ދިވެހި ފިލްމު އިންޑަސްޓްރީ ދުށް އެންމެ މޮޅު ބަތަލާ ނިއުމާ މުހައްމަދުގެ ފިލްމު ކުންފުނި ނިއުޒޯ ފިލްމްސް އިން "ކަޅަކި" އިއުލާން ކުރިއިރުން ފެށިގެންވެސް މި ފިލްމަށް އިންތިޒާރު ކުރެވުނެވެ. ކެމެރާގެ ކުރިމަތިން ބަތަލާ ނިއުމާ ގެއްލުނު ނަމަވެސް ދުވަސްގަނޑަކަށް ފަހު ނިއުމާ ޕްރޮޑިއުސް ކުރި ފިލްމެއް ބެލުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވިއެވެ. ފިލްމު ބަލަން ދިޔުމުގެ ކުރިން ފިލްމުގެ ޓިކެޓް ނަގަން އޮލިމްޕަހަށް ދިޔައީ އެކުގައި ފިލްމަށް ގެންދާނެ ކުއްޖާއާވެސް އެކުގައެވެ. ޒަމާންތަކަކަށް ފަހު ފިލްމަކަށް ދެވޭތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ. އޮލިމްޕަހަށް ވަދެ އެ ކުއްޖާ އަށް ނިއުމާ ފެނުމާއެކު ހުރެވުނު ތަން ވެސް ނޭނގުނެވެ. ރަނގަޅަށްވެސް އެއީ ހަމަ "ފޭން ގާލް" އެކެވެ. ސެލްފީ އާ އެއްޗެހި ނެގީމެވެ. ފިލްމު ބަލަން ކޮންމެހެންވެސްދާނެ ކަމަށް ނިއުމާ ގާތު ބުނީމެވެ. މި ފިލްމަށް އަހަރެމެން ދެމީހުން ދިޔައީ ވަރަށް ތައްޔާރު ވެގެންނެވެ. ފިލްމުގެ ޓިކެޓް ނެގީއްސުރެ ފިލްމަށްދާއިރު ގެންދާނެ ކާއެއްޗެއްސާ މެދުވެސް ވަރަށް މަޝްވަރާ ކުރީމެވެ. ވަރުގަދަ ތަރިންތަކެއް ކުޅެފައި އޮތް ފިލްމަކަށް ވުމުން ފިލްމު ބަލަން ވެސް ދިޔައީ ވަރަށް ފޯރީގައެވެ. މި ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރި ފިލްމެކެވެ. ހަތަރު އަހަރު ފަހުން "ކަޅަކި" ބެލުމުގެ ފުރުސަތު އެންމެފަހުން ލިބުނެވެ.

  • މައިގަނޑު ތަރިން

އަލީ ސީޒަން (ނިމާލް)، ޔޫސުފް ޝަފީއު (ޝާރިފް)، މުހައްމަދު މަނިކު (ޒާލިފް)، އާމިނަތު ރިޝްފާ (މާޝިދާ)، ވާޝިޔާ މުހައްމަދު (ޒިޔާނާ) އަދި އާމިނަތު ލަހުފާ (ލަމްހާ) އެވެ.

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ފިލްމު ފެށިގެންދިޔައީ ޒިޔާނާ ޖަންގައްޔެއް ތެރޭ ބިރުން ދުވާ މަންޒަރެވެ. މީހަކަށް ފިލަންވެގެން ދުވެ މީހާ ވަރުބަލިވެގެން ދާއިރު ވެސް އެ ބިރުވެރިކަމުން އޭނާ އަށް ސަލާމަތެއް ނުވެވެއެވެ. މީހަކު އޭނާ މަރާލަން އަންނަ ކަމުގެ އިހުސާސެއް ޒިޔާނާ އަށް ކުރެވުނު އިރު އޭނާ ހަމަބިމަށް އަންނަނީ ޝާރިފް އައިސް އޭނާ ކުރިމައްޗަށް އެރުމުންނެވެ. ފަހަތުން ކޮއްކޯ އޭ ކިޔަމުން ނިމާލްވެސް އައެވެ. ފެނިގެންދިޔައީ ލަންކާގެ ހިތްގައިމު މާހައުލެވެ. ޒިޔާނާ އަކީ އޭނާގެ ހަޔާތުގައި މަސްތުވާތަކެތި ވަރަށް ގަދައަށް ބޭނުންކޮށްފައި ހުރި ޒުވާނެކެވެ. އެކަމުން ސަލާމަތްވުމަށް މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލީ ހަމަ ކުއްލިއަކަށެވެ. އޭގެ ސަބަބުން އޭނާގެ ހަށިގަނޑަށް އުނދަގޫތަކެއް ކުރުވައެވެ.

