2021 ވަނަ އަހަރު ޝޫޓިން ފެށި ސަލްމާން ހާން އާއި ކެޓްރީނާ ކެއިފް ގެ "ޓައިގާ 3" ގެ ރަސްމީ ޓްރެއިލާ ނެރެފިއެވެ.
އަދިތްޔާ ޗޯޕްޅާ ޕްރޮޑިއުސްކޮށް މަނީޝް ޝަރުމާ ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ޓްރެއިލާ އިން މީގެ ކުރިން ބޮލީވުޑްގެ ފިލްމަކުން ނުފެންނަ ކަހަލަ އެކްޝަން މަންޒަރުތައް ފެނިގެންދިޔައިރު، ބަޑި ޖަހާ ތަންތަން ގޮވާ މަންޒަރުވެސް ފެނިގެންދިޔައެވެ. ފިލްމުގައި ސަލްމާން (ޓައިގާ) ދިރިއުޅެމުން އަންނަނީ އޭނާގެ އަނބިމީހާ ކެޓްރީނާ (ޒޯޔާ) އާއި ދެމީހުންގެ ދަރިފުޅާއެކުގައެވެ. ސަލްމާން ގެ ދުޝްމަނެއް ކަމަށްވާ އިމްރާން ހާޝިމީ، ސަލްމާން އަށް ހަމަލާ ދެއެވެ. ގައުމުދެކެ ލޯބިވާ ޓައިގާ އަށް އޭނާގެ ގައުމު ނުވަތަ އާއިލާ ތޯ "ޗޫޒް ކުރަން ޖެހެއެވެ.
ފިލްމުގެ ކުރީގެ ދެބަޔަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ. ފިލްމު ކުޅުމަށް ކެޓްރީނާ ހާއްސަ އެކްޝަން ޓްރެއިނިން ތަކެއް ހެދިއިރު މި ފިލްމު ރިލީޒްކުރާނީ ތިން ބަހަކުންނެވެ. އެއީ ހިންދީ، ތަމަޅަ އަދި ތެލެގޫއެވެ. މި ފިލްމަކީ 40.1 މިލިއަން ޑޮލަރު (300 ކުރޯޑު)ގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ. އަންނަ މަހުގެ 12 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ތާވަލްކޮށްފައިވާ މިފިލްމަކީ މިއަހަރު ބޮލީވުޑްގައި ރިލީޒްކުރާ އެންމެ ވަރުގަދަ އެއް ފިލްމަށް ވާނެ ކަމަށް ބެލެވެއެވެ. މިއަހަރު ވަނީ ސިނަމާއަށް ގިނަ އެކްޝަން ފިލްމުތައް ގެނެއްސައެވެ.
ދެހާސް ބާރަ ވަނަ އަހަރު ސީކުއަލްގެ ފުރަތަމަ ފިލްމު "އޭކް ދަ ޓައިގާ" ގެނެސްދިނީ ކަބީރު ހާން އެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ވަނީ "ޓައިގާ ޒިންދާ ހޭ" ގެނެސްދީފަ އެވެ. ބޮލީވުޑްގެ ކުޅަދާނަ ތަރިން ކަމަށްވާ ކެޓްރީނާ އާއި ސަލްމާންގެ އޮން ސްކްރީން ކެމިސްޓްރީ އަކީ ގިނަ ބައެއްގެ ތާއީދާއި މަގްބޫލުކަން ހޯދާފައިވާ ޖޯޑެކެވެ. އާންމުކޮށް މިދެތަރިން އެކުގައި ކުޅޭ ފިލްމުތައް ވަރަށް ބޮޑު ހިޓަކަށްވެގެން ދެއެވެ.