ޖުމްލަ 102 އެނދާއި 8 އޮޕަރެޝަން ތިއޭޓަރު ހުންނަ ގާޒާގެ އަލް ގުދުސް ހޮސްޕިޓަލް މިހާރު ވަނީ ޒަހަމްވެފައި ވާ ފަލަސްތީނުގެ ރައްޔިތުންނައިގެން ފުރި ބާރުވެފައެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި އެތައް ބަޔަކު ހޮސްޕިޓަލަށް ނުވެއްދި ބޭރުގައި މަގުމަތީގައި ބައިތިއްބާފައި ތިބި އިރު، ހޮސްޕިޓަލް ފުރިފައި ވުމުން ޒަހަމްވި މީހުންނަށް ވެސް ފަރުވާ ދެމުން ދަނީ ތަޅުންގަނޑުމަތީގައި ބައިތިއްބައިގެންނެވެ.

ޒަހަމްވި ކުޑަކުދިންގެ އަދަދު ގިނަ އިރު، ހޮސްޕިޓަލްގެ ތެރެ އެއް އަޑަކުން ގުގުމަމުން ދަނީ އެކުދިންގެ ރުއިމުގެ އަޑާއި ހާސް ކަމުގައި ތިބި ބެލެނިވެރިންނާއި ޒަހަމްވެފައި ތިބި މީހުންނަށް އެހީވާން ހަރަކާތްތެރިވާ މީހުން އަވަސްވެ ގަނެ ފަރުވާ ދިނުމަށް އުޅޭ އަޑުތަކުންނެވެ.

ޕަލަސްތީނުގެ ރެޑް ކްރެސެންޓުން ގިނަ މަސައްކަތްތައް ބަލަހައްތާ މި ހޮސްޕިޓަލް ހުސްކުރަން ޔަހޫދީ ސިފައިން މިހާރު ވަނީ އަންގާފައެވެ.

ގާޒާގެ އުތުރު ބިތުގައި ދިރިއުޅޭ އެންމެން ފައިބައިގެން ދާން އަންގާފައި ވާ އަމުރުގެ ދަށުން ހޮސްޕިޓަލް ވެސް ހުސްކުރަން އެންގި އިރު ޒަހަމްވެފައި ތިބި މީހުން ގޮވައިގެން ދާނެ ވަކި ތަނެއް ނެތެވެ. އަދި އެމީހުން އެހެން ތަނަކަށް ބަދަލުކުރުމަކީ ފަސޭހަ ކަމަކަށް ނުވާ އިރުވެސް އެތަން ހުސްކުރަން ދީފައިވާ ވަގުތަކީ މިއަދު އިރުއޮއްސި 6 އެވެ.

އިއްޔެ އެ ހޮސްޕިޓަލް ހުސްކުރަން 2 ގަޑިއެއް ދީފައި ވާ އިރު ވަގުތު އިތުރު ކުރީ އެތާނގައި ތިބި މީހުން އެހެން ތަނަކަށް ގެންދިޔުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ އެހެން ގޮތެއް ނެތިގެން ކަމަށް ހަބަރުތައް ބުނެއެވެ.

ފަލަސްތީނުގެ ރެޑްކުރެސެންޓުން ބުނީ، ހާލަތު ނާޒުކު ކިތަންމެ މީހަކު އެތާ އެބަތިބި ކަމަށާއި އެމީހުންނަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށެވެ.

"އިންކިއުބޭޓަރުގައި ތިބި ތުއްތު ކުދިންވެސް އެބަތިބި، ހިމާޔަތް ހޯދައިގެން ތިބި އެތައްހާސް ރައްޔިތުންނެއްވެސް އެބަތިބި، ހުސްކުރާނީ ކިހިނެއް"
ރެޑްކްރެސެންޓް