އެ އުނދަގޫތަކަށް ފަރުވާ ހޯދުމަށް ސައިކޭސްޓްރިކް ޒާލިފަށް، ޒިޔާނާ ދައްކައެވެ. ޒާލިފް އަކީ ޝާރިފްގެ ގާތް އެކުވެރިއެއް ކަމުން ކޮއްކޮ ޒާލިފް އަށް ދައްކާކަށް ނިމާލަށް މާ އުނދަގުލެއް ނުވިއެވެ. އެންމެ ކުރީއްސުރެވެސް އެންމެ ގާތް އެކުވެރިޔާ ޝާރިފް އާއެކު ލަންކާ އަށް ދަނީ ކޮއްކޮ ޒިޔާނާ ގޮވައިގެން ޒާލިފް އަށް ދައްކާލާ ބޯ ހަމަޖައްސާލާށެވެ. ޒާލިފް އާ ދެ އަނތްބަށް އިނދެގެން އުޅޭ މާޝިދާ އާއި އޭނާގެ ކޮއްކޮ ލަމްހާ ވެސް މި ދަތުރުގައި ބައިވެރިއެވެ. ލަންކާގެ ފަސް ކޮޓަރީގެ ބޮޑު އެޕާޓްމަންޓެއްގައި މި މީހުން ތިބި ނަމަވެސް އެމީހުން ކުއްޔަށް ހިފީ ތިން ކޮޓަރިއެވެ. ޝެއާކުރާ ގޮތަށެވެ. އެ އެޕާޓްމަންޓުގައި އަބަދުވެސް ތަޅުލާފައި ހުރި ކޮޓަރިއެއް ހުރެއެވެ. ގޭގެ ވެރިފަރާތް ބުނީ އެއީ އެ ކޮޓަރިން ފެން ފައިބާތީ ކަމަށެވެ.

ކަޅަކި ގެ ޕްރޮޑިއުސަރު ނިއުމާ އާއި ފިލްމުގެ ތަރިން ކަމަށްވާ ރިޝްފާ، ވާޝިޔާ އަދި ލަހުފާ---

ކޮންމެއަކަސް ފިލްމު ކުރިއަށް ދާ ވަރަކަށް ނިމާލް އާއި މާޝިދާ އާ ކޮންމެވެސް ގުޅުމެއްވާ ކަމަށް ހިތް ބުންޏެވެ. ދެމީހުން އެކަކު އަނެކަކަށް ފޮނުވާ ސިގްނަލުތަކުން ވެސް އެކަން ހާމަވިއެވެ. އެންމެފަހުން އެނގުނީ އެދެމީހުންނަކީ ކުރީގެ ދެ ލޯބިވެރިން ކަމަށެވެ. ހަވީރުގެ ހިތްގައިމު ވަގުތު އެންމެން ކަހަލަ ގޮތަކަށް ބޭރަށް ނުކުންނަނީ ހިނގާލުމަށެވެ. ނިމާލް އާއި މާޝިދާ ފިޔަވައެވެ. ދެމީހުންނަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. ސިއްރުން ބައްދަލުކުރުމަށް ދެމީހުންނަށް އޮޅިގެން ވަދެވުނީ އެއްކަލަ ތަޅުލާފައި ހުރި އެކަހެރި ކޮޓަރި އަށެވެ. ކަންދިމާކުރި ގޮތުން އެ ވަގުތު ކޮޓަރީގެ ދޮރު ހުރީވެސް ހުޅުވިފައެވެ.

ދުވަސްތައް ފާއިތުވަމުންދިޔަ ނަމަވެސް ޒިޔާނާގެ ބައްޔަށް ލުޔެއް ނުލިބުނެވެ. އޭނާގެ ބަލިގަނޑު އިތުރަށް ބޮޑުވެއެވެ. ޑަކްޓަރު ޒާލިފް އަށްވެސް، ޒިޔާނާ އަށް ވެފައި ހުރީ ކިހިނެއް ކަމެއް ސީދާ ބުނެދޭން ދަތިވެއެވެ. މާޝިދާ އަށް އާދަޔާ ހިލާފު ގޮތްތަކެއް ވާން ފަށައެވެ. ލަމްހާ އަށާއި މާޝިދާ އަށްވެސް ގޭތެރެއިން ފާޑުފާޑުގެ އަޑުތަކާއި އެއްޗެހި ފެންނަން ފަށައެވެ. އެ ވާހަކަ ފިރިމީހާ ޒާފިލް ގާތު ބުނުމުންވެސް އޭނާ އެކަން ގަބޫލުނުކުރިއެވެ. އެއީ ބިރުން ހުރުމުން ހީވި ގޮތެއް ކަމަށް ޒާލިފް އޭނާގެ އަނބިމީހާ ގާތު ބުނެއެވެ. ނަމަވެސް އެ ބިރުވެރިކަން ނުހުއްޓުނެވެ. ކަންތައްތައް އަތުން ދޫވެ މާބޮޑަށް ބޮއްސުންލައިގެން ދެއެވެ. ޒިޔާނާ އަށް ކޮންމެވެސް އެއްޗެއް އަވަލައެވެ.

