ފަލަސްތީނު ރައްޔިތުންނަށް ނަސްރު ދެއްވުން އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކޮންމެ ނަމާދެއްގައި ވެސް ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ ޒަޔަނިސްޓް ޔަހޫދީންގެ ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހުތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތް ކޮށްދެއްވައި، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުން އެދި، ކިޔުމަށް އަންގާފައިވާ ގުނޫތު ނާޒިލާ މިއަދު މެންދުރު ނަމާދުން ފެށިގެން ފަރުލު ފަސް ނަމާދުގެ ފަހު ރަކުއަތުގައި އިއުތިދާލުގައި، ކިޔުމަށް ހުރިހާ މިސްކިތްތަކުގެ އިމާމުންނަށް އަންގާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން ވަކި ގޮތެއް އަންގަންދެން ކޮންމެ ނަމާދެއްގައި ވެސް ގުނޫތު ނާޒިލާ ކިޔުމަށް އެ މިނިސްޓްރީއިން ވަނީ އަންގާފައެވެ.

ކޮންމެ ނަމާދެއްގެ ފަހު ރަކުއަތުގައި ގުނޫތު ކިޔުމަށް މިއަދު އަންގާފައިވާއިރު މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގައި އިއުތިދާލުގައި، ހުރިހާ މިސްކިތެއްގައި ވެސް ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

މި މަހުގެ 7 ވީ ހޮނިހުރު ދުވަހު ފެށި ހަމަލާތަކަށް 2 ހަފްތާ ވާން ދާ އިރު އިޒްރޭލުން ވަނި ފަލަސްތީނުގެ 3،300 މީހުން ޝަހީދު ކޮށްލާފައެވެ. ޝަހީދުވި ކުޑަކުދިންގެ އަދަދު 1000 އިން މައްޗަށް އަރާފައި ވާ އިރު ރޭ ގާޒާގެ މެދުތެރޭގައި ހުރި ހޮސްޕިޓަލަށް ބޮން އަޅާ 900 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.