ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް 'ކޭކް ޑޯނާސް' އިން އިސްނަގައިގެން މާލޭގައި ފަންޑްރައިޒިން ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މިއަދު ހެނދުނުން ފެށިގެން މާލެ އާއި ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން މި ހަރަކާތް ކުރިއަށް ދާނީ ހެނދުނު 7:00 އިން މެންދުރު 14:00 އަށް ހުޅުމާލެ ފެރީ ޓާމިނަލްގައެވެ. އަދި ހެނދުނު 7:00 އިން 18:00 އަށް މާލޭ އެމްޕީއެލް ސަރަހައްދުގައި މި ހަރަކާތްކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު 15:00 އިން ފެށިގެން 18:00 އަށް ހިޔާ ފްލެޓް ޕާކުގައި މި ހަރަކާތް ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން ސެންޓްރަލް ޕާކް، އަލިމަސް ކާނިވަލް، ރާޅުގަނޑު ސަރަހައްދު އަދި ރަސްފަންނުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 15:00 އިން ފެށިގެން 18:00 އަށެވެ.

މާލޭގެ ހަތަރު ސަރަހައްދަކާ ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ކޭކް ޑޯނާސްގެ ސްޓޯލްތައް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު އެ ތަންތަނުން ހެނދުނުގެ ނާސްތާ އާއި މެންދުރުގެ ކެއުން އަދި ހަވީރު ސައިގެ އިތުރުން ކޭކު އަދި ތަފާތު ޕޭސްޓްރީސް ލިބެން ހުންނާނެއެވެ.

ކޭކް ޑޯނާސް އިން ބުނީ މި ހަރަކާތުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ، ފަލަސްތީނަށް އެހީވާން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ހުޅުވާލާފައިވާ ފަންޑަށް ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ ކުރަމުންނެވެ. މި ގޮތުން މިއަދު އައްޑު ސިޓީ ފޭދޫގައިވެސް ފަންޑްރައިޒިން ވެހިކަލް ބުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.