ރާއްޖޭގެ ތަރައްގީގެ އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު، ދެއްވައިފިއެވެ.

މިގޮތަށް އެމެރިކާގެ ސަފީރު ވިދާޅުވެފައި ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.

މި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ދައުރުގައި، އެމެރިކާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާ ކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ދެއްވާނެކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެމެރިކާގެ ސަފީރުގެ ވާހަކަގައި، ދިވެހިރާއްޖެ-އެމެރިކާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މީގެ އިތުރުން އަލަށް ގާއިމުވެގެންދިޔަ އެމްބަސީގެ ސަބަބުން މި މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާކުރައްވަން ހަމަޖެހިފައިވާއިރު ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މުއިއްޒު ވެގެންދާނީ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސެވެ. އެހެންކަމުން މުއިއްޒަކީ ރާއްޖޭގެ އަށްވަނަ ރައީސެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ، އިންތިހާބީ ރައީސާ ވެރިކަމުގެ ބާރުތައް ހަވާލު ކުރަން ޖެހެނީ އެ ކަމަށް ހާއްސަ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން އެ މުއްދަތުގައި ހާއްސަ އޮފީހެއް އުފައްދައި ގިނަ ކަންތައްތަކެއް ކުރަން އޮވެއެވެ.