އަމިއްލަ މިނިވަންކަމުގެ ހައްގުގައި ހަމާސް އިން އިޒްރޭލަށް އަމާޒުކޮށް ދިން ހަމަލާގެ ރައްދަށް ގާޒާއާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ އިއުލާން ކުރިތާ ހަފްތާއެއް ވެފައިވާ އިރު، ގާޒާގެ މަތިން އުދުހެމުންދާ އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ވައްޓަމުންދާ ބޮންތައް ހުއްޓައެއް ނުލައެވެ. އދ އިން ބުނާ ގޮތުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މި ވޭތުވެ ދިޔަ ހަތް ދުވަސްތެރޭ ގާޒާގައި އެއް މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
އިޒްރޭލުގެ ހަނގުރާމައިގެ މައިގަނޑު ސިފައަކީ މީހުން ދިރިއުޅޭ މަގުތަކަށާއި އާއިލީ ގެތަކަށާއި ރެފިއުޖީ ކޭމްޕްތަކެއް ފަދަ އާބާދީ ބޮޑު ސަރަހައްދުތަކަށް ބޮން އެޅުމެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި އިސްރޭލުގެ ހަމަލާތަކުގައި އާއިލާގެ ހުރިހާ މެންބަރުން މަރުވުމާ ގުޅިގެން 50 އާއިލާއެއް ވަނީ މަދަނީ ރަޖިސްޓްރީން ފޮހެލާފައެވެ.
ގާޒާގައި ގެތައް ސުންނާފަތި ވެފައިވާ ސަރަހައްދުތަކުގެ ވިޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، އެތަނުގެ ގިނަ ގެތައް ވަނީ ބިމާ ހަމައަށް ކުދިކުދި ވެގެން ފައިބާފައެވެ. ގޭގެ އިމާރާތުގެ ބައިތައް ކުންޏަށް ވެ ކުދިކުދިވެގެން ފައިބާފައިވާ އިރު އިމާރާތްތަކުގެ ކުނިބުނިތަކުގެ އަޑީގައި އަދިވެސް މަރުވެފައިވާ މީހުންގެ ހަށިތައް ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިޒްރޭލުން ހަމަލާ ދިމުގެ ކުރީގެ ފޮޓޯތަކާއި ވިޑިއޯތަކަށް ބަލާލީމައި އެ ސަރަހައްދަކީ ދިރުން ހުރި ސަރަހައްދެއްގެ ގޮތުގައި ފެނުނަސް މިހާރު އެތަނެކޭ ހަނަފަސް ސަހަރާއެކޭ ތަފާތެެއް ނެތެވެ. ވަށައިގެން ފެންނަމުން ދަނީ ބިރުވެރިކަމާއި ނާމާންކަމާއި ހިތްދަތި ކަމެވެ. އެތައް އާއިލާއެއް ބިކަވެ ނިކަމެތިކަމާ ކުރިމަތިލާން ޖެހިފައިވާ ހިތްދަތި އެ މަންޒަރަކީ އެއްވެސް ބަޔަކު މީޑިއާއަށް ތިލަކޮށް ދައްކަން ބޭނުންވާ ވާހަކަތަކެއް ނޫން ކަަމަށް ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮ އެދޭ މީހުން އަންނަނީ ބުނަމުންނެވެ.
ގާޒާ ސިޓީގެ މެދުތެރޭގެ އަލްޖާލާ މަގުގައި ހުންނަ ރާމްލަވީގެ ގެއަކަށް ދިން ބޮމުގެ ހަމަލާއެއްގައި ދެ މީހަކު ޝަހީދު ވެފައިވާ އިރު 10 މީހުން ވަނީ ޒަހަމް ވެފައެވެ. ރާމްލަވީ ގައި އެތައް ގެއެއް ވަނީ ދިރިނޫޅެވޭ ވަރަށް ހަލާކުވެފައެވެ. މިހާރު ދެމުންދާ ބޮމުގެ ހަމަލާތަކުގައި ގިނަ ބަޔަކު ތިބީ ގޮތް ހުސްވެފައެވެ. ނަމަވެސް އެމީހުންގެ ގެދޮރު ދޫކޮށް ދާކަށް ބޭނުމެއް ނޫނެވެ.
