ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް މުޒާހަރާކޮށް، ހަގީގަތް ހާމަކޮށްދިނުމަށް ފަސް ނުޖެހޭ ރަޝިއާގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށް، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޓެލެގްރާމަށް ދޫކޮށްލެއްވި ވީޑިއޯއެއްގައި ޒެލެންސްކީ ވިދާޅުވީ، ރަހުމަތްތެރިންނާއި ލޯބިވާ މީހުންނަށް ތެދު ބަޔާން ކޮށްދިނުމުގެ މަސައްކަތް ހުއްޓާނުލާ މަސައްކަތް ކުރަމުންދާ ރަޝިއާގެ ރައްޔިތުންނަށްޓަކާ އިންތިހާއަށްއަށް ޝުކުރުވެރި ވެވަޑައިގަންނަވާ ކަމަށެވެ.

މި މޭރުމުން ޒެލެންސްކީ ވަނީ ރަޝިއާގެ ދައުލަތުން އޮޕަރޭޓް ކުރާ ރަޝިއާ ޗެނަލް ވަންގެ ޕްރައިމްޓައިމް ހަބަރު ގަޑީގައި، ހަނގުރާމައާ ދެކޮޅަށް އިހުތިޖާޖު ކުރި އެ ޗެނަލްގެ މުވައްޒަފުގެ ނަން، ވަކިން ފާހަގަ ކުރައްވާފައެވެ.

ރަޝިއާ ޗެނަލް ވަންގެ އެޑިޓަރު، މާރިއާ އޮވްސިޔަނިކޯވާ ވަނީ ޕްރެޒެންޓަރު ހަބަރު ކިޔަމުން ދިޔައިރު، ހަނގުރާމައާ ދެކޮޅު ޝިއާރު ލިޔެފައިވާ ބޯޑެއް ހިފައިގެން، ޕްރެޒެންޓަރުގެ ފަހަތުގައި ހަރަކާތްތެރިވެފައެވެ. ހަނގުރާމަ ނުކުރުމަށް ގޮވާލާފައި ވާ އެ ބޯޑުގައި، ރަޝިއާއިން ފަތުރަމުން ދާ ހަގީގަތެއް ނެތް، ދޮގު ޕްރޮޕަގަންޑާ ގަބޫލު ނުކުރުމަށްވެސް މާރިއާ އޮވްސިޔަނިކޯވާ ވަނީ ގޮވާލާފައެވެ.

ލައިވް ބްރޯޑްކާސްޓެއްގައި ރަޝިއާގެ މައި ސަރުކާރާ ދެކޮލަށް އިހުތިޖާޖު ކުރުމުގެ ކުރިން މާރިއާ އޮވްސިޔަނިކޯވާ ވަނީ، ރަޝިއާގައި ހިންގަމުން ދަނީ ޖިނާއީ ޖަރީމާއެއް ކަމަށް ބުނާ ވީޑިއޯއެއް ރެކޯޑްކޮށްފައެވެ. އަދި ރަޝިއާ ސަރުކާރުގެ ޕްރޮޕަގަންޑާ ފެތުރުމުގެ މަސައްކަތުގައި އުޅެން ލަދު ގަންނަ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މާރިއާ އޮވްސިޔަނިކޯވާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް މާރިއާ އޮވްސިޔަނިކޯވާގެ ވަކީލު، ޑިމިޓްރީ ޒަހަޓޯވް ވަނީ، އޭނާގެ ކްލަޔަންޓް އަދިވެސް ނުފެންނަ ކަމަށް، ސީއެންއެންއަށް ވިދާޅުވެފައެވެ.