ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ހާންއަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ކުޑަކުއްޖަކު ހައްޔަރު ކޮށްފިއެވެ.

ސަލްމާން މަރާލާނެކަމުގެ އިންޒާރު ދިން މައްސަލައިގައި މިމަހުގެ 11 ވަނަ ދުވަހު މަހަރާޝްތަރަށްގެ ތާނޭ ޑެސްޓްރިކްޓިން ހައްޔަރު ކޮށްފައި ވަނީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ. އިންޑީއާ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ އެ ކުއްޖާ ހައްޔަރު ކޮށްފައި ވަނީ ޕޮލިސް ކޮންޓްރޯލް ރޫމަށް ގުޅައި ސަލްމާން މަރާލާނެކަމުގެ އިންޒާރުދިނުމާ ގުޅިގެން، އިންޒާރު ދިން މީހާ ހޯދުމަށް ގުޅި ނަންބަރު ޓްރޭސްކޮށްގެން ކުރި މަސައްކަތުންނެވެ.

އިންޑިއާ ފުލުހުން ބުނީ ކުޑަކުއްޖަކު ސަލްމާން މަރާލާނެކަމުގެ އިންޒާރު ދިން ސަބަބު ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އެހެންނަމަވެސް އެކަން ކުރަމުން ދަނީ އެ ކުއްޖާގެ ހައްގުތައްވެސް ނުގެއްލޭ ގޮޮތަށް ކަމަށެވެ.

ފަހަކަށް އައިސް އިންޑިއާގެ ތަރިންނަށް މަރުގެ އިންޒާރުދޭ މައްސަލަ އިތުރުވެފައި ވާއިރު، ދާދި ފަހުން އިންޑިއާގެ ލަވަކިޔުންތެރިޔާ ސިދޫ މޫސޭ ވާލާއަށް ވަނީ ބަޑިން ހަމަލާދީ މަރާލާފައެވެ. ސިދޫގެ މަރުގެ މައްސަލައިގައި އިންޑިއާގެ ގޭންގް ލީޑަރެއް ކަމުގައިވާ ލޯރެންސް ބޯޝަނީ ހައްޔަރުކޮށް ޖަލަށްލާފައި ވާއިރު، އޭނާ އަންނަނީ ސަލްމާން ހާން މަރާލާނެކަމުގެ އިންޒާރުވެސް ދެމުންނެވެ.

މިދިޔަ އަހަރު ސަލްމާން މަރާލުމަށް ބޯޝަނީ މަސައްކަތްކުރިކަމުގެ ތުހުމަތުތަކެއްވެސް ކުރެވިފައި ވާއިރު ސަލްމާންއަށް ލިބެމުންދާ އިންޒާރުތަކާ ގުޅިގެން އޭނާވަނީ ބުލެޓްޕްރޫފް ކާރެއްވެސް ގަނެފައެވެ.