލުގައި ވެސް މުސްލިމުންނަށް ތާއީދު ކުރާ އަދި ޕަލަސްތީނުގެ ދައުލަތެއް އުފެދެން ޖެހޭ ކަމަށް ގަބޫލު ކުރާ އެތައް ބަޔަކު އެބަތިއްބެއެވެ. އެމެރިކާ އާއި ހުޅނގުގެ ގައުމުތަކުގައި ވެސް މެއެވެ.

ނަމަވެސް މިހާރު ޔަހޫދީ އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުން ކަޝްފުވެގެން އަންނަ މި މަންޒަރުތަކަކީ ހިތެއް އޮތް މީހަކަށް ބަލާލަން ކުޅަދާނަ މަންޒަރުތަކެއް ނޫނެވެ.

މި މަންޒަރުތައް މިތާ މި ހިއްސާ ކުރަނީ ހިތް ބަލި މީހުންނާއި ކުޑަކުދިން ބަލަން އެކަށީގެން ނުވާ މަންޒަރުތަކެއް ކަމަށް ލިޔަމުންނެވެ. މި މަންޒަރުތަކުގައި ހޮރޮފިކް [ބިރުގަންނަ] މަންޒަރުތައް ހުރުމާއެކު ބެލުމުގައި ސަމާލުވުމަށް އިރުޝާދު ދެމެވެ.

އެއް ވީޑިއޯ އަކުން ފެންނަނީ އިޒްރޭލުން ދިން ހަމަލާތަކެއްގައި ޒަހަމްވެ ހިރަފުހާއި ކިސަޑުން ތަތްތެޅިފައި އިންނަ ތުއްތު ކުއްޖަކު ގެހެއްގެ ބުޑުގައި ތުރުތުރު އަޅާ އިންނަ މަންޒަރެވެ. އެކުއްޖާ އެ އިނީ ބިރުން ގަބުވެފައެވެ. ރޭނގަޑުނގެ ކަނު އަނދިރީގައި ގަހެއްގެ ނިވަލުގައި ގާފޮޅެއްގެ މަތީ އުޑަފައިން އިށީނދެގެން އިން އެކުއްޖާ ތުރުތުރު އަޅަމުން ދާއިރު މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި އޮފިޝަލުން އެކުއްޖާ ފެންނަނީ އަލިކުރަމުން ދަނިކޮށް ގަސް ބުޑުގައި ތުއްތު ކުއްޖަކު އިންދައެވެ.

އޮފިޝަލުން އޭނާގެ ގައިގައި ހެދުމެއް އޮޅާލައި އުރާލައިގެން ގެންދާ އެ މަންޒަރަކީ ބަލަން ހިތަށް ކުޅަދާނަ މަންޒަރެއް ނޫނެވެ. އެންމެ މަންޒަރަކުން ޔަހޫދީ އިޒްރޭލުގެ ނުބައި ނުލަފާކަން އެއޮތީ ފެންނާށެވެ.

ދެވަނަ ވީޑިއޯއެއްގައި ފެންނަނީ އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވެ ދެންމެ ދެންމެ މިދުޔެއާ ވަކިވެދާނެ ފަދަ ހާލަތެއްގައި އޮތް ތުއްތު ތުއްތު ކުއްޖެކެވެ. ހޮސްޕިޓަލްގެ އެނދުމަތީގައި އެ ތުއްތު ތުއްތު ކުއްޖާ އޮތް އިރު ބިރުން ތުރުތުރު އަޅަމުން އެދަނީ ޔަގީނުންވެސް އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ލިބުނު ޝޮކާއި ވޭނުންކަން ޔަގީނެވެ. ޔަހޫދީންނަކީ އަޅެ ރަހުމެއް ނެތް ހައިވާނުންތަކެއް ނޫންހެއްޔެވެ?

