ހަމާސް އާ ދެކޮޅަށް ފަށާފައި ވަ ހަނގުރާމައިގައި ހަނގުރާމައިގައި އަމަލު ކުރުން މަނާ ކުރާ ބައިނަލްއަގުވާމީ ހުރިހާ އުސޫލެއް އިޒްރޭލުން މުގުރާލާފައި ވާ ކަމަށާއި އެކަމުގައި އެއްވެސް ފަރާތަކަށް އިޒްރޭލުގެ ސިފައިން ޒިންމާދާރުވެސް ނުކުރެވޭނެ ކަމަށް އެގައުމުގެ ދިފާއީ ވަޒީރު ބުނެ ގޮންޖަހއިފިއެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ބުނީ، އިޒްރޭލު ސިފައިން ޒިންމާވާން ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި އަދި ގެންދެވޭނެ އެއްވެސް އަސްކަރީ ކޯޓެއްވެސް ނުހުންނާނެ ކަމަށެވެ.
މީގެ އިތުރުން ބުނީ، ހަމާސްއިން އަތުލި ސަރަހައްދުތައް އަނބުރާ އަތުލާފައި ވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ފަލަސްތީނު ސުންނާފަތި ކޮށްލުމުގެ އޮޕަރޭންކަމަށެވެ. އެގޮތުން ގާޒާ އޮތްގޮތް ނޫން އަނެއް ގޮތަށް [180 ޑިގްރީ އަށް] އެފުށް މިފުށަށް ޖަހާލާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އޭނާ ބުނީ ހަމާސް އިން ބޭނުންވަނީ ގާޒާއަށް ބަދަލެއް ކަމަށާއި ފިސާރި ރަނގަޅަށް މިފަހަރު ބަދަލު ގެނެސްދޭނެ ކަމަށެވެ.
"އެމީހުން ހިތާމަ ކުރާނެ މިހާލަތަށް، ދެން ކުރިން އޮތް ގާޒާއެއް އެމީހުންނަކަށް ނުފެންނާނެ" ގަލަންޓްގެ ތަރުޖަމާން ބުނެފައިވެއެވެ.
އިޒްރޭލުން ހަމަލާތައް ފެށިފަހުން 4 ފަހަރަށް އެމެރިކާއިން ގުޅާ ހިތްވަރު ދީފައި ވާ އިރު، އެގައުމުގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވެފައި ވަނީ ހިފެހެއްޓުމެއް ނެތް ތާއީދާއި މަދަދު އިޒްރޭލަށް ދޭނެ ކަމަށާއި އިޒްރޭލުން އެދިފައި ވާ ވައިގެ މަދަދާއި ހަތިޔާރުވެސް ފޯރުކޮށްދޭނެ ކަމަށެވެ.
އިޒްރޭލާ ހަމާސް އާ ދެމެދު ހަމަލާ ބަދަލުކުރުން އަދިވެސް ކުރިއަށް ދާއިރު މިއަދުގެ ވަގުތެއްގައި ލުބުނާނުން ޕެކަގްރައިޑަރުންގެ 15 މީހަކު އިޒްރޭލުގެ ސަރަހައްދަށް ވަދެފައި ވާ ކަަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް އެމީހުންގެ ހަރަކާތްތަކާއި އެމީހުންނަށް ވީ ގޮތެއްގެ ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް ބައެއް ހަބަރުތައް ބުނާގޮތުން އިޒްރޭލަށް ވަން މީހުން އެކި ސަރަހައްދުތަކަށް ފައިބާފައި ވާ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް އިޒްރޭލު ސިފައިން ދަނީ ކުރަމުންނެވެ.
