އާންމުކޮށް އިޒްރޭލުން ހިންގާ އުދުވާން ފޮރުވަން، ހުޅަނގުގެ މީޑިއާތަކާއި ސޯޝަލްމީޑިއާގެ ވަރުގަދަ ޕްލެޓްފޯމްތައް ކަމަށް ވާ ޓްވިޓާ [އެކްސް] އާއި ފޭސްބްކް ފަދަ ކުންފުނިތައް ހަރަކާތްތެރިވި ނަމަވެސް މިހާރު އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތަކާ ގުޅިގެން ދޮގު ހަބަރު ފެތުރުމުގައި އިންޑިއާގެ އެކައުންޓްތައް ކުރީގައި އުޅޭ ކަމަށް ބުނެފިއެވެ.
އިންޑިއާގައި ފެކްޓް ޗެކިން [ތެދު ކަށަވަރު ކުރާ] އަދި އެންމެ އިތުބާރު ލިބިފައި ވާ ކުންފުނި ކަމަށް ވާ 'ބޫމް' އިން ބުނީ، އެކްސްގައި ވެރިފައި ކޮށްފައި ވާ އެތައްހާސް އިންޑިއާގެ އެކައުންޓަކުން ފޭކް ހަބަރު ފަތުރަމުން ގެންދާ ކަމަށެވެ. އޭގެ ތެރޭގައި ނުފޫޒު ގަދަ އަދި އެތައްހާސް ފޮލޯވަރުންނެއް ތިބި އެކައުންޓްތައް ވެސް ހިމެނޭ ކަމަށާއި އެފަދަ އެކައުންޓްތަކުން ޓާގެތްކޮށް ފަލަސްތީނާ ގުޅުވައި ދޮގު ހަބަރު ފަތުރަމުން ގެންދާ ކަމަށެވެ. އަދި ބައެއް ޕޯސްޓުތަކުގައި އިޒްރޭލަށް ރަނގަޅު ވާގޮތަށް ވެސް ހަބަރު ފަތުރަމުން ގެންދާ ކަމަށް ބޫމް އިން ބުނެފައި ވެއެވެ.
އެފަދަ އެކައުންޓަކުން ދައްކަން ބޭނުންވަނީ ފަލަސްތީނަކީ ނުބައި ނުލަފާ ބަޔަކު އުޅޭ ތަނެއް ކަމަށާއި ތެދު އޮޅުވާލައި ހަދާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެފަދަ އެއް އެކައުންޓެއްގައި ފަލަސްތީނުގެ މުޖާހިދަކު އިޒްރޭލުގެ އެތައް ބައިވަރު އަންހެން ކުދިންތަކެއް ސެކްސް ސްލޭވުންގެ [ޖިންސީ ޣަރީޒާއަށް ގެންދިޔަ އަންހެން ކުދިން" ގެ ގޮތުގައި ދައްކާ ވީޑިއޯއެއް ހިމަނާފައި ވާ ކަމަށާއި ނަމަވެސް އެ ވީޑިއޯ އަކީ އިޒްރޭލުން ކޮންޓްރޯލް ކުރާ ޖަރޫސަލަމްގެ ސްކޫލް ދަތުރެއްގައި ދަރިވަރުންތަކެއް އުޅޭ ވީޑިއޯއެއް ކަމަށެވެ. ލޯ ކޮލިޓީގައި ފެންނަ އެ ވީޑިއޯ 60 ފްރޭމް ވަރަށް ލަސްކޮށް ފަރުވާތެރިކޮށް ބަލައިފިނަމަ އޭގައި ފެންނަ ކުދިން ހީނހީނފައި އެކުދިންގެ ފޯނާ ކުޅެހަދާ މަންޒަރު ފެންނަ ކަމަށް އަލްޖަޒީރާގައި ރިޕޯޓް ކޮށްފައި ވެއެވެ.
އެ ވީޑިއޯ އެތައްހާސް ބަޔަކު ރީޓްރީޓް ކުރި އިރު ރުޅިވެރިކަމުގެ އެކްސްޕްރެޝަނާއެކު 6 މިލިއަނަށް ވުރެ ގިނަ މީހުން ރިއެކްޓްކޮށްފައި ވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެ ވީޑިއޯ އިންޑިއާގައި އޮޕަރޭޓް ކުރާ އޯޕަންސޯސް ޓެލެގްރާމް ޗެނަލެއް ކަމަށް ވާ 'އެންގްރީ ސެފްރޮން' ގައި ވެސް ޕޯސްޓް ކޮށްފައި ވާ ކަމަށް ބޫމް އިން ބުނެއެވެ.
