"ދަ މޯލްޑިވްސް އޯޝަން ހެކަތޯން" ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ހެކަތޯނުން އެއްވަނަ "އުދަ" ޓީމު ހޯދައިފިއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ހިންގާ "ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑިސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން" (ޑީމެޑް) ޕްރޮޖެކްޓުން ކުރިއަށްގެންދިޔަ މި ހެކެތަން ކުރިއަށް ގެންގޮސްފައިވަނީ މިމަހު 15 އިން 17 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

މެދުނުކެނޑި 48 ގަޑިއިރަށް ހިންގާ ހެކަތޯންގައި 10 ޓީމާއެކު ޖުމްލަ 50 މީހުން ބައިވެރިވެފައި ވާއިރު މީގެ ތެރޭގައި ރާއްޖެއިން ބޭރުގެ 1 ޓީމް ހިމެނެއެވެ.

މި ހެކަތަން ނިންމުމުގެ ރަސްމިއްޔާތުގައި ހެކަތަންގެ ގަދަ 3 ވަނައަށް ދިޔަ ޓީމުތައް ހޮވައި އިނާމު ހަވާލުކޮށްފައެވެ. މިގޮތުން ހެކަތަންއިން 1 ވަނައަށް ހޮވުނު "އުދަ" ޓީމަށް ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން 10،000 ޑޮލަރު ހަދިޔާކޮށްފައެވެ. އަދި ދިރާގުގެ ފަރާތުން 100 އެމްބީޕީއެސް އިންޓަނެޓް 1 އަހަރަށް ހިލޭ ވަނީ ދީފައެވެ.

ދެ ވަނައަށް ޓީމް "ކްލިމްވެޗް" ހޮވާފައިވާއިރު މި ޓީމަށް މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން 3000 ޑޮލަރު އަދި ދިރާގުގެ ފަރާތުން 100 އެމްބީޕީއެސް އިންޓަނެޓް 1 އަހަރަށް ވަނީ ދީފައެވެ. އަދި 3 ވަނައަށް ހޮވުނު "ވެށި ރައްކާ" ޓީމަށް މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން 2،000 ޑޮލަރު ހަދިޔާކޮށްފައެވެ. އަދި ދިރާގުގެ ފަރާތުން 100 އެމްބީޕީއެސް އިންޓަނެޓް 1 އަހަރަށް ވަނީ ދީފައެވެ.

މި ހެކަތަންގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ރަށްތަކަށް ލިބެމުންދާ ގެއްލުންތައް ދެނެގަތުމަށާއި، ސިޔާސަތުތަށް ތަންފީޒްކުރާ ފަރާތްތަކަށް އެ ކަންކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އެންމެ ފަހުގެ ޑޭޓާ ލިބޭނެ ގޮތް ފަހިކޮށްދިނުމުގެ ގޮތުން ތަފާތު ހިޔާލުތައް ހުށައަޅާފައެވެ.