އިޒްރޭލާ ދެކޮޅަށް ހަމަލާ ދިނުމުގައި ފަލަސްތީނުގެ އަލް ގަސަމް ބްރިގޭޑާއި، އަލް އަގްސޯ ބްރިގެޑްގެ އިތުރުން ލުބުނާނުގެ ހިޒުބުއްލޯ ޖަމާއަތުން ހަރަކާތްތެރިވާ އިރު އިޒްރޭލަށް ވަނީ ކޮން ޖަމާއަތެއްގެ ބައެއް ކަމެއްވެސް އަދި ކަށަވަރު ނުވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
އިޒްރޭލުން ގާޒާއާއި ހުޅަނގު އައްސޭރިއަށް ބޮން އަޅަމުން ގެންދާއިރު، ކަރަންޓް ދިނުމަށްޓަކައި ހަމައެކަނި ހުރި އިންޖީނުގެއަށް ވެސް އިޒްރޭލުން ވަނީ ހަމަލާދީފައެވެ. ނަމަވެސް އެތަން އެއްކޮށް ހަލާކުވެފައި ނުވި ނަމަވެސް ތެޔޮ ހުސްވެ މުޅި ގާޒާ ކަނުއަނދިރި ކަމަށް ދާން ވަގުތު ކުޑަތަންވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދު ވި މީހުންގެ އަދަދު މިހާރު ވަނީ 1055 އަށް އަރާފައެވެ. އިޒްރޭލުން މަރުވި މީހުންގް އަދަދު 1200 ހުރަސް ކޮށްފިއެވެ.
ހަމާސް ކުޑަކަކޫ މައްޗަސް ތިރިކޮށް ގާޒާ ސުންނާފަތި ކޮށްލުމަށް ހިންގާ އަސްކަރީ އޮޕަރޭޝަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ދަނޑިވަޅުގެ ބޭނުން ހިފައި އިޒްރޭލު ބޮޑުވަޒީރު ވަނީ އިދިކޮޅު ޕާޓީގެ ލީޑަރު ބެނީ ގޭންޒް އާ އެކު ގުޅިފައިވާ ސަރުކާރެއް އެކުލަވާލައި ހަނގުރާމައާ ގުޅޭ ކެބިނެޓެއް އުފައްދަން އެއްބަސް ވެފައެވެ.
މިއީ ސިޔާސީ ގޮތުން ނަތަންޔާހޫއަށް ލިބުނު ބޮޑު ކާމިޔާބީއަކަށް ވާއިރު، އިޒްރޭލުގެ ބޮޑުވަޒީރު ކަމުގައި ދެމިހުރުމަށް އޭނާއަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމެއްވެސް މެއެވެ.
ހަނގުރާމައިގެ މައްސަލައިގައި ނޭޓޯއިން އިން ވެސް މިހާރު ވާހަކަ ދައްކާފައި ވާއިރު އެޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ބުނެފައި ވަނީ، އިޒްރޭލުން ދޭ ހަމަލާތަކަކީ ހަމާސް އިން ހަމަލާތަކުގެ މުގާބިލުގައި އެއާ އެއްވަރުގެ ރައްދަކަށް ވާން އެދޭ ކަމަށާއި ނަމަވެސް އަމިއްލަ ވަޒަން ދިފާއު ކުރުމުގެ ފުރިހަމަ ހައްގު އިޒްރޭލަށް ލިބިގެން ވާ ކަމަށެވެ.
ލުބުނާނުގެ ބޯޑަރުން އިޒްރޭލުގެ ތެރެއަށް ރޮކެޓް ހަމަލާ އާއި ޑްރޯން ހަމަލާ ދޭ މައްސަލައިގައި އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފައި ވާ އިރު، އެކަން ގާތުން ބަލަމުން ދާ ކަމަށް ބުނެފައި ވެއެވެ. އަނެއްކޮޅުން އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވެސް ވަނީ ލުބުނާނުގެ ހަމަލާތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ހަނގުރާމައިގައި މިސްރާބު ބަަދަލުވެދާނެތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފަައެވެ.
އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތަކުގައި ގިނަ އަދަދެއްގެ މީހުން ޝަހީދު ވަމުން ދާ އިރު، ސުލްހަ ބަލަހައްޓާ އދ ގެ ޓީމުގެ 11 މެންބަރަކާއި ސިއްހީ މަސައްކަތުގައި ހަރަކާތްތެރިވާ ވޮލަންޓިއަރުންގެ ތެރެއިން 5 މީހަކު މަރުވެފައި ވާ ކަަމަށް ވެސް ހަބަރުތައް ބުނެއެވެ.
އަދި ކަރަންޓްގެ ދަތިކަން ދިމާވެފައި ވުމުން، އަލަށް ވިހޭ 100 ކުދިންނާއި ޑައިލަސިސް ހަދަން ޖެހިފައިވާ 1100 އަށް ވުރެ ގިނަ މީހުންނަށް އެކަށީގެންވާ ހިދުމަތް ނުދެވި ސިއްހީ ހިދުމަތް ދޭ ފެސިލިޓީތަކުގައި މަސައްކަތް ކުރާ އޮފިޝަލުން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.