އިޒްރޭލުން ރޭ ގާޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާ ކުށްވެރި ކުރައްވާ ކަމަށާއި ގާޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާޒާ ހޮސްޕިޓަލަށް އިޒްރޭލުުން ދިން ހަމަލާގައި އެތައް ސަތޭކަ ބަޔަކު ޝަހީދުވެ، ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.
އާންމުންނަށް އަމާޒުކޮށް ހޮސްޕިޓަލްތަކަށާއި މަދަނީ އެއްވެސް އިންފްރާސްޓްރަކްޗާ އަކަށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ ވިސްނުންތެރިކަމާއެކު ހިންގަމުންދާ މި ހަމަލާތައް ހުއްޓާލުމަށާއި، ގާޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.
ރާއްޖެ ގަޑިން ރޭ 9:30 ހާއިރު، ގާޒާގެ މެދުތެރޭގައި އޮންނަ އަވަށެއް ކަމަށްވާ އަލް ޒައިތޫން ގައި ހުންނަ ބެޕްޓިސްޓް ހޮސްޕިޓަލް، (އަލް އަހްލީ އަރަބް ހޮސްޕިޓަލް) އަސް ވަނީ ބޮމުގު ވަރުދަގަ ހަމަލާއެއް ދީފައެވެ. މި ހާދިސާގައި ވަނީ 900 އެއްހާ މީހުން ޝަހީދު ވެފައި ކަމަށް ރިޕޯޓްތައް ބުނާ އިރު، މި ހާދިސާގައި ޝަހީދު ވި މީހުންނާއި ޒަހަމްވި މީހުންގެ ވީޑިއޯއާއި ފޮޓޯތައް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
އެއިން ފެންނަ މަންޒަރު ތަކަށް ބަލާއިރު، ބައެއް މީހުންގެ ގުނަވަންތައް ހަށިގަނޑާ ވަކިވެ އެތަން މިތަނަށް ބުރަބުރައިގެން ގޮސްފަައި ހުރި އިރު، އެތަންތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ތިބިކަން ފާހަގަ ކުރެވެއެވެ. އަދި ވެސް ފުނޑުފުނޑުވެ ފައިބާފައިވާ އިމާރާތުގެ ގާކުނޑިތަކުގެ ދަށުގައި މީހުން ތިބޭނެ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
މި ހަމަލާއާ ގުޅިގެން ފަލަސްތީނު އޮތޯރިޓީ (ޕީއޭ) ގެ ރައީސް މަހްމޫދު އައްބާސް ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާން ކުރައްވާފައެވެ. މި ހާދިސާއާ ގުޅިގެން ބައެއް ގައުމުތަކުގައި އަޑު އުފުލާ، އިހުތިޖާޖު ވެސް ވަނީ ކޮށްފައެވެ. އަދި ގިނަ ބަޔަކު ޔަހޫދީން ދިން ހަމަލާ ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ވެސް އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.