ދެން އޮތް ވީޑިއޯއިން އެފެންނަނީ އެފަދަ ހިތްދަތި މަންޒަރުތަކެކެވެ. އިޒްރޭލުގެ އުދުވާނީ ހަމަލާގެ ޝިކާރައަކަށް ވެ ޒަހަމްވެފައި ތިބި ކުދިން ތަކެކެވެ. ލިބިފައިވާ ޒަހަމްތަކާއެކު އަޅާ ވޭނަށް ކެތް ނުވާ ހާލުގައި ރޮއެ މަރުވަނީއެވެ. މިއީވެސް ހަމަ އަމިއްލަ ދިފާއުގައި އިޒްރޭލުން ދިން ހަމަލާއެއްގެ ނަތީޖާއޭ ދެން ބުނަން ވީހެއްޔެވެ?

މި ވީޑިއޯއިން އެފެންނަނީ އަލް އަހްލީ ހޮސްޕިޓަލަށް އިޒްރޭލުން ދިން ހަމަލާގައި ދުނިޔެ ދޫކޮށް ދިޔަ އެތައް ތުއްތު ކުދިންގެ ހަށިގަނޑުތައް ބިންމަތީގެ އެތަން މިތާނގައި އޮތް ތަނެވެ. ބޮޑެތި މީހުންވެސް ހިމެނޭހެން 500 އެއްހާ މީހުން އިޒްރޭލުން ޝަހީދު ކޮށްލުމަށް ފަހު އެ ތުހުމަތު އަޅުވާފައި ވަނީ ފަލަސްތީންގެ ހަމާސްގެ ބޮލުގައެވެ. ހަމާސް އިން ފޮނުވާލި ރޮކެޓެއް މިސްރާބުން ކަސިޔާރުވެ ގޮސް ހޮސްޕިޓަލަށް އެރީޔޯލައެވެ. ނަމަވެސް އަސްކަރީ ތަޖުރިބާކާރުންނާއި އެނަލިސްޓުން ބުނެފައި ވަނީ, އިޒްރޭލުން ބޮން އެޅި ވަގުތު ހަމާސް އިން ފޮނުވަމުން ދިޔ ރޮކެޓްތައް ދަތުރު ކުރަމުން ދިޔައީ ހޮސްޕިޓަލާ ދިމާ ދުރަށް ކަމަށާއި ހޮސްޕިޓަލް ގޮވާ ވަގުތު އެ ދިމާ މަތިން އިޒްރޭލުގެ ބޮން އަޅާ ބޯޓު ބޮން ވައްޓާލުމަށް ފަހު ނައްޓާލާ ކަމަށެވެ.

އަނެއްކޮޅުން ބަލާއިރު ހަމާސްގެ ރޮކެޓަކުން ގޮވާ ވަރަށް ވުރެ ބާރަށް ބޮޑަށް އެ ހޮސްޕިޓަލް ގޮވި އިރު މީގެ ކުރިން އިޒްރޭލުން ވައްޓާލި ބޮންތަކުގެ ގޮވުމާއި ހޮސްޕިޓަލަށް ވައްޓާލި ބޮމުގެ ގޮވުމާ ތަފާތެއްވެސް ނެތެވެ. ނަމަވެސް ޔަހޫދީންނަށް މަދަދުވެރިވާ އެމެރިކާއިން ވެސް ބުނެފައި ވަނީ, އެމީހުންގެ އިންޓަލިޖަންސާއި މައުލޫމާތުން އެއީ އިޒްރޭލުން ކުރި ކަމެއް ނޫންކަމަށެވެ.

މި ވީޑިއޯގައިވެސް މި ފެންނަނީ އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވެ ލެޔާއި ތަތްތެޅިފައި އިންނަ ތުއްތު އަންހެން ކުއްޖެކެވެ. އެ ތުއްތު ކުއްޖާގެ ހަރަކާތްތަކުންނާއި މޫނުމަތިން ކަންބޮޑުވުމާއި ހާސްކަން ފެންނަން ހުރި އިރު މުޅި ކުއްޖާ އިނީ ހިރަފުހުންވެސް ފޯވެފައެވެ. މިއީވެސް އިޒްރޭލުން އެބުނާ, އާންމުންނަށް އަމާޒު ކޮށް ހަމަލާ ނުދޭތީ ޒަހަމްވެފައި އިން ކުއްޖެއް ހެއްޔެވެ?

