އެމްއެމްޕީއާރުސީ މައްސަލާގައި އެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނީގެ މައްޗަށް ފައިސާ ދައްކަން ކޮށްފައިވާ ހުކުމާ އެއް ގޮތަށް ފައިސާ ނުދެއްކި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފިއެވެ.
ސެޕްޓެމްބަރު 17. 2021ގައި ސިވިލް ކޯޓުން ވަނީ ހަ މަހަށް ބަހާލައިގެން އެމްއެމްޕީއާސީއަށް އެސްއޯއެފުން 10،708،271 ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައެވެ. ނަމަވެސް ހުކުމާ އެއްގޮތަށް އެސްއޯއެފް އިން އެފައިސާ ދައްކާފައިނުވާއިރު އެމައްސަލަ ސިވިލް ކޯޓުން މަދަނީ އިޖުރާއަތްތަކުގެ ގާނޫނު ވުޖޫދުވުމުގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ސާކިއުލާއެއްގެ ދަށުން ބަލަން ފެށިއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައި ބުނީ، މިހާރު މަދަނީ އިޖުރާއަތްތަކުގެ ގާނޫނުގައި ބަޔާންކުރާ އުސޫލުތައް އޮތް ގޮތުން ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ހުކުމެއް ކުރެވެން އަންނަނީ ދައުވާކުރާ ފަރާތުގެ ހާޒިރުގައި ކަމަށެވެ. ނަމަވެސް އެ ދުވަހު ބޭއްވި ސިވިލް ކޯޓުގެ އަޑުއެހުމަށް ހާޒިރުވުމަށް އެމްއެމްޕީއާރުސީއަށް ފޮނުވި ހާޒިރު އަމުރާ ވެސް ހަވާލުވުމަށް ފަހު އެ ދުވަހުގެ އަޑުއެހުމަށް އެމްއެމްޕީއާރުސީން ހާޒިރުވެފައި ނުވާ ކަމަށް ހުކުމުގައިވެއެވެ.
ހުކުމުގައި އިތުރަށް ބުނީ، ދައުވާ ކުރާ ފަރާތުން އަޅައި ދިނުމަށް އެދޭ ފިޔަވަޅުތައް އެނގެން ނެތް އިރު ދެ ފަރާތުން ކޯޓުން ބޭރުގައި ވަކި ގޮތަކަށް ވާހަކަ ދައްކާ ދައުވާ ލިބޭ ފަރާތަށް މި ފައިސާ ދެއްކުމަށް ފުރުސަތުތަކެއް ދެވިފައި އޮތުމުގެ އިހުތިމާލު ވެސް އޮވެދާނެތީ ހުކުމް ތަންފީޒު ކުރުމުގެ އިޖުރާއަތްތައް ދައުވާ ކުރާ ފަރާތުގެ ބަހެއް ނެތި ކުރިއަށް ގެންދެވެން ނެތް ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ.
އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ 155 މީހެއްގެ އެކައުންޓަށް އެސްއޯއެފް ކުންފުންޏެއް މެދުވެރިކޮށް ޖަމާ ކޮށްފައި ވާކަން އޭސީސީއިން އާންމުކުރި ތަހުގީގީ ރިޕޯޓުން ހާމަވެފައި ވާއިރު އޭގެ ތެރެއިން ބައެއް މީހުން ވަނީ ފުލުހަށާއި އެ ކޮމިޝަނަށް ވެސް ހާޒިރު ކޮށްފައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހަކު ހިމެނޭއިރު ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ވެސް ހިމެނެއެވެ.
މި ހިޔާނާތުގެ މައްސަލަތައް އޭސީސީން ތަހުގީގު ކުރަމުން އަންނަ އިރު ބައެއް ތަހުގީގުތަކާ މެދު އެ ކޮމިޝަނުން ގޮތެއް ނިންމާ ބައެއް މައްސަލަތަކުގައި ދައުވާ ކުރުމަށް ވެސް އޭސީސީން ވަނީ ޕީޖީއަށް ފޮނުވާފައެވެ.