އދ. ދަނގެތިން ކުޑަ ދޯންޏެއްގައި އެކަނި މަހަށް ދިޔަ އުމުރުން ދުވަސްވީ މީހަކު ހަބަރެއް ނުވެގެން އެ ރަށު ކައުންސިލާއި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނިކުތް މީހަކު ގެއްލިގެން ރިޕޯޓް ކޮށްފައި ވަނީ މިއަދު މެންދުރު 11:42 ހާއިރުއެވެ. އެ ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގެއްލުނު މީހާއާ ގުޅިގެން ދަނގެތި ކައުސިލްގެ ރައީސް މުއާވިޔަތު ރަޝީދު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމީހާ އަކީ ޔޫސުފް އިބްރާހިމް ކިޔާ އުމުރުން 65 އަހަރުން މަތީގެ މީހެއް ކަމަށެވެ. ޔޫސުފް މިއަދު ފަތިހު މަހަށް ދިޔަ ގޮތަށް އަދި އާއިލާއަށް ހަބަރު ނުވާ ކަމަށާއި މެންދުރުވީ އިރު އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މުއާވިޔަތު ވިދާޅުވިއެވެ.

އެމީހާ އަކީ އެކަނިމާ އެކަނި މަހަށް ގޮސް އުޅޭ މީހެއް ކަމަށާއި އަދި ވެސް އޭނާ ހޯދުމުގެ މަސައްކަތް ކެނޑި ނޭޅި ދަނީ ކުރަމުން ކަމަށް މުއާވިޔަތު ވިދާޅުވިއެވެ. މި މަސައްކަތުގައި ކައުންސިލާއި ފުލުހުން އަދި އެމްއެންޑީއެފްގެ މީހުންގެ އިތުރުން އެ ރަށުގެ ރައްޔިތުން ވެސް އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމަށް މުއާވިޔަތު ވިދާޅުވިއެވެ.