ޔަހޫދީ ބޮޑުވަޒީރާއި ބައިވެރިން އަމާޒު ހިފާފައި ވަނީ ޕަލަސްތީން އެއްކޮށް ފުހެލުމަށެވެ. ހަމާސް އަކީ އަމާޒު ކަމަށް ބުނާ އިރު މިހާތަނަށް ޝަހީދު ކޮށްލި 3000 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި 1500 އެއްހާ ކުޑަކުދިން ހިމެނެއެވެ. އޭގެ ތެރޭގައި ނުފިރުކެވޭ އަދި ހިނގައި ނުގަނެވޭ ތުއްތުތުއްތު ކުދިން ހިމެނޭ އިރު އެއީ ހަމާސްގެ މެންބަރުންނަށް ވަނީ ކޮން ހަމައަކުންހެއްޔެވެ.

މުސްލިމުންނަށް އަމާޒުކޮށް ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް މިސައިލާއި ބޮމާއި ބަޑިން ހަމަލާދީ ނަސްލެއް ދުއްވާލާއިރު ދުނިޔޭގެ ހުރިހާ ވެރިން ބައިވެރިވާ އދ އަށް ވެސް ކުރެވޭ ކަމެއް ނެތެވެ. ހުސް ވައި އަނގަތެޅުން ފިޔަވައި ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތޯލައެވެ. ފަލަސްތީނަށް އެހީވާން ގޮވާލައި ގަރާރެއް އެ މަޖިލީހަށ ވެއްދިޔަސް އެމެރިކާ އެކަނި ނަމަވެސް އެ ވީޓޯ ކުރެއެވެ. ދައްކާ ބަހަނާ އަކީ އެއިން އެވެސް ގަރާރެއްގައި އިޒްރޭލަށް ރައްކާތެރިކަން ދީފައި ނޯންނަ ކަމަށެވެ.

މިމަހުގެ 7 ވީ ހޮނިހިރު ދުވަހު ފެށި ހަމަލާތަކާ ގުޅިގެން ގާޒާއާއި ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައި އދ މަޖިލީހަށް ހުށަހެޅި 2 ގަރާރުވެސް ވީޓޯ ކުރީ އެމެރިކާއިންނެވެ. އެއީ މާ ބޮޑަށް އިންސާނިއްޔަތާއި ހަމަތަކާއި ހިންގުމުގެ ހަރުދަނާ އިންތަން ކުރިއަރުވާ ކަމަށް ބުނާ އެމެރިކާގެ ހާލަތެވެ. ޔަހޫދީންގެ ޕަޕެޓެއްގެ ގޮތުގައި އޮޕަރޭޓް ކުރާ ޔަހޫދީނަށް ވުރެ ނުބައިކަން މިމީހުންގެ ވަކި ކުޑަހެއްޔެވެ.

ރަހުމެއް ހަމްދަރުދީއެއްވެސް ނެތީއެވެ. އެތައްހާސް މުސްލިމު ކުދިން ޝަހީދު ކޮށްލަމުން އެގެންދަނީ އެކުދިންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ. އެކުދިން ފަލަސްތީނަށް އުފަންވުމަކީ ކުށެއް ކަމުގައި ވާނަމަ ދެން ދުނިޔޭގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމުގެ ވާހަކަ ދެއްކޭކަށް ނެތެވެ. ފަލަސްތީނަކީ އަރަބި ގައުމތަކެއްގެ މެދުގައި އޮންނަ ތަނަކަށް ވާއިރު އިޒްރޭލުގެ އުދުވާނު ހުއްޓުވުމުގައި އަރަބިން ވެސް ތިބީ ނެގި މަޑުވެފައެވެ. ހަށިފޮޅާލައި ތެދުވާކަށް ނުކެރެއެވެ. ތެލުގެ މުއްސަނދިކަމާއި ފައިސާ ހުރެމެ, އަޅަންވާ ފިޔަވަޅު އަޅާކަށް ނުމެކެރޭމެއެވެ.

މިއީ ފަލަސްތީނުގެ މުސްލިމުންނަށް މިންވަރުފުޅުގައި އޮތް ކަމަށް ދެކިގެން الله އާ ވަކީލު ކޮށްލައިގެން ތިބެންވީހެއްޔެވެ?