އެފަދަ އެހެން ވީޑިއޯއެއްގައި ހަމާސްގެ މުޖާހިދަކު ޔަހޫދީ އަންހެން ކުއްޖަކު ކީޑްނޭޕް ކުރާ ކަމަށް ބުނެ ފަރުތާފައި ވެސް ވެއެވެ. އެންމެ ޕޯސްޓެއް އޮތް އެ އެކައުންޓުގެ އެ ޕޯސްޓް މިލިއަނަކަށް ވުރެ ގިނަ މީހުން ބަލާފައި ވާ އިރު އެއީ އެ އެކައުންޓުގައި އޮތް 10 ޕޯސްޓްގެ ތެރެއިން އެންމެ ގިނަ ހިޓްސް ހިމެނޭ ޕޯސްޓެއް ކަމަށް ވެސް ބުނެފައި ވެއެވެ. އެ އެކައުންޓަކީވެސް އިންޑިއާ އަށް ނިސްބަތްވާ އަދި ބައޯގައި އިންޑިއާގެ ދިދަވެސް ޖަހާފައި އޮތް އެކައުންޓެއް ކަމަަށް ބުނެފައި ވެއެވެ.
މި 7 ޕޯސްޓަށް [ވީޑިއޯ އަށް] ޖުމްލަ 3 މިލިއަން ހިޓްސް ލިބިފައި ވާ ކަމަށް ބުނެ ބޫމް އިން ބުނީ، އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ ވީޑިއޯއެއް ކަމަށާއި ގާޒާ އާ ގުޅުމެއް ވެސް ނެތް ވީޑިއޯއެއް ކަމަށެވެ.
ބޫމް އިން އިތުރަށް ބުނީ، މިފަދަ ފޭކް ހަބަރުތައް ފަރުތާ އެކައުންޓަކުން މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމަށާއި ފޭކް ހަބަރުތައް ފެތުރުމުގައި އެތައް ވަގުތެއް ހޭދަ ކުރާ ކަމަށާއި އެފަދަ އެއް އެކައުންޓު [Mr Sinha_] ހަމާސް އިން ކުއްޖެއްގެ ބޯ ކަނޑާލައި ކަމަށް ބުނެ ވީޑިއޯއެއް ހިއްސާކޮށް ހޭޝްޓެގަކަށް [#IslamIsTheProblem] ޖަހާފައި ވެއެވެ.
އެހެން އެކައުންޓަކުން ބުނެފައި ވަނީ، "މުސްލިމަކު ހިންދޫ އަކަށް ބަދަލުވެއްޖެނަމަ އުޅެނީ އުފަލާއި އަރާމުގައި ކަމަށާއި ހިންދޫ އަކު މުސްލިމަކަށް ވެއްޖެނަމަ އޭނާގެ ނިމުން އޮންނަނީ ފްރިޖެއް ނުވަތަ ސޫޓުކޭހެއްގައި" ކަމަށެވެ.
ރިޓަޔާޑް އިންޑިއާގެ އަސްކަރީ އޮފިޝަލެއް ކަމަށް ބުނާ މީހެެއްގެ އެކައުންޓުގައި ލިޔެފައި ވާ އިބާރާތް އަދި މާ ގޯހެވެ. އޭގައި ބުނެފައި ވަނީ، "އިޒްރޭލުން ފަލަސްތީން މިދުނިޔޭންވެސް ފޮހެލަން ޖެހޭ" ކަމަށެވެ.
އޮސްޓްރޭލިއާގެ އިސްލާމިކް ކައުންސިލް އޮފް ވިކްޓޯރިއާއިން ބުނީ، މުސްލިމުންނާ މެދު ނަފްރަތު އުފައްދާ އެފަދަ އެކައުންޓްތައް އިންޑިއާގައި ގިނަ ކަމަށާއި ރުޅިވެރިކަން އުފައްދާ އެކައުންޓްތަކުގެ މެޖޯރިޓީއަކީ އިންޑިއާގެ އެކިއެކި ފަރާތްތަކަށް ނިސްބަތްވާ އެކައުންޓްތައް ކަމަށެވެ.
ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް ބޭނުން ކޮށްގެން ފޭކް ނިއުސް ފަރުތާ މައްސަލަ ބޮޑުވެ އީޔޫއިން ހުސްވި ހަފްތާގައި އެކްސްގެ ބާނީ މަސްކް އަށް އިންޒާރެއްވެސް ދިނެވެ. އެ އިންޒާރުގައި ބުނެފައި ވަނީ ހަމާސް އިން އިޒްރޭލަށް ހަމަލާދިނުމާ ގުޅުވާ ފަތުރާ ދޮގު މައުލޫމާތު ހުއްޓުވުމަށެވެ.
އިންޑިއާއަކީ އެގައުމުގައި މުސްލިމުންނާއި ބައިމަދު އެހެން ދީންތަކުގެ މީހުންނާމެދު ތަފާތު ކުރުން ގެންގުޅޭ ގައުމެއް ކަމަށް ހަބަރުތަކުން ބުނާ އިރު، ދޭތެރެ ދޭތެރެއިން ދީނީ ހަމަނުޖެހުންތައް ހިނގައި މީހުންގެ ފުރާނައާއި މުދަލަށް ގެއްލުން ދީފައި ވެސް އެބަހުއްޓެވެ. އަދި އިންޑިއާ އަކީ އިޒްރޭލާ ގާތް ގުޅުމެއް އޮންނަ ގައުމަކަށް ވާ އިރު މިފަދަ ގޮތަކަށް ހަބަރުތައް ފަތުރަމުން ދިޔުމަކީ ހައިރާންވާ ކަމެއް ނޫން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.