މަހެއްހާ ދުވަހަށް ދިގުލާ ގޮސްފައިވާ ޔޫކްރައިން ހަނގުރާމާގައި، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ސުލްހަ އިއުލާން ކުރައްވާ ނަގުލީ ވިޑީއޯއެއް، ސޯޝަލް މީޑިއާއަށް ތިލަވެއްޖެއެވެ.

ނަގުލީ ނުވަތަ އަދުގެ ބަހުރުވައިން ނަމަ "ޑީޕްފޭކް" ވީޑިއޯއަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، އަސްލެއް ނެތް މަންޒަރު ހިމަނައިގެން ތައްޔާރު ކުރާ، އަސްލާ އެއްގޮތް މަންޒާރާއި އަޑެވެ.

ނިމި ދިޔަ ހަފުތާގައި މެޓާއާއި ޔޫޓިއުބްއިންވެސް ވަނީ ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ، ރަޝިއާއަށް އަމާން ދެއްވާ ކަމަށް ބުނާ މަންޒަރު ފެންނަ ނަގުލީ ވީޑީއޯއެއް، އެ ޕްލެޓްފޯމްތަކުން ނަގާފައެވެ.

ޔޫކްރައިން ހަނގުރާމާގައި ދެ ފަރާތުންވެސް މީޑިއާގެ ނާޖައިޒު ބޭނުން ހިފަމުން ދާ އިރު، މިއީ އާންމުން ގަބޫލު ކުރާ ވާހަކަތެއް ތޯ ސުވާލު އުފައްދަން ޖެހެއެވެ.

ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ސިފަވާ ގޮތަށް ތައްޔާރު ކޮށްފައި ވާ ނަގުލީ މަންޒަރެއް / ފޮޓޯ: ބީބީސީ

ޒެލެންސްކީގެ ނަގުލީ ވިޑީއޯއަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވިއެވެ. އެ ވީޑިއޯގައި ފެނިގެންދަނީ ޕޯޑިއަމެއް ކައިރީގައި ޒެލެންސްކީ ހުންނަވައިގެން، ހަތިޔާރުތައް ދޫކޮށްލުމަށް ގޮވާލައްވާ މަންޒަރެވެ. އެ ވީޑިއޯއަށް ފާޑުކީ ފަރާތްތަކުން ފާހަގަ ކުރި ގޮތުގައި ޒެލެންސްކީގެ ހަށިގަނޑަށް ވުރެ، އޭނާގެ ބޯ ބޮޑު ކަމަށާ، މަންޒަރު ރޫޅިފައި ވާ ކަމަށް ބުނެފައިވެއެވެ. އަދި ޒެލެންސްކީގެ އަސްލު އަޑަށް ވުރެ، ނަގުލީ ވީޑިއޯގައި ބޭނުން ކޮށްފައި ވާ އަޑު ބަރު ކަމަށްވެސް ފާހަގަ ކުރިއެވެ.

އަސްލު ޒެލެންސްކީގެ އިންސްޓަގްރާމް އެކައުންޓެއް ކުރެއްވި ޕޯސްޓެއްގައި، ހަގީގީ ޒެލެންސްކީ ވަނީ ނަގުލީ ވީޑީއޯއަށް ފާޑުވިދާޅުވެ، އެއީ ކުޑަކުދިން ކުރާކަހަލަ ޖެއްސުމެއް ކަމަށް ސިފަ ކުރައްވާފައެވެ.

ނަމަވެސް ޔޫކްރައިންގެ ސެންޓާ ފޮ ސްޓްރެޓީޖިކް ކޮމިއުނިކޭޝަނުން ވަނީ، ޔޫކްރައިންގެ ރައްޔިތުން އަމާން ދިނުމަށް ހިތްވަރު ދެނިވި ރޫޙުގައި ރަޝިއާގެ ސަރުކާރުން ޑީޕްފޭކް ވީޑިއޯ ބޭނުން ކުރާނެ ކަމަށް އިންޒާރު ކޮށްފައެވެ.

މިއަދު އުފައްދާ ޑީޕްފޭކް ވިޑިއޯތައް ގާތުން ބަލައިފި މީހަކަށް، އަސްލާއި ތަފާތު ކުދި ފަރަގުތަކެއް ފާހަގަ ކުރެވުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެކަން އެހެން ނޯންނާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރެއް ކަމަށް ނެތޭނިއަލް ގްލެއިޗާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ހަގީގީ މީޑިއާއަށް މީހުން ކުރާ އިތުބާރަށްވެސް ނުރައްކާ ވާނެ ކަމަށް މިކަމާ ބެހޭ ގޮތުން ފޮތެއްވެސް ޝާއިއު ކުރައްވާފައި ވާ ނީން ޝީކް ވަނީ ވިދާޅުވެފައެވެ.

ޑީޕްފޭކް ޓޫލްތައް ބޭނުންކޮށްގެން ދިވެހިންވެސް ވަނީ ގިނަ މަންޒަރުތަކެއް ހަދާފައެވެ. އެގޮތުން އާއިލާގެ ދޮށީ އުމުރުގެ މެންބަރުން ނުވަތަ މަރުވެ ގޮސްފައިވާ މެންބަރުންގެ ކުރީގެ ފޮޓޯތައް ބޭނުން ކޮށްގެން، "މައި ހެރިޓޭޖް" އެޕް ބޭނުންކޮށްގެން ވީޑިއޯ ތައްޔާރު ކުރި އޮއެވަރެއް ފެނިގެން ދިޔައެވެ.

https://www.youtube.com/watch?v=g5wLaJYBAm4

ދެކުނު ކޮރެއާއިން ވަނީ ޑީޕްފޭކް ޓެކްނޮލޮޖީ ބޭނުން ކޮށްގެން ހަބަރު ލިއާ އެންކަރެއްވެސް ބޭނުން ކޮށްފައެވެ.

ޑީޕްފޭކް ޓެކްނޮލޮޖީގެ ބާރު ދައްކާ ދިނުމުގެ ގޮތުން، އެމެރިކާގެ ކުރީގެ ރައީސް، ބަރާކް އޮބާމާގެ ނަގުލީ މަންޒަރުތަކެއްވެސް ވަނީ އުފައްދާފައެވެ.