ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ހަމަޖައްސައިފިއެވެ.
އެކަން ހާމަކުރައްވާ މަޑުއްވަރީ ދާއިރަގެ މަޖިލިސް މެމްބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު، އާދަމް ޝަރީފް ވިދާޅުވީ ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ފަޒުލް ހޮވިވަޑައިގަންނަވާފައިވާ ކަމަށާއި މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ޕީއެންސީގެ ރައީސްގެ މަގާމު އަދާކުރެއްވީ އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) އެވެ. އަދި ނައިބު ރައީސްގެ މަގާމު އަދާކުރެއްވީ އާދަމް ޝަރީފެެވެ. އެހެންނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމަށްފަހު އެ ޕާޓީގެ މަގާމުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.
އެ ފާޓީގެ ރައީސްގެ މަގާމަށް މުއިއްޒު ހަމަޖެއްސެއްވުމަށްފަހު އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ހަމަޖައްސަވާފައިވަނީ މުއިއްޒުގެ ރަނިންމޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ. އަދި ޗެއާޕާސަންގެ މަގާމަށް އަދުރޭ ވަނީ ހަމަޖައްސަވާފައެވެ.
އެ ތިން ބޭފުޅުން ވެސް ޕީއެންސީގެ މަގާމުތަކަށް އިންތިހާބުކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި 41 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 40 މެންބަރުންގެ އިއްތިފާގުންނެވެ.
މުއިއްޒު ޕީއެންސީ އަށް ސޮއިކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހުގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނިމިދިޔަ އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް މުއިއްޒު ވެވަޑައިގަތީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ވޯޓު ދެއްވި 48 މެންބަރުންގެ ތެރެއިން 25 މެންބަރުންގެ އިއްތިފާގުންނެވެ.
އެއަށްފަހު މިދިޔަ މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބުކުރައްވައި، މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައި، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރައްވައި ރައީސް ކަމަށް ހޮވިވަޑައިގެންފައެވެ. މުއިއްޒާ ވާދަކުރެއްވި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ.