އަމިއްލަ ދިފާއުގައި ކަމަށް ބުނެ އިޒްރޭލުން ފަށާފައި ވާ އުދުވާން މިހާރު އެވަނީ އެ އިމުން ބޭރުވެފައި ކަމަށް ޗައިނާގެ ހާރިޖީ ވަޒީރު ވޭންގް ޔީ ވިދާޅުވެއްޖެއެވެ.

އޭނާ ވަނީ، އެއްވެސް ފަރާތަކުން މަޝްރަހު އިތުރަށް ގޯސް ނުކުރުމަށާއި ސުލްހައިގެ މޭޒުދޮށަށް ދިޔުމަށް ވެސް ގޮވާލައްވާފައެވެ. އޭނާ މިހެން ވިދާޅުވެ ވާހަކަ ދައްކަވާފައި ވަނީ ސައުދީގެ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާމް އާލް ސުއޫދަށް ގުޅުއްވާ ދެއްކެވި ވާހައިގައެވެ.

އިޒްރޭލުގެ އުދުވާނާ ގުޅިގެން މީގެ ކުރިންވެސް ޗައިނާއިން ވާހަކަ ދައްކާފައި ވާ އިރު އެގައުމުން ބުނެފައި ވަނީ ހުރިހާވެސް މައްސަލައަކީ އިޒްރޭލުގެ ދައުލަތް އުފެއްދި ގޮތަށް ފަލަސްތީނުގެ ދައުލަތް އުފައްދާފައި ނުވުން ކަމަށާއި، މިއަދު ދިމާވެގެން އުޅޭ ހާލަތަކީ އެތައް ޒަމާނެއްވީ އަނިޔާ އާއި އެކަހެރިކަމުގެގައި ފަލަސްތީން އޮންނަން ޖެހުނު އޮތުމުން ދިމާވެފައިވާ ހާލަތެއް ކަމަށެވެ.

ގާޒާގެ އުުތުރުން މީހުން ފައިބަން ދިން މުހުލަތު އިޒްރޭލުން މިއަދުވެސް އަނެއްކާ އިތުރު ކޮށްފިއެވެ. މިއަދު 7 ޖެހި އިރު އާންމު ކުރި އިއުލާނެއްގައި ބުނީ، ގާޒާގެ ތެރޭގައި އިޒްރޭލު ސިފައިންގެ ހަރަކާތްތައް ގިނަ ވާނެ ކަމަށާއި އެހެން ކަމުން އާންމުން ރަށުން ފައިބައިގެން ދާންވީ ކަމަށެވެ. އަދި މިއަދުގެ އިރު އޮއްސުމާ ހަމައަށް ފައިބަން ވަނީ އަންގާފައެވެ.

އިޒްރޭލުގެ އަމުރާ އެކު 400،000 އެއްހާ މީހުން މިހާރު ގެދޮރު ދޫކޮށް ގޮސްފައި ވާ އިރު ސިދްރްގައި ދިރިއުޅޭ މީހުންގެ ތެރެއިން 7000 އެއްހާ މީހުން ނުފައިބާ އެބަތިއްބެެވެ. އެމީހުން ބުނެފައި ވަނީ ވަޒަން ދޫކޮށް ނުދާނެ ކަމަށާއި އިޒްރޭލު ދެކެ ބިރު ނުގަންނަ ކަމަށެވެ.

ރައްޔިތުން ފައިބައިގެން ދާން އިޒްރޭލުން އިންޒާރު ދެމުން އަންނަ އިރު ހަމާސްއިން ދަނީ އެއްވެސް މީހަކު ގާޒާ ދޫކޮށް ނުދިޔުމަށް ނަސޭހަތްތެރިވަމުންނެވެ.

އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން އިޒްރޭލުން ހަމާސްގެ ނަކްބާ ފޯސްގެ ކޮމާންޑަރަކު ޝަހީދު ކޮށްލައިފިއެވެ. މިކަން ހަމާސް އިން ޔަގީން ކޮށްދީފައި ނުވި ނަމަވެސް އިޒްރޭލުން ބުނީ، މިއަދުވެސް ގާޒާގެ 100 މަގާމަކަށް ހަމަލާ ދީފައި ވާ ކަމަށާއި އޭގެ ތެރޭގައި އަސްކަރީ މަގާމުތަކާއި ބައެއް ޖެޓްތައް ހިމެނޭ ކަމަށެވެ. އަދި އިޒްރޭލަށް ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ނަކްބާ ފޯސްގެ އެއް ކޮމާންޑަރު ޝަހީދު ކޮށްލި ކަމަށް ވެސް ބުނެފައި ވެއެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާ ދިނުމަށް ބޭނުން ކުރާ ހަތިޔާރުގެ ތެރޭގައި އެމެރިކާއިން ވިއެޓްނާމުގައި ބޭނުން ކުރަން އުފެއްދި އެމްކޭ84 މަރުމަކާގެ ގިނަ އަދަދެއްގެ ބޮމާއި ކްލަސްޓާ ބޮން ހިމެނެއެވެ. މީގެ އިތުރުން މިސައިލާއި އެހެނިގެން ބަރުހަތިޔާރުވެސް އެމެރިކާއިން އިޒްރޭލަށް ވަނި ދީފައެވެ.

އިޒްރޭލާ އެކު ހަނގުރާމައިގައި ބައިވެރިވާން ޖެހިދާނެ ހާލަތަކަށް ތައްޔާރު ވުމަށް ނިއުކްލި ގާބިލުކަން ލިބިފައިވާ އެމެރިކާގެ މާސިންގާ 2 މަނަވަރުވެސް މިހާރު ވަނީ މެޑިޓަރޭނިއަން ކަނޑުން ވަދެފައެވެ. އޭގައި ހާއްސަ ކްއިކް ރިއެކްޝަން ފޯސް އަކާއެކު މަތިންދާބޯޓާއި ބަރުހަތިޔާރު ޖަމާކޮށްފައި ވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

އިޒްރޭލުގެ ހަމަލާތައް ކުރިއަށް ގެންދަން މަގުފަހި ކުރަމުން އެމެރިކާގެ ހާރިޖީ ވަޒީރު ވަނީ މެދުއިރުމަތީގެ ނުފޫޒުގަދަ ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައެވެ. އަދި ގާޒާގެ ރައްޔިތުން ފައިބައިގެން ދާން ރައްކާތެރި ވަގުތެއް [މުހުލަތެއް] ކަނޑައަޅާ އެ މަގަށް މަސައްކަތް ކުރާ ކަމަށް އެމެރިކާ ބުނެއެވެ. ނަމަވެސް މުރާސިލުން ބުނަނީ އެމެރިކާގެ ބޭނުމަކީ ރައްކާތެރި ކަމުގައި ގާޒާގެ ރައްޔިތުންނަށް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުން ނޫން ކަމަށާއި އެމެރިކާގެ ބޭނުމަކީ ރަށުން ފައިބައިގެން ދާ މީހުންނަށް އެނބުރި ގާޒާއަށް އާދެވުނަ ނުދިނުން ކަމަށެވެ. އަދި އިޒްރޭލުން ގާޒާގެ އުތުރު ހުސްކޮށް އެސަރަހައްދުގައި ސެކިއުރިޓީ ޒޯނެއް ކަނޑައަޅާނެ ކަމަށާއި އެހާ ހިސާބުން އެތަނަށް އެނބުރި ދިޔުމުގެ ހައްގު ގާޒާގެ ރައްޔިތުންނަށް ގެއްލިގެން ދާނެ ކަމަށެވެ.

ގާޒާގެ ރައްޔިތުން ފައިބައިގެން ދާން އިޒްރޭލުން ދައްކާފައި ވާ މަގަކީ ބައިތް ހަނޫން އިން ހާން ޔޫނުސް އަށް ދެވެން އޮންނަ މަގެވެ. އެނޫން ދިމާއަކުން މީހަކު ދާނަމަ ހަމަލާ ދެއެވެ.