ހަގީގީ މާނައިގައި ހިތުގެ އަޑިން ދީން ދެކެ ލޯބިވާ، އަމިއްލަވަންތަކަން އިސްކުރާ ބަޔަކަށް އަފްރާދުން ބަދަލުކުރުމަށް އިލްމުގެ ބޭނުންހިފާ ގައުމަކަށް ރާއްޖެ ހެދުމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސިޔާސަތުތަކެއް ހާމަކުރައްވައިފިއެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވީ، ދީނީ އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހ.މީރުމާގެ ކޮންފަރެންސް ހޯލްގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުންނެވެ.
ޑރ. މުއިއްޒު ވިދާޅުވީ، ދިވެހިންގެ އަމިއްލަވަންތަކަން އަދި ދިވެހިވަންތަކަން ނެތިގެންދާ ކަމަށާއި އެންމެ މުހިންމު ދެ ކަންތައް ކަމަށްވާ ދިވެހި ބަހާއި، އިސްލާމް ދީން، ނިޒާމެއްގެ ތެރެއިން އަތުން ނިގުޅައިގަނެވިގެން ގޮސްފައިވާ ކަމަށެވެ. އަދި މިކަން ރަނގަޅުކުރެވޭނީ މިކަންކަމާ ވިސްނާ، އެންމެން އެކައްޗެއް ކިޔައިގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އިސްލާމް ދީނަށް ތަބާވެގެން ތިބި މީހުން އިސްނަގައިގެން ވިސްނުންތެރި މަސައްކަތްތަކެއް މިކަމާ ގުޅިގެން ކުރަން ޖެހޭ ކަމަށާއި އެހެން ނޫނީ ބޮޑެތި ނިކަމެތިކަމެއް ކުރިމަތިވާ ކަމަށާއި އަދި ވަރަށް ނުރައްކާ ހިސާބަކަށް މި މުޖުތަމައު ހިނގައިދާނެ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.
މުއިއްޒު ވިދާޅުވީ، ޔުނިވާސިޓީތަކުންނާއި ކޮލެޖުތަކުން، އެކިއެކި ސްކޫލުތަކުން އަދި މުޅި ތައުލީމީ ނިޒާމުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ވިސްނުން ބައްޓަން ކުރަން ޖެހޭ ކަމަށާއި ނޫންނަމަ ތުއްތު ދަރިން ނޭނގި ތިބެ އެހެން ފިކުރަކަށް ގޮސް ނިމިގެން ގޮސްދާނެ ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ގައުމީ ދިރާސާ ކުރެވޭ "ނެޝަނަލް ރިސާޗް ފަންޑެއް" ބަޖެޓުން ހިމަނައިގެން ފުރުސަތު ދެއްވާނެ ކަމަށެވެ. މިގޮތުން ގައުމީ، ދީނީ، އަދިބީ އަދި އެކި ދާއިރާތަކުން ފުރުސަތު ލިބިގެންދާނެ ކަމަށާއި ބޭރު ގައުމުތަކާ ގުޅިގެން ރާއްޖޭގައި ތިބެގެން ވެސް މިކަން ކުރެވޭނެ ކަމަށެވެ.
ދިވެހި ބަސް ދިފާއުކުރުމުގެ ގޮތުން ރާއްޖޭގެ މުގައްރަރުގެ ތެރޭގައި ދިވެހި ބަހާއި، ސަގާފަތާއި، އާދަކާދައާއި ދިވެހިންގެ ޝަހުސިއްޔަތު އުނގަންނައިދީ ހިތްތަކުގައި އަށަގަންނުވަން ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމަވާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ދިވެހިބަހާއި ދިވެހި އާދަކާދައާއި ސަގާފަތް އިއާދަކުރުމަށް ކުރިން ދުވަހަކުވެސް ކުރެވިފައިނުވާ މިންވަރުގެ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ދިވެހިބަހާއި ސަގާފަތާއި އާދަކާދައަށް ހާއްސަ ވުޒާރާއެއް ގާއިމުކުރައްވާނެ ކަމުގައި މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ބޭނުްފުޅުވަނީ ޔުނިވާސިޓީތަކަކީ ސަރުކާރުން ބައްޓަން ކުރާ ސިޔާސަތުތަކާ އެވިޑެންސް ބޭސްޑް ޑިސިޝަން މޭކިންއަށް މަސައްކަތްކޮށްދޭ ބަޔަކަށް ވާން ކަމަށެވެ.
މުއިއްޒު ވަނީ، ގައުމު ކުރިއަށް ގެންދިއުމުގައި ވަރަށް ހީވާގި ކަމާއެކު ސަރުކާރާ ގުޅި ލާމެހިގެން އަމަލީ މަސައްކަތް ކުރުމަށް ޔުނީވަސިޓީތަކާ ކޮލެޖުތަކަށް އެދިވަޑައިގެންފައެވެ. ހާއްސަކޮށް ދީނީ އިލްމުވެރިން ބަވަނަވެފައިވާ މި ދުނިޔޭގައި ހިނގާ ކަންކަމަށް ވިސްނައިގެން ހާއްސަކޮށް އެހެން ގައުމުތަކަށް ކިޔަވަންދާ ކުދިންނަށް ދޭންވާ ދީނީ މައުލޫމާތުތައް ދިނުމުގައި ގެންގުޅެންޖެހޭ އުކުޅުތައް ވިސްނުންތައް ވިސްނަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.