އަލްޖަލާ މަގުގައި ދިރިއުޅޭ ހަލީލް އަބޫ ކަމްބާޒް ބުނީ، ވައިގެ ހަމަލާތައް ދީފައި ވަނީ އިންޒާރެއް ދިނުމަކާ ނުލައި ކަމަށެވެ. އިޒްރޭލުން ހީކުރަނީ އެމީހުންނަށް އިންޒާރު ދިނުމުން އެމީހުން އެތަނުން ބަދަލުވާނެ ކަމަށް ތޯ އޭނާ ސުވާލު އުފެއްދިއެވެ. އޭނާ ޝުއޫރު ފާޅުކުރަމުން ބުނީ އޭނާ ދާނެ ތަނެއް ނެތް ކަމަށާއި އަމިއްލަ ގޭގެ ކުނިތަކުގެ ދަށުގައި މަރުވާން ވެސް މާ ރަނގަޅު ކަމަށެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ އެހެން ރައްޔިތެއް ކަމަށްވާ ސާމީ އަލް ރަވާގް ބުނީ، އެ އާއިލާގެ އެންމެން ތިބީ އެކުގައި ކަމަށާއި ދެބެންގެ ދެދަރި ތިމާގެ މީހުން ދުނިޔޭގައި ތިބި ކަން ނުވަތަ ނެތް ކަން ވެސް އެމީހުންނަށް ނޭނގޭ ކަމަށެވެ. އެ ރައްޔިތުން ހަލާކުވެގެން މިދަނީ ކަމަށާއި ހަލާކުވާނެ އިތުރު އެއްޗެއް ދެން އެމީހުންގެ ނެތް ކަމަށް އޭނާ ބުންޏެވެ.
އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 2808 އަށް އަރާފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 10859 އަށް އަރާފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ރިޕޯޓްތަކުން ބުނެއެވެ. މިހާތަނަށް 1090 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައި ވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ގާޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އިދާރާއިން ބުނާ ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 254 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް 64 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިންނެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ޕެރަމެޑިކްސް ހިމެނޭ ގޮތަށް 37 މެޑިކަލް ސްޓާފުން ވަނީ ޝަހީދު ވެފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެން ގާޒާގައި ހަލާކުވެފައި ނުވަތަ ބަންދުކޮށްފައިވާ އުމްރާނީ ވަސީލަތްތަކަށް ބަލާ އިރު، ތައުލީމް ފޯރުކޮށްދޭ 90 ތަނަކާއި 18 މިސްކިތަކަށް ގެއްލުން ވެފައިވާ އިރު، 11 މިސްކިތެއް ވަނީ އެކީ ހަލާކު ވެފައެވެ. ފެން އުފައްދާ 11 ތަނަކާއި 20 އެމްބިއުލާންސް ވަނީ ސުންނާފަތިވެފައެވެ. ހަމައެއާއެކު 64،000 އަށް ވުރެ ގިނަ ގެއަށް ގެއްލުން ވެފައިވާ އިރު، އޭގެތެރެއިން 5540 ގެ ވަނީ އެކީ ފުނޑުފުނޑު ވެފައެވެ.
2.3 މިލިއަން މީހުންގެ އާބަދީއެއް އޮތް ގާޒާގެ 47 ޕަސެންޓަކީ ކުޑަކުދިންނެވެ. އަދި އޭގެތެރެއިން 1.7 މީހުން ދިރިއުޅެމުން އަންނަނީ ރެފިއުޖީ ކޭމްޕް ތަކުގައެވެ.
ގާޒާ ރައްޔިތުން ދިރިއުޅުމުގެ އަސާސީ ހައްގުތަކުން މަހްރޫމުކޮށް، ދިރިހުރުމުގެ ހައްގުތައް ނިގުޅައިގަންފައި ވާ އިރު، މަރުވެފައި ވާ މީހަކަށް ލިބިދޭން ޖެހޭ ހައްގުތައް ވެސް އަދާކޮށް ނުދެވޭ ހާލަތަށް ކަންތައް ވަނީ ގޯސްވެފައެވެ.
އެ ގޮތުން މިހާރު ހޮސްޕިޓަލް ތަކުގެ މޯގްތައް ފުރިފައިވާ އިރު، ގަބުރުތައް ބޭއްވުމަށް ހޮސްޕިޓަލްތަކުން ވެސް ބޭނުން ކުރަމުން އަންނަނީ އައިސްކްރީމް ޓްރަކްތަކެވެ. ޝަހީދުވާ މީހުންގެ އަދަދުތައް އިތުރުވަމުން ދާތީ ގާޒާގައި މީހުން ވަޅުލުމަށް ހެވީ ވެހިކަލްތައް ބޭނުންކޮށްގެން ބޮޑެތި ވަޅުތައް ކޮނެގެން މީހުން ވަޅުލަމުން އަންނަ ކަަމަށް މައުލޫމާތު ލިބެއެވެ.