އެކަން އެންމެ ފުރަތަމަ އިހުސާސްވީ ޝާރިފް އަށެވެ. ދެން ނިމާލު އަށެވެ. ނަމަވެސް އެކަން ޒާލިފް ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ޒިޔާނާ ރަނގަޅު ކުރެވޭނީ ޑަކްޓަރީ ފަރުވާއިން ކަމަށް ޒާލިފް ބުނެއެވެ. ނަމަވެސް ހަގީގަތާ ކުރިމަތިލާންޖެހެނީ ޒާލިފް އަށް ވެސް ދިމާވާ ހާދިސާއަކުންނެވެ. ބިރުވެރި އެތައް ކަންތައްތަކެއް ފެނިގެންދިޔަ މި ފިލްމުގައި ސިއްސަ ސިއްސައިގެންވެސް ދާފަހަރު ގިނައެވެ. "ކަޅަކި" އަކީ ނޭވާ ހިފަހައްޓައިލައިގެން ސީޓުގައި ބާރަށް ހިފަހައްޓައިގެން އިނދެ ބަލާ ނިންމާލެވުނު ފިލްމެކެވެ. ސިނަމާ ތެރެއިން ހަޅޭކުގެ އަޑު ނުކެޑެއެވެ.

ވާޝިޔާގެ އެކްޓިން ހަމަ މޮޅީއޭ!

ފިލްމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރީ ވެސް ވާޝިޔާއެވެ. އޭނާގެ އެކްޓިންވެސް ހަމަ މޮޅީއެވެ. އަވަލާފައި އިންނަ މީހެއްގެ ރޯލު ކުޅުމަކީ ހަގީގަތުގައި ވެސް ވަރަށް އުދަނގޫ ކަމެކެވެ. މީހާގެ ބޮލުން ފައްޓައިގެން ފައިގެ އިނގިލިތަކަށްވެސް ހަރަކާތް ގެންނަންޖެހެއެވެ. އެމީހަކީ ހަމަ ރަނގަޅަށް ވެސް އަވަލާފައި ހުރި މީހެއްކަން ބެލުންތެރިންނަށް ދައްކުވައިދޭންޖެހެއެވެ. އެކަން ވާޝިޔާ ކާމިޔާބު ކުރީ އޭނާ ދައްކުވައިދިން މޮޅު އެކްޓިން އިންނެވެ. އޭނާގެ ހަށިގަނޑަށް ގެންނަ ކުއްލި ބަދަލުތައް ވެސް އާޝޯހުވާ ފަހަރުވެސް އާދެއެވެ.

ކައިރީގައި އިން ކުއްޖާ ގާތު އިރުއިރުކޮޅާ "ވާޝިޔާ އަސްލުވެސް ހާދަ މޮޅޭ" ބުނެވުނު ފަހަރެއްވެެސް ނޭނގެއެވެ. ހަމަ އަސްލަށްވެސް ވާޝިޔާ ވަރެއް ނެތެވެ. މިއީ ބަތަލާ ކުޅުނު ފުރަތަމަ ފިލްމެވެ. ކޮވިޑްގެ ސަބަބުން މި ފިލްމު ރިލީޒްނުކުރެވި އޮތް އިރު އެ އަނދަވަޅުން ސަލާމަތްވެ މިހާރު ވާޝިޔާގެ ގިނަ ސީރީޒްތަކެއް ބެލުންތެރިންނަށް ވާނީ ފެނިފައެވެ. ނަމަވެސް ފިލްމު "ކަޅަކި" އަކީ ބަތަލާ ވާޝިޔާ ދިވެހި ފިލްމު އިންޑަސްޓްރީއަށް ތައާރަފްކުރި ފިލްމެވެ.

ސީނިއާ ތަރިންތަކާއެކު ދެން އިނީ އާ ތަރިއެކޭ ކަން ވެސް އިހުސާސްނުވެއެވެ. އޭނާގެ ފުރަތަމަ އެކްޓިން ހަތަރު އަހަރު ފަހުން ބަލައިލަން ލިބުމުން ހިތްހަމަޖެހުން ލިބުނެވެ. އާ ތަރިއެއްގެ އެކްޓިން އޭ ބުނެވޭ ވަރުގެ ޖާގައެއް ނެތެވެ.

ކަޅަކި ގެ ޕްރޮޑިއުސަރު ނިއުމާ އާއި ފިލްމުގެ ބައެއް ތަރިން--- ފޮޓޯ/ ފޭސްބުކް

ފިލްމުން ފެނުނު ދެން ތިބި ހުރިހާ ތަރިންގެ އެކްޓިން ވެސް ރަނގަޅު!

މި ފިލްމަކީ ގިނައިން ސީނިއާ އެކްޓަރުން ހިމަނައިގެން ކުޅެފައި އޮތް ފިލްމެކެވެ. ޔޫއްޕެ، ސީޒަން، މަނިކު އަދި ރިޝްފާ އޭ ބުނެފި ނަމަ ސުވާލު އުފެދޭނެ ޖާގައެއްވެސް ނޯންނާނެއެވެ. އަނެއްކޮޅުން ހުރިހާ ތަރިން އެއްކޮށް މި ފިލްމުން ފެނުމުން ސިފަވީ "ރީޔޫނިއަން" އެކެވެ. ވަރުގަދަ ފަހުލަވާނުންކޮޅެކެވެ. ފިލްމުގައި މަނިކު ކެރެކްޓާ ދެކެ ރުޅިއަންނަ ގޮތް ވެސް ވިއެވެ. އެކަމަކު އެ ކެރެކްޓާގެ ސަބަބުން ހޭންޖެހޭ ފަހަރުވެސް އައެވެ. ސީޒަން އާއި ޔޫއްޕެގެ ވާހަކަ ދައްކާނެ ކަމެއް ނެތްތާއެވެ. ހަމަ އެއްވަނައެވެ. ރިޝްފާގެ އެކްޓިން ފެނިގެންދިޔައިރު ވެސް ހީވީ ހަމަ އަސްލަށްވެސް އޭނާ ބިރުގަނެފައި ހުރިހެންނެވެ. އެހާވެސް މޫނުގެ ކުލަވަރު ރީއްޗެވެ.

ފިލްމުގައި ދެން ފެނިގެންދިޔައީ ލަހުފާގެ އެކްޓިންނެވެ. އާ ތަރިއެކޭ ބުނެވޭ ވަރުގެ ޖާގަ އެއް ނުދެއެވެ. މި ފިލްމަކީ ލަހޫގެ ވެސް ފުރަތަމަ ފިލްމެވެ. ޓިކްޓޮކްގައި ވެސް މަޝްހޫރު ލަހޫ މި ފިލްމުގައި ކުޅެފައިވާ ރޯލު ވަރަށް ކަމުދިޔައެވެ. މޫނުމައްޗަށް އޭނާގެ ގެންނަ ކުލަވަރު ސަޅިއެވެ. އެންމެ ފާހަގަކޮށްލެވުނީ އޭނާ އެކޮޅުވަތަށް ހިނގި މަންޒަރެވެ.

ކެމެރާ ކުރުމުން ފަށައިގެން މޭކަޕްވެސް ފުރިހަމައެވެ. ސިއްސަ ސިއްސައިގެން ދާ ޝޮޓުތައް ވެސް ފިލްމުގައި ގިނައެވެ. ފިލްމުގައި ހުރި އުނި ސިފަތައް ވެސް ފާހަގަކޮށްލާނަމެވެ. ބައެއް މަންޒަރުތަކުގައި އެޑިޓިންގެ މައްސަލަތައް ފާހަގަވިއެވެ. ފިލްމުގެ ނިންމުން އެހާ ކަމަކު ނުދިޔައެވެ. ފިލްމު ފެށިގެން ދިޔައީ ވަރަށް ރީތިކޮށެވެ. މެދުތެރެއިން ވެސް ރީއްޗެވެ. ހަމައެކަނި މައްސަލައަކީ ފިލްމު ނިންމާލި ގޮތެވެ. ބައެއް ސުވާލުތަކަށް ޖަވާބު ނުލިބި ފިލްމު ނިމުނުހެން ހީވިއެވެ. މި ކަންތައްތައް ފިލްމުން ފާހަގަވި ނަމަވެސް ޖުމްލަކޮށް މި ފިލްމަކީ ރީތި ފިލްމެކެވެ.

ޔޫއްޕެގެ ޑައިރެކްޝަން މޮޅެވެ. ހުރިހާ ތަރިންގެ އެކްޓިންވެސް ރަނގަޅެވެ. ދިރިއުޅުމުގައި ކުރެވޭ ކަމަކުން ނުވަތަ އެޅޭ ޅައެއްޗެއްގެ ސަބަބުން ދިރިއުޅުން ހަރާބު ވެގެންގޮސްދާނެ ކަން ފިލްމުން ދައްކުވައިދިނެވެ. ރަހުމަތްތެރިންނާ އާއިލާ އާއެކު ހަޅޭއްލަވާލަން އަންނަން ރަނގަޅު ބިރުވެރި ފިލްމަކަށް ނިއުމާގެ "ކަޅަކި" ވާނެއެވެ.