ގާޒާގެ އުތުރުގެ 2 ކޭމްޕެއްގައި ދިރިއުޅޭ 1.1 މިލިއަން މީހުން ވަޒަން ދޫކޮށް ދެކުނުގެ ކޭމްޕްތަކަށް ދާން އަމުރު ކޮށްފައި ވާ އިރު، 400،000 އެއްހާ މީހުން ގެދޮރު ދޫކޮށް ދިޔަ ނަމަވެސް ގެދޮރުން ނުނިކުންނަން ތިބި މީހުންގެ އަދަދު މާ ގިނައެވެ. އުތުރުގެ ބައިތު ހަނޫން ކެމްޕަކީ 444،000 މީހުން ދިރިއުޅޭ ކޭމްޕެކެވެ. ޖެހިގެން އޮންނަ ގާޒާ ސިޓީ އަކީ 750،000 މީހުން ދިރިއުޅޭ ކޭމްޕެކެވެ. މި އެންމެން ދާން އަންގާފައި ވަނީ ދެކުނުގައި އޮންނަ ދައިރު އަލް ބަލާ، ނުވަތަ ހާން ޔޫނުސް ނުވަތަ ރަފާ ކޭމްޕަށެވެ. އެ 3 ކޭމްޕަކީވެސް ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ 3 ކޭމްޕަށް ވާއިރު އިތުރުވާ މީހުންނާއެކު މުޅިތަން ތޮއްޖެހޭނެއެވެ.

ގާޒާގެ އުތުރުން ރައްޔިތުން ފައިބަން އިޒްރޭލުން އަންގާ 2 ސަބަބެއް އެބައޮތެވެ. އެއް ސަބަބަކީ، އުތުރުގައި ހަމާސްގެ މުޖާހިދުން ފިލާ ތިބި ކަމަށް ބަލައި އެމީހުން މެރުމާއި، އުތުރު ހުސްކޮށް އިޒްރޭލާ ދެމެދު ސެކިއުރިޓީ ޒޯނެއް ގާއިމު ކުރުމެވެ.

މުރާސިލުން ބުނާ ގޮތުގައި، އިޒްރޭލުން މަސައްކަތް އެ ކުރަނީ މިހާރުވެސް ފޭރިގަންފައި ވާ ފަލަސްތީނުގެ ބިންތަކުގެ އިތުރަށް އުތުރު ހިސޯރުކޮށް އަތްދަށުލާށެވެ. އެއީ ހަނގުރާމައިގެ ޖަރީމާއެއްގެ އިތުރުން އިންސާނިއްޔަތާ ހިލާފު ކަމެއް ކަމަށް ވެސް މުރާސިލުން ބުނެއެވެ.

ޔަހޫދީ ސިފައިން ކެނޑި ނޭޅީ އުތުރުގެ ސަރަހައްދުތަކަށް ބޮން އަޅަމުން ގެންދާ އިރު، މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ، 2،329 އަށް އަރާފައެވެ. ޒަހަމްވި މީހުންގެ އަދަދު 9000 އިން މައްޗަށް އަރައިފިއެވެ.

ހަމަލާތަކުގައި ދީފައި ވާ ގެއްލުން:

  • ހަލާކު ކޮށްލި ގެދޮރުގެ އަދަދު: 64،283
  • އެއްކޮށް ބިމާ ހަމަކޮށްލި ގޭގެ އަދަދު: 5،540
  • ހަލާކު ކޮށްލި ތައުލީމު ދޭ މަރުކަޒުތަކުގެ އަދަދު: 90
  • ހަލާކު ކޮށްލި މިސްކިތްތަކުގެ އަދަދު: 18
  • އެއްކޮށް ފުނޑުފުނޑު ކޮށްލި މިސްކިތްތަކުގެ އަދަދު: 11
  • ސިއްހީ ހިދުމަތް ދޭ ތަންތަން: 19
  • ގޮއްވާލި އެމްބިއުލާންސްގެ އަދަދު: 20
  • ފެނުގެ ހިދުމަތް ދޭ ތަންތަން: 11

މުޅި ގާޒާއިން ފެނާއި، ކަރަންޓާއި ކާބޯތަކެއްޗާއި ބޭސް ކަނޑާލާފައި ވާ އިރު، އުތުރުން އެއްގަމާއި، ކަނޑާއި ވައިގެ މަގުން އަރައިގަންނަން ޔަހުދީ ސިފައިން މިހާރު ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. ރަސްމީކޮށް އެއްގަމު މަގުން އަދި އަރާފައި ނުވި ނަމަވެސް ޓޭންކަރުތަކުން ބޮޑުބަޑީގެ ހަމަލާ ދީ އެކި އެކި ތަންތަނަށް ދަނީ ބޮން އަޅަމުންނެވެ. މިހާތަނަށް ޖުމްލަ 6000 ބޮން ވައްޓާލާފައި ވާ އިރު ގާޒާގެ މުޅި އިތުރު މިހާރު ފެންނަނީ ވީރާނާވެފައި ވާ ޝަހަރެއްގެ ގޮތުގައެވެ.