ޓެކްނޮލޮޖީގެ ރޭހުގައި ކުރިއަރާފައި ވާ އަދުގެ މި ޒަމާނުގައި، ސޯޝަލް މީޑިއާއަކީ ކޮންމެ މީހެއްގެ އަތްމަތީގައިވެސް އޮތް އެންމެ ވަރުގަދަ އެއް ހަތިޔާރެވެ. ގާތް ތިމާގެ މީހުންނާއި އެކުވެރިންނާ މުއާމަލާތު ކުރުމާއި، ހަބަރާއި މައުލޫމަތު ހޯދުމުގައިވެސް އެންމެ ގާތް ބައިވެރިއަކަށް ވެފައި އޮންނަނީ ސޯޝަލް މީޑިއާއެވެ.

ކަން މިހެން އޮތް ނަމަވެސް، ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް، އެންމެ ހަލުވިކަމާއެކު ދޮގު މައުލުމާތާއި ސައްހަ ނޫން ހަބަރުތައް ފަތުރާ މޭސްތިރިއަކީވެސް ސޯޝަލް މީޑިއާ ކަމުގައި ގަބޫލު ކުރަން ޖެހޭ ހާލަތަށް، އަދުގެ މަސްރަހު ވަނީ ބަދަލު ވެފައެވެ. ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި، ހަގީގީ، ސައްހަ މައުލުމާތު އެކުލެވޭ ޕޯސްޓުތަކަށް ވުރެ، ދޮގު މައުލުމާތު ފަތުރާ ފޭސްބުކް ޕޯސްޓްތަކަށް ލިބޭ ސަމާލު ކަން، 6 ގުނަ އިތުރެވެ.

މި ދިރާސާ ކުރިއަށް ގެންދިޔައީ ނިއުޔޯކް ޔުނިވާސިޓީއާއި ޔުނިވާސިޓީ ގްރެނޯބްލް އެލްޕްސްއިންނެވެ. ދިރާސާގެ ބޭނުމަށް ވިލަރެސް ކޮށްފައި ވަނީ 2500 ފޭސްބުކް ޕޭޖަކުން، އޯގަސްޓް 2020 އާއި ޖެނުއަރީ 2021 އާ ދެމެދު ދޫކޮށްލާފައި ވާ ޕޯސްޓްތަކެވެ.

ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ދޮގު މައުލޫމާތު ފަތުރާ ކަމުގެ ރެކޯޑް އޮންނަ މަސްދަރުތަކުން ފަތުރާ ޕޯސްޓްތަކަށް، ސައްހަ މަސްދަރުތަކާ އަޅާ ބަލާއިރު 6 ގުނަ އިތުރަށް ލައިކް، ޝެއާ އަދި އިންޓަރެކްޝަންތައް ލިބޭ ކަމަށް ދައްކައެވެ.

ދިރާސާގެ ބޭނުމަށް ވިލަރެސް ކުރީ ސިޔާސީ ފެކްޝަންތަކުގެ ޕޯސްޓްތަކެއް ކަމުގައި ވީ ނަމަވެސް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ތެރޭގައި، ސިއްހަތަށް ގެއްލުން ދެނިވި، ސައްހަ ނޫން މައުލުމާތާއި ހަބަރު ފަތުރާ ކަމީ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދާ އެންމެ ބޮޑު އެއް މައްސަލައެވެ.