އިޒްރޭލުން އެއްގަމު މަގުން ގާޒާއަށް އެރުމަށް ބޯޑަރު ސަރަހައްދުގައި ކޮޅު ނުފެންނަވަރަށް ބަރުހަތިޔާރާއެކު ސިފައިން ތައްޔާރީ ހާލަތުގައި ތިބި އިރު ގާޒާ ހިފުމަކީ ވަރަށް ބޮޑު ގޯހަކަށް ވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ހަތިޔާރާއި، މަދަދާއި މާލީ އެހީގައި އިޒްރޭލުގެ އަސްކަރީ ބާރު ވަރުގަދަކޮށް، ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކުރަމުން ދާއިރު ގާޒާ ހިފުމަކީ ބޮޑު ގޯހަކަށް ވާނެ ކަމަށް ބައިޑަން ވިދާޅުވީ އިހުލާސްތެރި ހިތަގައިގެން ނޫންކަމަށް ގިނަ ބަޔަކު ބުނެއެވެ.
މުރާސިލުން ބުނާގޮތުން އޭނާ އެ މޭރުމުން ވާހަކަ ދެއްކެވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމެރިކާގެ މުސްލިމް ކޮމިއުނިޓީގެ ވޯޓު ބޭނުންވާތީ ކަމަށާއި ބައިޑަން އަކީ އެމެރިކާގެ ރައީސް އަކަށް ވެވަޑައިގަތުމުގެ ކުރިންވެސް ޔަހޫދީ ބޮޑުވަޒީރަށާއި އިޒްރޭލަށް ހިފެހެއްޓުމެއް ނެތި ތާއީދު ކުރައްވާ ބޭފުޅެކެވެ.
އެމެރިކާގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ އެހެން ވިދާޅުވެފައި ވާއިރު ފަލަސްތީނުގެ ހަމާސްގެ ވަސް ފުހެލަން ޖެހޭކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ހަމާސްއަކީ ފަލަސްތީނުގެ ގާޒާ ކޮންޓްރޯލް ކުރާ މުޖާހިދުންނެވެ. ފަލަސްތީނުގައި އޮންނަ މަހަމޫދު އައްބާސްގެ ސަރުކާރާއި ހަމާސް އާ ދެމެދު ނުތަނަވަސްކަން އޮންނަ އިރު ޕަލަސްޓައިން އޮތޯރިޓީ (ޕީއޭ) ނުވަތަ މަހަމޫދު އައްބާސްގެ ސަރުކާރަކީ އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބައެއްގެ ކޮންޓްރޯލް އޮންނަ ސަރުކާރެކެވެ. އޭނާ ނިސްބަތްވެވަޑައިގަންނަވާ ފަތަހް ޖަމާއަތާއި ހަމާސް އަކީ އެކިއެކި ކަންކަމުގައި ދެބަސްވެ ހިޔާލު ތަފާތުވާ ދެ ޖަމާއަތް ކަމުން އެ ދެޖަމާއަތުގެ ދެމެދުގައި މާ ބޮޑުގުޅުމެއް ނޯވެއެވެ.
ގާޒާގެ ކޮންޓްރޯލް 2007 ގައި ހަމާސް އިން ނަގާ، އެތާނގައި އަމްރު މައުރޫފު ހިންގާ ޖަމާއަތަކީވެސް ހަމާސް އެވެ.
އޮކްޓޯބަރު 7، 2023 ގައި އިޒްރޭލަށް ކުއްލި ހަމަލާދީ އިޒްރޭލު ސިއްސުވާލީ ހަމާސް ކަމަށް ވާއިރު އެއީ ޓެރަރިސްޓުން ކަމަށް އެމެރިކާއިން އޮންނަނީ ކަނޑައަޅާފައެވެ.
އެ ހަމަލާގައި އިޒްރޭލުގެ 1200 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު 150 އެއްހާ މީހުން ރަހީނުކޮށްފައި ވެސް ވެއެވެ. އެއެންމެން ގާޒާއަށް ގެންގޮސް ފޮރުވާފައި ވާ އިރު، ބަދަލު ހިފުމަށް އިޒްރޭލުން ފަށާފައި ވާ ގަތުލުއާންމުގައި ގާޒާގެ އުތުރުބިތް ހުސްކޮށްލުމަށް ދަނީ ތައްޔާރު ވަމުންނެވެ. ވައިގެ މަގުން ހުއްޓުމެއް ނެތި ބޮން އަޅަމުން ދާ އިރު، ގާޒާއިން ޝަހިދުވި މީހުންގެ އަދަދު މިހާރު ވަނީ 2000 އިން މައްޗަށް އަރާފައެވެ. ފެނާއި ކަރަންޓާއި، ގޭހާއި، ކާބޯތަކެއްޗާއި ތެޔޮ ބަންދުކޮށް ހައިނޫނުކަމުގެ ތޫފާނެއްގައި ގާޒާ އޮތް އިރު އިޒްރޭލުގެ ފައުޖުތައް މިހާރު ރުކުރުވާލާފައި ވަނީ ގާޒާގެ އުތުރުގައެވެ. އެއްގަމު މަގުން އަރައިގަތުމަށްޓަކައި ކޮޅުނުފެންނަ ވަރަށް ޓޭންކްތަކާއި ސިފައިން ތައްޔާރީ ހާލަތުގައި ތިބި އިރު، އަމާޒަކީ، ގާޒާގެ މެދުން އުތުރާއި ދެކުނު ވަކިވާ ވާދީއާ ހިސާބަށް ކޮޅަށް ހުރި ހުރިހާ އިމާރާތެއް ބިމާ ހަމަކޮށް ސަހަރާއަކަށް ހަދާލުމެވެ. އަދި ދިރިހުރި ފުރާނައެއެް ފެންނަން ހުރިއްޔާ ބަޑިޖަހާ މަރާލުމެވެ.
އިޒްރޭލުގެ ސިފައިން ހަތިޔާރުތައް އަތުރާ ތައްޔާރުވަމުން ދާއިރު ބޭނުން ކުރާ ވަޒަން، މެގަޒިން [ވަޒަނަކާއި ޖެހި ވަޒަނެއް ލައްވާފައި ހުންނަ އެތި] އަށް ލައްވަނީ އޫރުގެ ބޮލާއި އޫރު މަހުގައި ހާކައި ހަދާފައެވެ.
މުސްލިމުންނަށް އޫރަކީ ހަރާމް އެއްޗަކަށް ވާއިރު ޔަހޫދީން މި ނުބައި ޖަރީމާ ހިންގަނީ ސީދާ މުސްލިމުން ރުޅިއަރުވާ ނިކަމެތި ކޮށްލުމުގެ ބޭނުމުގައެވެ.
ހަނގުރާމަ ފެށުމާއެކު އެމެރިކާގެ އިސްވެރިންނާއި ޔޫރަޕްގެ ވެރިން އަވަސް އަވަހަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ކައިރިއަށް ވަޑައިގެންފައި ވާ އިރު އިޒްރޭލުގެ ތައްޔާރީތަކަށް ފާޅުގައި ހިތްވަރު ދެއްވާފައި ވެއެވެ.
އިޒްރޭލުން ބުނާ ގޮތުން، އޮކްޓޯބަރު 7ގެ ހަމަލާގައި އެގައުމުގެ ސިފައިންގެ 291 މީހަކު މަރުވުމާއި، އެތައް ކުޑަކުދިންނެއް މަރާފައި ވުމަކީ އިޒްރޭލު "ބްލީޑް ވަމުން" ދިޔުމެވެ. ނުވަތަ ލޭ އޮހޮރިއްޖެ ކަމަށާއި ލޮލަކަށް ލޮލެއް، ބޮލަކަށް ބޮލެއް އޮންނަ އުސޫލުން ހަމާސް ފުނޑާލާނެ ކަމަށެވެ.
ގާޒާގެ އުތުރުގައި ދިރިއުޅޭ 1.1 މިލިއަން މީހުން ގެދޮރު ދޫކޮށް ވާދީ ހުރަސް ކޮށް ދެކުނަށް ދާން އަންގާފައި ވާ އިރު އެ އެންމެންނަކީ ހަމާސްއަށް ތާއީދު ކުރާ އަދި ހަމާސްގެ މެންބަރުންނެއް ވެސް ނޫނެވެ. ނަމަވެސް އަދަބު އަންނަނީ އެންމެނަށެވެ.
އދ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިޒްރޭލުގެ އެ އުދުވާން، އެގޮތަށް ނުހިންގުމަށް ގޮވާލަމުން ދާ އިރު ވެސް އިޒްރޭލުން އަޅައެއް ނުލައެވެ. ހަނގުރާމައިގައި ބޭނުން ކުރުން މަނާ ހަތިޔާރު ކަމަށް ވާ ފޮސްފަރަސް ބޮމާއި، ކްލަސްޓާ ބޮން ވައްޓާލައި އިމާރާތްތައް ހުރި ގޮތަށް ފުނފުފުނޑު ކުރަމުން ދާ އިރު ޝަހީދުވެ އަނިޔާވެ ޒަހަމްވަމުން ދަނީ ގާޒާގެ ނިކަމެތި ރައްޔިތުންނެވެ.
އޮކްޓޯބަރު 7 ގެ ހަމަލާއަށް ފަހު ހަމާސްއަކަށް ވެސް މިދުވަސްވަރު މާ ބޮޑުކަމެއް ނުކުރެވެއެވެ. ދަމަކުން ބަޑިއެއް ޖަހާހެން ރޮކެޓެއް ފޮނުވާލިޔަސް އެ ރޮކެޓް މިހާރު އިޒްރޭލުން ގޮއްވާލައެވެ. ރޭ އެންމެ ފަހުން އިޒްރޭލުން ބޭނުން ކުރަން ފެށީ ލޭޒާގެ އެހީގައި ރޮެކްޓް ގޮއްވާލާ ނިޒާމެވެ.
