އަމާޒަކީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ހޯދައިދިނުން ކަމަށާއި، ކުރިއަށް އޮތް 20 ވަނަ މަޖިލީހުގައި އަންހެން މެންބަރުން ތަމްސީލު ކުރާ އަދަދު އިތުރުކުރަން ވެސް ބޭނުންފުޅު ވެ ވަޑައިގަންނަވާކަމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
"ސަންގު ޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބަށް ފަހު ރައްޔިތުންގެ ވިސްނުން ހުރީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާ އެކީ ކުރިއަށްދާ ގޮތަށް ކަމަށާއި، ރައްޔިތުންގެ ވިސްނުން ހުރީ ގައުމަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އެ ކޯލިޝަނަށް ފުރުސަތު ދިނުމަށް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ސަރުކާރުން ކޮށްދޭން ހުރި ކަންކަން ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ގިނަ މެންބަރުން ތިބުން މުހިންމެވެ.
ހަމަ އެހެންމެ 20 ވަނަ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރުމަށް ތައުލީމީ އަދި ރައްޔިތުން ބަލައިގަންނަ ބޭފުޅުން ތިއްބެވުމަށް ބޭނުންފުޅުވާ ކަމަށާއި، މަޖިލީހުގެ ތިންބައިކުޅަ އެއްބައި ގޮނޑިތަކުގައި އަންހެން މެންބަރުން ތިއްބެވުން ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް، މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މަޖިލީހަށް ކުރިމަތިލާން ބޭނުންވާ އަންހެން އެތައް ބޭފުޅުން އެބަ ތިއްބެވި ކަމަށާއި، އެ ބޭފުޅުން ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ހިތްވަރު ދެއްވާނެ ކަމަށެވެ.
އާބާދީ ކަނޑައެޅިފައިވާ ގޮތަށް ބަލައި، އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހަ ދާއިރާ އެއް އިތުރުކޮށް 93 ގޮނޑި އަށް މަޖިލީހުގެ ގޮނޑިތައް އިތުރުކުރުމަށެވެ. އެހެންކަމުން 20 ވަނަ މަޖިލީހުގައި ތިއްބަވާނީ 93 މަޖިލިސް މެންބަރުންނެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުންނެވެ. މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ އަންހެން ބޭފުޅުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.