މީގެ 20 އަހަރު ކުރިން 2 އެންޓެލޯޕް [ދަޅުފީނި ފުއްލާ] ޝިކާރަ ކުރި މައްސަލައެއްގައި ސަލްމާން ހާން މަރާލާނެ ކަމުގެ އިންޒާރު ދެމުން އަންނަ ބިޝްނޯއި ގޭންގުން ސްލަމާންގެ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފައި ވަނިކޮށް ހަމަލާ ދިން ދެމީހުން ފުލުހުން ހައްޔަރު ކޮށްފިއެވެ.
100 އަށް ވުރެ ގިނަ ފިލްމު ކުޅެ އަދި ބޮލީވްޑްގެ ސްޕާސްޓާރެއްގެ ގޮތުގައި ހުރި ސަލްމާން ޝިކާރަ ކުރި ދެ ޖަނަވާރަކީ ބިޝްނޯއީން ގަބޫލުކުރާ މުގައްދަސް އެންޓެލޯޕް ތަކެކެވެ.
މުމްބާއީގެ ފުލުހުން ބުނީ, ސަލްނާންގެ ގެއަށް ހަމަލާ ދިން ދެމީހުން އެ ގެއާ ކައިރިވީ ސައިކަލެއްގައި ކަމަށާއި ސަލްމާން ދިރިއުޅޭ ގެއަށް [އެޕާޓުމަންޓަށް] 5 ވަޒަން ޖެހި ކަމަށެވެ.
ބަޑިޖެހުމަށް ފަހު 2 މީހުން ފިލައިގެން އުޅެނިކޮށް ސީސީޓީވީ ފްޓޭޖްތައް ބަލައި ދިރާސާ ކުރަމުން ގޮސް ދެމީހުން އަތުލައިގަތީ ގުޖުރާތުގެ ކުޗްގައި ހުންނަ ފައްޅިއެއްގެ ތެރެއިންނެވެ.
ފުލުހުން ބުނީ ވިކީ ގުޕްތާ (24އ.) އާއި ސާގަރު ކުމާރު ޕަލަކު (21އ.) ހައްޔަރު ކޮށް ސުވާލު ކުރުމުން އެ ހަމަލާ ދިން ކަމަށް އެ ދެމީހުންވެސް އެއްބަސްވެފައި ވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ހަމަލާ ދިން ވަގުތު ސަލްމާންހާން އާއި އާއިލާގެ އިތުރު މެންބަރުން ގޭގައި އުޅުނު ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
ސަލްމާންގެ ފިލްމު ހަމް ސާތުސާތު ހޭ ގެ ޝޫޓިންގައި ރާޖަސްތާންގައި އުޅުނު ދުވަސްވަރު އެންޓެލޯޕްސް ޝިކާރަ ކުރި ހިސާބުން ފެށިގެން ސަލްމާން މަރާލާނެ ކަމުގެ އިންޒާރު ދޭތެރެ ދޭތެރެއިން ދެމުން އައި ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައި ވެއެވެ.
ހިމާޔަތް ކޮށްފައި ވާ ވަލުޖަނަވާރަށް ގެއްލުން ދިން މައްސަލައިގައި 2018 ވަނަ އަހަރު ސަލްމާންގެ މައްޗަށް 5 އަހަރުގެ ހުކުމެއްވެސް އިއްވިއެވެ. ނަމަވެސް އެ ހުކުމް ވަނީ ފަހުން ސަސްޕެންޑް ކޮށްފައެވެ.
ސަލްމާން މަރާލަން މަސައްކަތް ކުރާ ބިޝްނޯއީ ގޭންގްގެ ލީޑަރު ބިޝްނޯއީ މިހާރުވެސް ހުރީ ޖަލުގައެވެ. ހައި ޕްރޮފައިލް މީހުންގެ މަރާ ގުޅުން ހުރި ކޭސްތަކުގައި ޖަލުގައި ހުރި އިރު އޭނާގެ މައްޗަށް އުފުލި އެއް ދައުވާ އަކީ އިންޑިއާގެ ރެޕް ލަވަކިޔުންތެރިޔާ ސިދޫ މޫސް ވާލާގެ މަރެވެ.
ފުލުހުން ބުނީ އުމުރުން މިހާރު 58 އަހަރުގެ ސްޓާރު މަރާލަން ގޭންގް މެންބަރުންނަށް މިފަހަރު ހިތްވަރު ދިނީ ޖަލުގައި ހުރި ބިޝްނޯއީގެ ކޮއްކޮ އަންމޯލް ކަމަށާއި އޭނާ ދިރިއުޅެނީ ކެނެޑާގައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބޮޑެތި ގިނަ ސިޓީތަކުގައި ފުލުހުން ސާޗް އޮޕަރޭޝަނެއް ފަށާފައި ވާ އިރު, ހަމަލާ ދިން ދެމީހުންނާ ހަމާލާ ދީ ފުލުހުން ބުނީ އެމީހުން ސަލްމާނަށް ފާރަލައި ސަލްމާން ދިރިއުޅޭ ގެއާ ކައިރިން މަހު ކުއްޔަށް ތަނެއް ކުއްޔަށް ވެސް ހިފާފައި ވާ ކަމަށެވެ.