ހަގީގަތް އޮޅޭ ގޮތަށް ހަދާފައިވާ ފޮޓޯއެއްގެ މައްސަލާގައި، އޮސްޓްރޭލިއާގެ ކިބައިން މައާފަށް އެދުމަށް އެގައުމުން ޗައިނާއަށް ގޮވާލި ގޮވާލުމުގައި، ކޮޅުފައިން ޖަހާ، މައާފަށް އެދުމަށް ޗައިނާއިން އިންކާރު ކޮށްފިއެވެ.

ޗައިނާއިން މައާފަށް އެދެންޖެހޭނެ ކަމަށް އޮސްޓްރޭލިއާއިން ބުނީ، އޮސްޓްރޭލިއާގެ އަސްކަރީ ސިފައިންގެ މީހެއް ކަމަށް ސިފަވާ މީހަކު، އަފްގާނިސްތާނުގެ ކުޑަ ކުއްޖެއްގެ ކަރު ބުރިކޮށްލާ މަންޒަރު ސިފަވާ ތަސްވީރެއް ދައުރު ކުރި މައްސަލާގައެވެ. މި ފޮޓޯ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައި ވަނީ، ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނެއް ކަމަށް ބުނެވެއެވެ.

ކޮމްޕިއުޓަރުން އެޑިޓްކޮށްފައިވާ ކަމަށް ބުނާ މި ތަސްވީރާއެކު، ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު، ޝާއޯ ލީޖިއާން ވަނީ، "ބިރު ނުގަނޭ، އަހަރަމެން މި އަންނަނީ ސުލްހަ ގެނެސްދޭން" މި އިބާރާތް ދޭހަވާ ކެޕްޝަނެއްވެސް ހިއްސާކޮށްފައެވެ.

ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު، ޝާއޯ ލީޖިއާން ހިއްސާކޮށްފައިވާ އެޑިޓް ކޮށްފައިވާ ތަސްވީރުގެ ޓްވީޓް / ފޮޓޯ: އެސްބީއެސް

ބެލެވޭ ގޮތުގައި، ޗައިނާގެ މި އަމަލަކީ، އަފްގާނިސްތާނުގައި އޮސްޓްރޭލިއާ ސިފައިން ހަރަކާތްތެރިވުމުގެ ތެރޭގައި ޣައިރު ގާނޫނީ އަމަލު ހިންގާ، އާންމުންނާއި ގައިދީންގެ 39 މީހަކު މަރާލި މައްސަލަ ފެންމަތިވުމުން، އެކަމަށް ޗައިނާއިން ދިން އިޖާބައެކެވެ. އޮސްޓްރޭލިއާއިން ވަނީ ގާނޫނީ އިމުން ބޭރުން ބަޔަކު "މަރޭލެވުނު" ކަމަށްޓަކައި، އަފްގާނިސްތާނުގެ ކިބައިން މައާފަށްވެސް އެދިފައެވެ.

މިކަމާ ވިދިގެން ޗައިނާއިން އާންމު ކުރި ތަސްވީރުގެ މައްސަލާގައި، ބައިނަލްއަގުވާމީ ފެންވަރުގައި، ޗައިނާއަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. ނަމަވެސް މި ފާޑުކިއުންތަކާ އެކުގައި ވެސް ޗައިނާއިން ވަނީ އޮސްޓްރޭލިއާގެ ކިބައިން މައާފަށް އެދުމަށް އިންކާރު ކޮށްފައެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން/ފޮޓޯ: ރޯހާން ތޮމްސަން

މައާފަށް އެދުމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ޑިމާންޑް ކުރައްވާފައި ވާއިރު، ޗައިނާ ހާރިޖިއްޔާގެ އެހެން ތަރުޖަމާނެއް ކަމަށްވާ ހުއާ ޗުންޔިންގް ވިދާޅުވީ، މައާފަށް އެދުމަށް ޑިމާންޑް ކުރުމުގެ ބަދަލުގައި، އޮސްޓްރޭލިއާއިން "ލަދުގަންނަން" ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ނިއުޒީލަންޑުންވެސް ވަނީ މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުންމި ކަންބޮޑުވުންތައް، ޗައިނާގެ ސަރުކާރާ ހިއްސާކުރައްވާފައި ވާނެ ކަމަށް، ނިއުޒީލަންޑްގެ މަގުބޫލު ބޮޑުވަޒީރު، ޖެސީންޑާ އެޑާންވެސް ވަނީ ވިދާޅުވެފައެވެ. އެޑާން ވިދާޅުވީ، އެ ތަސްވީރަކީ ސާބިތު ހިފޭ ތަސްވީރަކަށް ނުވާ ހިނދު، އެފަދަ ތަސްވީރެއް ދައުރު ކުރި ކަމާ މެދު ނިއުޒީލަންޑުން ކަންބޮޑުވާ ކަމަށެވެ.