ގާޒާގެ ތެރޭގައި ރުއިމާއި، ހާސްކަމާއި ކެކުޅުމުގެ އަޑު ކަނޑައިގެން ނުދާ އިރު، ހަމާސްގެ މުޖާހިދުންގެ ހަރަކާތްތައް މިހާރު ނުފެނެއެވެ. އެއަށް ވުރެ ހާސްކަން ބޮޑީ ކުރިއަށް އޮތް 24 ގަޑިއުރު ތެރޭގައި އެންމެ ފަހަށް ހުރި ތެޔޮ ކޮޅު ހުސްވެ ހޮސްޕިޓަލްތަކުގެ އިންޖީނުތައް ވެސް ނިމި މުޅިތަން ހުއްޓުމަކަށް އައުމާއެކު މަރުވެދާ މީހުންގެ އަދަދު ލައްކައިން ލައްކައިގެން އަރައިގެން ދާނެތީ އޮތް ނުތަނަވަސްކަމެވެ.
ގާޒާ ވަށައިގެން އިޒްރޭލު ބަންދުކޮށްފައި ވާއިރު ކާއެތިކޮޅެއް ވެސް، ފެންފޮދެއްވެސް އަދި އަލިކަމެއް ވެސް ލިބެން އޮތީ އިޒްރޭލުން ދިނިއްޔާއެވެ. އިއްޔެ ގާޒާގެ ދެކުނަށް ފެން ގުޅައިދީފި ކަމަށް އިޒްރޭލުން ބުނި އިރު އެ ފެން ގޭގެއަށް އަދި އެކިއެކި އިދާރާތަކާއި ހޮސްޕިޓަލްތަކާ ހަމައަށް ފޯރުކޮށްދޭ އިންޖީނުތައް ހުރީ ތެޔޮ ނެތުމުގެ ސަބަބުން ނިވިފައެވެ. އެހެން ކަމުން ފެން ފޯރުކޮށް ދިނަސް އެފެން ބޭނުން ކުރަން ތިބި މީހުންނާ ހަމައަށް ދޫކުރެވޭނެ ގޮތެއް ނެތެވެ.
އިޒްރޭލުން ގާޒާއަށް އަރަން ދިމާކޮށްފައި ވާ މިވަގުތު އެމެރިކާގެ ރައީސްގެ އެ މެސެޖުގައި ދެއްވާ ދެވަނަ އިންޒާރަކީ، އެއްގަމު މަގުން އިޒްރޭލުން އަރައިފި ނަމަ އިޒްރޭލު ސަރަހާއަކަށް ހަދާލާނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު ހޮސައިން އަމީރު އަބްދުއްލޯހައިން ވިދާޅުވެފައި ވާ ވިދާޅުވުމާ ގުޅިގެން ދެއްވާ އިންޒާރެއް ކަމަށް ވެސް މުރާސިލުން ބުނެއެވެ.
އޭނާ ވިދާޅުވެފައި ވަނި އިޒްރޭލުން އެއްގަމު މަގުން އަރައިފިނަމަ އީރާނުން ބަލަން ނުތިބޭނެ ކަމަށާއި އިޒްރޭލަށް 'ބިންހެލުމެއް' ގެންނާނެ ކަމަށެވެ. އަދި އެކަމުގައި އޭނާ ވަނީ ހަމށްގެ ލީޑަރުންގެ އިތުރުން ކައިރި އަވަށްޓެރި ގައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވާ މަޝްވަރާވެއް ކުރައްވާފައެވެ. އަދި އެކަން ހިނގަމުން ދާ އިރު ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުމަށްޓަކައި ސަރަހައްދީ އިމަށް އީރާނުން ދަނީ ބަރުހަތިޔާރުވެސް ޖަމާކުރަމުންނެވެ.
އީރާނަކީ އެ ސަރަހައްދުގައި އޮތް އެމެރިކާ އާއި އިޒްރޭލު އެންމެ ކަންބޮޑުވާ އަދި އެ ދެގައުމުގެ ބަސް ނާހާނެ ގައުމުކަން އެނގޭތީ، އީރާނުން ކޮށްފާނެ ކަމަކަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާއިން ވަނީ އެގައުމުގައި އޮންނަ ނިއުކްލިއާ ގާބިލުކަން ލިބިފައިވާ އެންމެ ބޮޑެތި މަނަވަރުތަކުގެ ތެރެއިން 2 މަނަވަރު އިޒްރޭލަށް ފޮނުވާފައެވެ. ހަތިޔާރުން ބަރާކޮށް 'ސްވިފްޓް އެކްޝަން' ޓީމަކާއެކު ގޮސް އޮތް އެ ދެމަނަވަރުގެ ދައުރަކަށް ވާނީ އިޒްރޭލު ހިމާޔާތް ކުރުމާއެކު އީރާނު ސުންނާފަތި ކޮށްލުން ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.