ފަލަސްތީނު ރައްޔިތުންނަށް ނަސްރު ދެއްވުންއެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އިޒްރޭލިގެ ސަހްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތް ކޮށްދެއްވާ، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުން އެދި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގުނޫތު ނާޒިލާ ކިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގައި އިއުތިދާލުގައި، ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

ގުނޫތު ކިޔަން ފަށާނީ މިއަދުގެ މަގްރިބް ނަމާދުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

ހަމާސް އިން އިޒްރޭލަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ވަރަށް ބޮޑަށް ނުރައްކާ ވެފައިވާއިރު އިޒުރޭލުން ވެސް ދަނީ ފަލަސްތީނަށް ބާރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 900 އަށްވުރެއް ގިނަ މީހުން ވަނީ ޝަހީދުވެފައިވެއެވެ.

ފަލަސްތީނަށް އެހީ ފޮނުވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފަންޑުތައް ވެސް ރާއްޖޭއިން ހުޅުވާލާފައިވާއިރު ފަލަސްތީނުގެ މީހުންނާ އެކު ދިވެހިން ތިބިކަން އަންގައިދޭން އަންނަ ހުކުރު ދުވަހު ހަވީރު މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.