ރިލީޒްކުރު ފުރަތަމަ ދުވަހުވެސް ދުނިޔޭގެ ބޮކްސް އޮފީހުގައި "ޓައިގާ 3" އަށް 11 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެއެވެ. \
އެކްޓަރު ސަލްމާން ހާން އާއި ކެޓްރީނާ ކައިފް ލީޑު ރޯލު ކުޅޭ މި ފިލްމަށް 11 މިލިއަން ޑޮލަރު (94 ކުރޯޑު ރުޕީސް) ގެ އާމްދަނީއެއް ލިބުނުއިރު މި ފިލްމުވެގެން ގޮސްފައިވަނީ ފިލްމު ރިލީޒްކުރިތާ އެންމެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމަށެވެ. އިންޑިއާ ސިނަމާތަކުގައި މި ފިލްމު ދައްކައިގެން އެކަނިވެސް މި ފިލްމަށް ފުރަތަމަ ދުވަހު ވަނީ ހަ މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. މިހާރު "ބިގް ބޮސް" ހޯސްޓްކުރުމުގައި މަޝްޣޫލުވެ އުޅޭ ސަލްމާން ގެ ދިގު ފިލްމީ ކެރިއަރުގައިވެސް އޭނާ އަށް ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކަށް މި ފިލްމުވަނީ ވެގެން ގޮއްސައެވެ.
ދިތްޔާ ޗޯޕްޅާ ޕްރޮޑިއުސްކޮށް މަނީޝް ޝަރުމާ ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގައި ސަލްމާން (ޓައިގާ) ދިރިއުޅެމުން އަންނަނީ އޭނާގެ އަނބިމީހާ ކެޓްރީނާ (ޒޯޔާ) އާއި ދެމީހުންގެ ދަރިފުޅާއެކުގައެވެ. ސަލްމާން ގެ ދުޝްމަނެއް ކަމަށްވާ އިމްރާން ހާޝިމީ، ސަލްމާން އަށް ހަމަލާ ދެއެވެ. ގައުމުދެކެ ލޯބިވާ ޓައިގާ އަށް އޭނާގެ ގައުމު ނުވަތަ އާއިލާ ތޯ "ޗޫޒް" ކުރަން ޖެހެއެވެ. ފިލްމުގެ ކުރީގެ ދެބަޔަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ. ފިލްމު ކުޅުމަށް ކެޓްރީނާ ހާއްސަ އެކްޝަން ޓްރެއިނިން ތަކެއް ހެދިއިރު މި ފިލްމު ރިލީޒްކުރާނީ ތިން ބަހަކުންނެވެ. އެއީ ހިންދީ، ތަމަޅަ އަދި ތެލެގޫއެވެ. މި ފިލްމަކީ 40.1 މިލިއަން ޑޮލަރު (300 ކުރޯޑު)ގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ. ބެލެވޭ ގޮތުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ފިލްމު އުފައްދަން ހޭދަކުރި ޑޮލަރު ފޫބެއްދި ރަނގަޅު އާމްދަނީއެއް މި ފިލްމަށް ލިބޭނެއެވެ.
ދެހާސް ބާރަ ވަނަ އަހަރު ސީކުއަލްގެ ފުރަތަމަ ފިލްމު "އޭކް ދަ ޓައިގާ" ގެނެސްދިނީ ކަބީރު ހާން އެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ވަނީ "ޓައިގާ ޒިންދާ ހޭ" ގެނެސްދީފަ އެވެ. ބޮލީވުޑްގެ ކުޅަދާނަ ތަރިން ކަމަށްވާ ކެޓްރީނާ އާއި ސަލްމާންގެ އޮން ސްކްރީން ކެމިސްޓްރީ އަކީ ގިނަ ބައެއްގެ ތާއީދާއި މަގްބޫލުކަން ހޯދާފައިވާ ޖޯޑެކެވެ. އާންމުކޮށް މިދެތަރިން އެކުގައި ކުޅޭ ފިލްމުތައް ވަރަށް ބޮޑު ހިޓަކަށްވެގެން ދެއެވެ.